މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން ދިމާވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް މިއަދު އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން މިއަދު ސިޓީ ކައުންސިލުން ވަނީ މ. ފުލޫނިޔާ މަގާ ގުޅިފައިވާ ގޯޅިތަކުގެ ކަންމަތިތަކުގައި ޕާކުކުރުން މަނާ ސަރަޙައްދުތައް ފާހަގަކުރުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން އެ ސަރަހައްދުތަކަކީ ޕާކުކުރުން މަނާ ތަންތަންކަން އަންގައިދިނުމުގެ ގޮތުން ރީނދޫ ކުލައިގެ ދެ ރޮނގު ދެމުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން މަގުތައް ވަރަށް ބޮޑަށް ތޮއްޖެހެމުންދާ ކަމަށެވެ. އަދި މިގޮތަށް ރީނދޫ ރޮނގު ދަމައި ފާހަގަކުރުމުން އެ ތަންތަނުގައި ޕާކު ނުކުރެވޭނެ ކަމަށާއި، އެއީ މަނާކަމެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލުން މި ފެށި މަސައްކަތަކީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަ، އަމާން ތަނަކަށް ހެދުމަށްޓަކައި ކުރެވެމުންދާ މުހިންމު މަސައްކަތެކެވެ. ކުރިއަށް އޮތް ތަނުގައިވެސް މާލޭގެ އެކި ސަރަޙައްދުތަކުގައި މިފަދައިން ރޮނގުދެމުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
