މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައިވާ ރިވެތި އިރުޝާދުދޭ ބޯޑު.

މާލެ ސިޓީ ކައުންސިލް އިދާރާ22 އޭޕްރިލް 2022


މާލޭގެ އެކި ސަރަޙައްދުތަކުގައި ރިވެތި އިރުޝާދުދޭ ބޯޑު ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި

މާލެ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަޙައްދުތަކުގައި ރިވެތި އިރުޝާދުދޭ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ބޯޑުތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

މިފަދަ ރިވެތި އިރުޝާދުދޭ ބޯޑުތައް ހެދުމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ކުރުމަށް ނިންމާފައިވާ ކަމެކެވެ. މި ބޯޑުތަކުގެ ބޭނުމަކީ ރިވެތި އުސޫލުތައް އާންމު ރައްޔިތުންނަށް ކިޔައިދިނުމާއި ރިވެތި އުސޫލުތަކުން ކަންކަން ކުރުމަށް މީހުންނަށް ބާރުއެޅުމެވެ.

މި މަސައްކަތްފެށިގެން ދިޔަކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ރިވެތި އިރުޝާދުދޭ ކުދި ބޯޑުތަކުގެ އިތުރުން މިފަދަ އިރުޝާދުދޭ ބޮޑަތި ބޯޑުތައްވެސް ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކުރެވިގެންދާނެ ކަމަށެވެ.

މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ހަރުކުރުމަށް ހަމަޖެހިފައިވަނީ 100 ބޯޑެވެ. އަދި މިފަދަ އިރުޝާދުދޭ ބޮޑެތި 10 ބޯޑު ހަރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މާލެ ސިޓީ ކައުންސިލުން ރިވެތި އުސޫލުތަށް އަންގައިދޭ ބޯޑުތަށް މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ހަރުކުރުމުން އެކިއެކި ދީނީ އިލްމުވެރިނާއި އާންމު ރައްޔިތުން އަންނަނީ ޝޯޝަލް މީޑިއާގައި މޭޔަރަށާއި ކައުންސިލަށް ތަޢުރީފުކުރަމުންނެވެ. ރިވެތި އިރުޝާދުދޭ މި ބޯޑުތައް ފަރުމާކޮށްފައިވަނީ ކަމާއިބެހޭ ފަންނީ މީހުންގެ އިރުޝާދާއި ލަފާގެ މަތިންނެވެ.

"ޗާލު މާލެ ސިޓީ" މި ޝިއާރުގެ ދަށުން މާލެ ސިޓީއަށް ހިތްގައިމުކަން ގެނެސްދިނުމަށް، މަގުތަކުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މަގުމަތި ބޭނުންކުރުމުގެ ހަމަތައް އެކަށައަޅައި، މުޅި ރަށް ފެހިކޮށް، ކުނީގެ އުނދަގުލުން ރައްޔިތުން ސަލާމަތްކޮށް، ނަމޫނާ ފަރުމާތަކަކަށް އިޖްތިމާޢީ އަދި އިޤްތިޞާދީ ބޭނުމަށް ތަންތަން ފަރުމާކުރުމަކީ ކައުންސިލްގެ އެއް އަމާޒެކެވެ.