ޕްރެސް ރިލީސް

މާލެ ސިޓީ ކައުންސިލް 04 ސެޕްޓެމްބަރ 2024

ގައުމީދުވަސް ފާހަގަކުރާއިރު ލިބިގަންނަވީ ފިލާވަޅުތައް

ޤައުމީ ދުވަހަކީ ދިވެހިރާއްޖޭގައި ފާހަގަކުރާ އެންމެ ޝަރަފުވެރި، އެންމެ ފަޚުރުވެރި، ދުވަސް ކަމުގައި ވަނީ، ވަރަށް ގިނަ ސަބަބުތަކާ ހުރެއެވެ. އެ ދުވަހަކީ ދުނިޔޭގެ ނިސްބަތުން އޭރު ބޮޑު ބާރަކާ، ގެރިއްލާ ހަނގުރާމަކޮށް 15 އަހަރުގެ އަނިޔާވެރި އަޅުވެތިކަމުގެ ކަސްދޮޅުތަކުން ދިވެހި ޤައުމު މިނިވަން ކުރުމަށް ޢާއްމު، މަދު ދިވެހިން ދަރިންތަކެއް، ރޭވުންތެރިކަމާއެކު ޤައުމަށް ޓަކައި ވެ ވަޑައިގެންނެވި މަތިވެރި ޤުރުބާނީ، ހަނދާންކޮށްދޭ ދުވަސް ކަމަށް ވާތީއެވެ. މި ހާދިސާއިން ހަދާން އާކޮށްދެނީ، އުތީމު 3 ބަޠަލުންނާއި ދުވާފަރު ދަންޑަހެލުގެ ހިތުގައި، ޤައުމަށް ޓަކައި އޮތް މަތިވެރި ލޯތްބާއި ޤައުމު ދިފާޢުކުރުމަށް ޓަކައި ހިތުގައި އޮތް ޣީރަތްތެރިކަމެވެ.

މި ބަޠަލުންގެ މި ޖިހާދުން މިއަދު އަޅުގަނޑުމެން ލިބިގަންނަވީ ފިލާވަޅުތަކެއް އެބަހުއްޓެވެ. އެއީ ހުރިހާ ކަމަކަށް ވުރެ ޤައުމު އިސްކުރުމުގެ ފިލާވަޅެވެ. ކަންކަމާއި ކުރިމަތިލާއިރު ބުއްދިއާއި ވިސްނުން އިސްކުރުމުގެ ފިލާވަޅެވެ. ޤައުމީ ކަންކަމުގައި ގުޅިގެން، އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފިލާވަޅެވެ. ދައްޗާއި ތުރާލާއި އުނދަގުލުގައި ވެސް، ކެތްތެރިކަން އިސްކޮށް މާޔޫސްނުވެ ކުރިޔަށް ދިއުމުގެ ފިލާވަޅެވެ. މާއްދީ އަމިއްލަ އެދުމާއި މަވެތިކަން އިސް ނުކުރުމުގެ ފިލާވަޅެވެ.

ޤައުމީ ދުވަހުގެ ބަޠަލުންގެ ޖިހާދުގެ ހަނދާން އާކޮށް، އެ ޖިހާދުން ލިބިގަންނަންޖެހޭ ފިލާވަޅުތައް ދިރާސާކޮށް ޢަމަލީ ގޮތުން އެ ފިލާވަޅުތައް ތަންފީޒު ކުރުމަށް، މިއަށްވުރެ ވަކިން މުނާސަބު ދުވަސްވަރެއް ދިވެހިން ދެކަފައިވާކަމަކަށް އަޅުގަނޑު ނުދެކެމެވެ. މިއަދު ދިވެހިރާއްޖެ މިވަނީ މާލީ އަދަވަޅެއްގެ ތުންފަތްމަތީގައެވެ. މި ދަނޑިވަޅުގައި، ޚަރަދު ކުޑަކުރުމަށް ވިސްނައި، ލިބޭ މިންވަރަށް ވިސްނައިގެން، ބޭނުންތަކަށް ބަހާލައި، ފަހަށް ރައްކާކުރުމުގެ އާދަ ހަރުލައްވަން ޖެހެއެވެ. މިއަދު ދިވެހި ޤައުމުގައި މި ވަނީ، ޤައުމުގެ ސިޔާދަތަށް ނުރައްކާ ވާވަރަށް ބޭރު މީހުން އިތުރު ވެފައެވެ. މި ދަނޑިވަޅުގައި، ވޭތުވެދިޔަ ޖީލުތަކުގައި މި ޤައުމުގައި ދިރިއުޅެފައިވާ، ކެރޭ، ހީވާގި، މުރާލި، ދިވެހިންގެ ހިތްވަރުން ހިތްވަރު ލިބި، އެ މީހުން ހިނގި މަގުން ހިނގަން ޖެހެއެވެ. މިއަދު މިވަނީ، ޤައުމުގައި އެކި ކަންކަން ކުރުމަށް ރޭވިފައިވާ އުޞޫލުތައް މުގުރާލައި، ވިޔާފިރިއާއި ކާބޯތަކެތި އުފެއްދުން، ޢާއްމުޞިއްޙަތަށް ގެއްލުންވާ ގޮތަށް، ޢާއްމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް ކުރުމުގެ ސަޤާފަތެއް، މާލޭގައި ދިރިއުޅޭ ބޭރުމީހުންނާއި ދިވެހިންގެ ތެރޭގައި އުފެދިފައެވެ. މި ކަން ޙައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ.

ކާރޫބާރު ބޮޑުވެ ތޮއްޖެހިފައިވާ މާލޭގެ މަގުތައް، ހިތުހުރި ގޮތަކަށް ބޭނުންކޮށް، ޤާނޫނަށް ބޯ ނުލެބުމުގެ އާދަ ކަށީގައި ހަރުލާފައިވާ ޖީލެއް، މި މުޖުތަމަޢުގައި ވަނީ އުފެދިފައެވެ. މި ކަން ހުއްޓުވުމަށް ޤާނޫނާއި ޤަވާޢިދަށް ބޯލަނބައި، އަނެކުން ބޯ ލެންބެވުމަށް މަސައްކަތް ކުރުމަކީ، މުޖުތަމަޢުގައި އުޅޭ އަފުރާދެއްގެ ޙައިސިއްޔަތުން، ކޮންމެ މީހެއްގެ ވެސް ޒިންމާއަކަށް ހަދަން ޖެހެއެވެ. އަޅުގަނޑު މި ފާހަގަކުރި ކަންކަމާ މެދު ފުންކޮށް ވިސްނައިވަޑައިގެން، ޢަމަލުން އެ ކަންކަން ދެއްކުމަށް އިލްތިމާސް ކުރަމެވެ. ލޮބުވެތި ދިވެހި ހުރިހާ ރައްޔިތުންނަށް ހިތުގެ އިޚުލާޞްތެރިކަމާއެކު ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސް ކުރަމެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް