މާލެ ސިޓީގެ ކަންކަމުގައި ހުރި ކަންބޮޑުވުންތަކާއި، ގަވާއިދާ ޚިލާފު އަމަލުތައް ނުވަތަ އިޞްލާޙުކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.
މޭޔަރު ޢާޒިމް މިކަމަށް އިލްތިމާސް ކުރެއްވީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ވެރިކަން ހިންގުމުގެ ހުރިހާ ނިޒާމެއްގެ އަސާސަކަށް ވާންޖެހޭނީ ދެފުށް ފެންނަ، އަދި ޖަވާބުދާރީވަނިވި އުޞޫލުތައް ކަމަށެވެ. އެހެންކަމުން މާލެ ސިޓީގެ ކަންކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ގަވާއިދާ ޚިލާފު ކަންކަމުގެ މައުލޫމާތު އަދި އިސްލާހުކުރަން ފެންނަ ކަންކަން ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް މިފަދަ މަޢުލޫމާތުތައް ފަސޭހަކަމާއެކު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ޚާއްޞަ އީމެއިލް އެޑްރެހެއް ކަނޑައަޅާފައެވެ. އެގޮތުން މަޢުލޫމާތު ފޮނުވުމަށް ކަނޑައަޅާފައިވާ އީމެއިލް އެޑްރެހަކީ [email protected] އެވެ.
މޭޔަރުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވީ ރައްޔިތުންގެ ޚިޔާލާއި ބަހަކީ ނުހަނު އަގުހުރި އެއްޗެއް ކަމަށެވެ. އަދި އެންމެން ގުޅިގެން މަސައްކަތްކޮށް، މާލެ ސިޓީ ކައުންސިލަކީ ދެފުށް ފެންނަ، ޒިންމާދާރު، އަދި ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
