މާލޭގެ ހެންވޭރުގައި ހުންނަ މަސްޖިދު އިބްރާހީމް މިސްކިތް އެއްކޮށް އޭސީ ކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހަޅުއްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ސަހުލާ ވިދާޅުވީ، ދެ ބުރިއަށް ހަދާފައިވާ މަސްޖިދު އިބްރާހީމަކީ ހެންވޭރުގެ ގިނަ އަދަދެއްގެ ރައްޔިތުން ނަމާދު ކުރުމަށް ބޭނުންކުރަމުން އަންނަ މިސްކިތެއް ކަމަށެވެ. އަދި މިސްކިތުގައި ވަރަށް ބޮޑަށް ހޫނުގަދަވަމުންދާތީ، ނަމާދުކުރަން އަންނަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިސްކިތް އޭސީ ކޮށްދިނުމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަހުލާ އިތުރަށް ވިދާޅުވީ، ކައުންސިލުން ހެދި އެސެސްމެންޓުން ދައްކާ ގޮތުގައި މިސްކިތުގެ ދެ ފަންގިފިލާ އެއްކޮށް އޭސީ ކުރުމަށްޓަކައި މަދުވެގެން 24،000 ބީޓީޔޫގެ 26 އޭސީ ބޭނުންވާ ކަމަށެވެ. އެއީ ގްރައުންޑް ފްލޯއަށް 14 އޭސީ އަދި ފުރަތަމަ ފަންގިފިލާއަށް 12 އޭސީއެވެ.
މޭޔަރ އާދަމް ޢާޒިމާއި، ކައުންސިލަރުންގެ އިތުރުން މުވައްޒަފުން މިސްކިތްތައް މަރާމާތުކޮށް ޒަމާނީ ފެންވަރަށް ގެނައުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި ސަހުލާ ވަނީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަސްޖިދު އިބްރާހީމަށް ވެސް މި ދައުރުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސަހުލާ ވަނީ ސަރުކާރުން ސިޓީ ކައުންސިލަށް ކުރަމުންދާ ޖެއްސުންތައް ހުއްޓާލުމަށް ވެސް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ މޭޔަރާއި ކައުންސިލަރުންގެ ބާރުތައް ނަގައި، މަސައްކަތްތަކަށް ހުރަސްއަޅަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި، މިސްކިތްތަކާއި މަގުތައް ބެލެހެއްޓުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
