މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 06 ސެޕްޓެމްބަރ 2026


އަނެއްކާވެސް ވިޔަފާރިވެރިންގެ މިސްކިތުން ވައްކަން ކޮށްފި

މާލޭގެ މަސްޖިދުލް ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) އިން އަނެއްކާވެސް ވައްކަން ކޮށްފިއެވެ.

މިފަހަރު އެ މިސްކިތުން ވަގަށް ނަގާފައިވަނީ މިސްކިތުގައި ބަހައްޓާފައި ހުރި ބޮޑު ޑަސްބިނަކާއި 50 ފޫޓަށް ވުރެ ދިގު ފެންޖަހާ ހޮޅިއެކެވެ.

ކައުންސިލުން ވަނީ މި މައްސަލަ މިހާރު ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފައެވެ.

ވިޔަފާރިވެރިންގެ މިސްކިތުން މިފަދަ ވައްކަމެއް މި ފަހުން ވެސް ވަނީ ކޮށްފައެވެ. އެގޮތުން ދާދި ފަހުން ވެސް އެ މިސްކިތުގެ ތިރީ ފަންގިފިލާއިން ވަނީ ޖުމްލަ ހަތަރު ލައިޓެއް ވަގަށް ނަގާފައެވެ. މިސްކިތްތަކުގައި ހުންނަ ތަކެއްޗަށް ގެއްލުންދީ، ވައްކަން ކުރުމުގެ މައްސަލަތައް މި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޖީބު އަމަލެއް ކަމަށެވެ. އަދި މިފަދަ ނާތަހުޒީބު، ޢައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތައް އަވަހަށް ހޯދައި، އެ ފަރާތްތަކަށް ޤާނޫނީ ގޮތުން ދޭންޖެހޭ ޙައްޤު އަދަބު ލިބެންޖެހޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ޖުމްލަ 41 މިސްކިތެއް މާލެ ސަރަހައްދުގައި ހުންނައިރު، މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ގެއްލުން ދިނުމަކީ ދޭތެރެދޭތެރެއިން ތަކުރާރުވަމުން އަންނަ ބޮޑު މައްސަލައެކެވެ.

މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން މިސްކިތްތަކުން ނަމާދުކުރާ ފަރާތްތަކަށް ދޭ ޚިދުމަތްތަކަށް ބުރޫއަރައި، ސިޓީ ކައުންސިލަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކާ ދަނީ ކުރިމަތިވަމުންނެވެ.