މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދަނީ

މާލެ ސިޓީ ކައުންސިލް އިދާރާ29 އޭޕްރިލް 2022


ޚާއްސަ ސަމާލުކަމެއް ދީގެން މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދަނީ

ޚާއްސަ ސަމާލުކަމެއް ދީގެން މާލެ ސިޓީގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ފަށައިފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މަސައްކަތަކީ އަބަދުވެސް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތެކެވެ.

މާލޭގައި މިދުވަސްވަރު ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުންދާތީ ޚާއްސަ ސަމާލުކަމެއް ދީގެން މި ހިނގާ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ކުރިއަށް ގެންދަން ފަށާފައިވާއިރު، މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ އެދިފައެވެ.

މާލެ ސިޓީ ކައުންސިލްގެ ކޮންމެ ދުވަހެއްގެ މަސައްކަތް ތަކުގެ ތެރޭގައި މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ބަލާ ފާސްކުރުން ހިމެނެއެވެ.

އަދި މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަނަށް މަދިރި ބޭސް އެޅުމާއި، އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ވެސް ކައުންސިލްގެ ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މިދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދީގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތް ތަކުގެތެރޭގައި މާލެ އާއި،ވިލިމާލެ ހިމެނޭހެން އެކި ސަރަޙައްދުތަކަށް ބަހާލައިގެން ފޮގް ކުރުމާއި، މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ މަސައްކަތް ހިމެނެއެވެ.