ހުޅުމާލެ ފޭސް 2ގެ ރެސިޑެންޝަލް ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެންގުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާގައި، އެވަގުތު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކުއްލި މައްސަލައެއްގެ ގޮތުގައި، މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހަޅުއްވަމުން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ވިދާޅުވީ، ފަހަކަށް އައިސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރެސިޑެންޝަލް ޓަވަރުތަކުން ކުޑަކުދިން ވެއްޓޭ ހިތާމަވެރި ހާދިސާތައް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން، އިއްޔެ ވެސް ސްޓެލްކޯ ރެސިޑެންޝަލް ޓަވަރެއްގެ 12 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުން ދެ އަހަރުގެ ތުއްތު ކުއްޖަކު ވެއްޓި ނިޔާވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ތުއްތު ފުރާނައަށް ޖަންނަތުލް ފިރުދައުސްގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި އޭނާ ދުއާކުރެއްވިއެވެ.
ޒަހިއްޔާ ވިދާޅުވީ މިފަދަ އެތައް ހާދިސާއެއް ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާތީ، މިކަމަށް ދާއިމީ ހައްލެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އަދި ބޭރުގެ އެކި ގައުމުތަކުގައި ވެސް މިފަދަ މައްސަލަތައް ހައްލުކުރުމަށް އަޅާ ފިޔަވަޅަކީ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރުން ކަމަށްވާތީ، ރާއްޖޭގައި ވެސް އެ އުސޫލަށް އަމަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މިކަން ކުރުމުގެ މައިގަނޑު ޒިންމާ އޮތީ އެޗްޑީސީއަށް ކަމަށާއި، މި ފިޔަވަޅު ނާޅައިފިނަމަ އިތުރު ފުރާނަތަކެއް ގެއްލިގެންދާ ފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވުމުގެ ބިރު އެބައޮތް ކަމަށް ވެސް ޒަހިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކޮންމެ ރެސިޑެންޝަލް ޓަވަރެއްގެ ބަލަދުވެރި ކުންފުންޏާ ގުޅިގެން އެ ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ވެސް ޒަހިއްޔާ ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ ދުވަހެއް ދުވަހަކަށް އާބާދީ އިތުރުވަމުން އަންނަ އެ ސަރަހައްދުގައި ޚާއްސަ އުސޫލަކުން ޓްރެފިކް ބެލެހެއްޓެން ޖެހޭ ކަމަށާއި، މިކަމަށް ފުލުހުންނާ ގުޅިގެން އަވަސް ހައްލެއް ގެނައުމަށް ވެސް އެޗްޑީސީއަށް އެންގުމަށް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
