ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުންހިންގުމުގެ ޤާނޫނު (ޤާނޫނު 7/2010) 107 ވަނަ މާއްދާގައި، ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރުގެ ދެވަނަ ބައްދަލުވުން، 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި ލޮނުޒިޔާރަތް ޕާކުގައި ބޭއްވުމަށް، މާލޭ ސިޓީ ކައުންސިލުން ނިންމައި، މި ބައްދަލުވުމަށް ވަޑައިގެންނެވުން އެދި، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ވަނީ ދަޢުވަތު ފޮވާފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ސިޓީ ކައުންސިލުގެ، ކުރިޔަށް އޮންނަ އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި، ރައްޔިތުންގެ ޚިޔާލު ހޯދުމެވެ. މީގެ އިތުރުން ސިޓީ ކައުންސިލުގެ މަސައްކަތް، ވީހާ ގާތުން ރައްޔިތުންނާ ހިއްސާކޮށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި ލަފާޔާއެކު، ރައްޔިތުންނަށް އެންމެ ފަސޭހަ، ފައިދާ ހުރި އަދި ވީހާ އަވަހަށް، ޚިދުމަތް ފޯރުކޮށް ދިނުމަށް މަގު ފަހިކުރުމަކީ ވެސް، މި ބައްދަލުވުމުގެ ބޭނުމެކެވެ. 29 ފެބުރުއަރީ 2024 ގައި ވަނީ، މި އަހަރުގެ، މި ފަދަ ފުރަތަމަ ބައްދަލުވުން ބާއްވާފައެވެ.