ދަތުރުފަތުރުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ސަބަބުން، މާލެ ސިޓީ ކައުންސިލަށާއި މާލޭގެ ރައްޔިތުންނަށް ލިބެމުންދާ މުހިންމު ޚިދުމަތްތަކަށް ނުހަނު ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މޭޔަރު ޢާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބިލާ ގުޅިގެން ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުންދިޔަ އާމްދަނީ ސީދާ ކައުންސިލަށް ނުލިބޭގޮތް ހެދުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
މޭޔަރު ފާހަގަކުރެއްވި ގޮތުގައި، ވެހިކަލް ފީގެ ގޮތުގައި ލިބޭ ފައިސާއަކީ މާލޭގެ މަގުތައް މަރާމާތުކުރުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، ވިއްސާރަވެ ފެންބޮޑުވާ ޙާލަތްތަކުގައި ފެން ހިންދުމަށާއި، ޑިޒާސްޓަރ ފަދަ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ ފައިސާއެވެ.
މީގެއިތުރުން، މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން ފަދަ އިޖުތިމާޢީ އެތައް މުހިންމު ޚިދުމަތްތަކަކަށް ވެސް ބޭނުންކުރަމުން އައީ އެ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، މި ފައިސާ ކައުންސިލުން އުނިކުރުމަކީ ރައްޔިތުންނަށް ދެމުންދާ މިފަދަ ޒަރޫރީ ޚިދުމަތްތައް ހުއްޓުމަކަށް އައިސް، މުޅި މާލޭގެ ޢާންމު މަޞްލަޙަތަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.
މާލެ ސިޓީގެ ރައްޔިތުންގެ ޙައްޤުގައި، ލާމަރުކަޒީ ނިޒާމުގެ ޙަޤީޤީ ރޫޙާ އެއްގޮތަށް، ޓްރާންސްޕޯޓް ޤާނޫނަށާއި ބިން އަތުލެވޭ ޤާނޫނަށް ގެނެވުނު ބަދަލުތައް މުރާޖަޢާކޮށްދެއްވުމަށާއި، ކައުންސިލަށް ލިބެންޖެހޭ މާލީ ބާރުވެރިކަން އަނބުރާ ހޯއްދަވައިދެއްވުމަށް މޭޔަރ އާދަމް ޢާޒިމް ވަނީ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ
