މާލެ ސިޓީ ޕާރކް ވޮލީ މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމް އަދި މާލެ ސިޓީގެ މޭޔަރު

މާލެ ސިޓީ ކައުންސިލް އިދާރާ25 އޭޕްރިލް 2022


މާލެ ސިޓީ ޕާރކް ވޮލީ މުބާރާތް 2022 ކާމިޔާބުކަމާއެކު ނިންމާލައިފި

މާލެ ސިޓީ ޕާރކް ވޮލީ މުބާރާތް 2022 ގެ ފައިނަލް މެޗުތަށް މިރޭ ކުޅެ ނިންމާލައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗުތަކުގެ ތެރެއިން ފުރަތަމަ ކުޅެފައިވަނީ އަންހެން ޑިވިޝަނުގެ މެޗެވެ. މި މެޗުގައި ވާދަކޮށްފައިވަނީ މޯލްޑިވްސް ވޮލީބޯލް ވެޓަރެންސް އަދި ޕޮލިސް ކްލަބް އޭ އެވެ. މި މެޗު 2 ސެޓް 1 ސެޓުން ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކްލަބް އޭ އެވެ.

މާލެ ސިޓީ ޕާރކް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ޑީވީވީއޭ ސްކައި އާއި ޑީވީވީއޭ ޝޫޓާސްއެވެ. މި މެޗު ސީދާ 2 ސެޓުން ކާމިޔާބުކޮށްފައިވަނީ ޑީވީވީއޭ ޝޫޓާސްއިންނެވެ.

ފައިނަލްގެ މެޗުތަށް ކުޅެ ނިމުމުން ވަނަވަނައަށް އައި ޓީމުތަކަށާއި ކުޅުންތެރިންނަށް ވަނީ ހަނދާނީ ފިލަޔާއި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ. މި މުބާރާތުގެ 5 ވަނަ އަށް ހޮވިފައިވާ އަންހެން ޓީމަކީ އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބެވެ. އަދި ފިރިހެން ޑިވިޝަނުގެ 5 ވަނަ ޓީމަކަށް ހޮވިފައިވަނީ ކުޑަހެންވޭރު ޔުނައިޓަޑެވެ. މި ޓީމުތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5000 ރުފިޔާ ވަނީ ހަވާލުކޮށްފައެވެ. އަދި ކޮންމެ ޓީމަކަށް ހަނދާނީ ފިލާ ވަނީ ހަވާލުކޮށްފައެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ 4 ވަނައަށް އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ ޑީވީވީއޭ ބުލްސްއެވެ. އަދި އަންހެން ޑިވިޝަނުގެ 4 ވަނަ އަށް އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ ޑީވީވީއޭ ކުއީންސްއެވެ. މީގެން ކޮންމެ ޓީމަކަށް ފައިސާގެ އިނާމުގެ ގޮތުގައި 10،000 ރުފިޔާ އަދި ހަނދާނީ ފިލާ ވަނީ ހަވާލުކޮށްފައެވެ. މުބާރަތުގެ 5 ވަނަ އަދި 4 ވަނަ އަށް އައި ޓީމުތަކަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައިވަނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދް ނަރީޝްއެވެ.

މާލެ ސިޓީ ޕާރކް ވޮލީ މުބާރާތުގެ 2 ވަނަ ރަނަރަޕަށް ހޮވިފައިވާ ޓީމުތަކަކީ ފިރިހެން ޑިވިޝަނުން މޯލްޑިވްސް ވޮލީ ބޯލް ވެޓަރެންސް އަދި އަންހެން ޑިވިޝަނުން ވޮލީބޯލް ޔޫތް ނިއު ޖެނަރޭޝަންއެވެ. މި ޓީމުތަކަށް ވަނީ ކޮންމެ ޓީމަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މި ޓީމުތަކަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝްއެވެ.

މި މުބާރާތުގެ ރަނަރަޕް ޓީމުތަކަށް ވެސް ވަނީ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. ކޮންމެ ޓީމަކަށް 25،000 ރުފިޔާ އާއި ހަނދާނީ ލިޔުން ވަނީ ހަވާލިކޮށްފައެވެ. ފިރިހެން ޑިވިޝަނުގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ފައިނަލުގައި ކުޅެ ބަލިވި ޑީވީވީއޭ ސްކައިއެވެ. އަދި އަންހެން ޑިވިޝަނުގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްއެވެ. މި ޓީމުތަކަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗެއާރމަން އޮފް ޑިސިޕްލިން ކޮމިޓީ އޮފް ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން މުހައްމަދު ރިޔާޒެވެ.

ރާއްޖޭގައި ބޭއްވުނު އެންމެ އަގު ބޮޑު ވޮލީ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ ޑީވީވީއޭ ޝޫޓާސްއެވެ. އަދި މި މުބާރާތުގެ ޝަރަފުވެރި އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ ޕޮލިސް ކްލަބް އޭ އިންނެވެ. މި ޓީމުތަކަށް ފައިސާގެ އިނާމު އަދި ޗެމްޕިއަން ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒުއެވެ. ކޮންމެ ޗެމްޕިއަން ޓީމަކަށް 45،000 ގެ ފައިސާގެ އިނާމުވަނީ ހަވާލުކޮށްފައެވެ.

މާލެ ސިޓީ ޕާރކް ވޮލީ މުބާރާތުގައި ވަނީ ފުރަތަމަ ފަހަރަށް ވޮލީ މުބާރާތެއްގައި ކިންގް އޮފް ދަ ޓޯނަމެންޓް އަދި ކުއީން އޮފް ދަ ޓޯނަމެންޓް ހޮވާފައެވެ. މި މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓަކަށް ހޮވިފައިވަނީ ޑީވީވީއޭ ޝޫޓާސްގެ އިސްމާއިލް ސާޖިދްއެވެ. އަދި ކުއީން އޮފް ދަ ޓޯނަމެންޓަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބް އޭގެ ހައްވާ ރާޝިދާއެވެ. މި ދެކުޅުންތެރިންނަށް ވެސް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވާފައި ވަނީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒުއެވެ. މީގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމުވަނީ ހަވާލުކޮށްފައެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުން އެންމެ މޮޅު 4 ކުޅުންތެރިން ވަނީ ހޮވާފައެވެ. ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު 4 ކުޅުންތެރިންނަކީ ޑީވީވީއޭ ޝޫޓާސްގެ އިސްމާއިލް ސާޖިދާއި އެޓީމުގެ ސޯދިގް މޫސާގެ އިތުރުން ޑީވީއޭ ސަކައިގެ ދެ ކުޅުންތެރިން ކަމުގައިވާ ހުސައިން ޝާހިދް އަދި ސިރްހާން އަބްދުލް ސައްތާރުއެވެ. މި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ އުރީދޫގެ ޑިރެކްޓާރ އޮފް އޮޕަރޭޝަން ޝަބީން އަލީއެވެ.

އަންހެން ޑިވިޝަނުގެ އެންމެ މޮޅު 4 ކުޅުންތެރިންނަކީ ޕޮލިސް ކްލަބްގެ އައިޝަތް ވިޝާމާ އާއި ހައްވާ ރަޝިދާ އަދި މޯލްޑިވްސް ވޮލީބޯލް ވެޓަރަންގެ ދެ ކުޅުންތެރިން ކަމުގައިވާ އައިޝަތް މާޖިދާ އަދި ފާތިމަތް މަޒިއްޔާއެވެ. މި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާރ ހުސައިން ނިޔާޒްއެވެ.

މި މުބާރާތް ނިންމާލުމަށް ބޭއްވުނު ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރުގެ އިތުރުން އެކިއެކި ދާއިރާތަކަށް ނިސްބަތްވާ ކައުންސިލަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.