ޖުމްހޫރީ މައިދާނ

މާލެ ސިޓީ ކައުންސިލް އިދާރާ30 އޭޕްރިލް 2022


ވިނަ އިންދުމުގެ މަސައްކަތް ނިމި ޖުމްހޫރީ މައިދާނަށް އައު ދިރުމެއް!

ޖުމްހޫރީ މައިދާނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތަކުގެ ތެރެއިން ވިނަ އިންދާ ޖުމްހޫރީ މައިދާން ފެހިކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ނިންމާލައިފިއެވެ.

ޖުމްހޫރީ މައިދާނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ޖުމްހޫރީ މައިދާނުގެ އާބާތުރަ ފިލުވުމުގެ ގޮތުން ކުރެވުނު މަސައްކަތް ތަކުގެ ތެރޭގައި ވިނަ އިންދުމުގެ މަސައްކަތް ނިންމާލާފައިވާއިރު، މި މަސައްކަތް ފެށި ތާރީޚުން ފެށިގެން 15 ދުވަސްތެރޭގައި ވިނަތައް (އޮސްޓްރޭލިއަން ގްރާސް) އަށް ބަދަލުކޮށް ނިންމާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިނަމަވެސް، ޖުމްހޫރީ މައިދާނުގެ މަސައްކަތް ނިމުމުގެ ކުރިން ސަރުކާރުގެ އެކިއެކި ޙަފްލާތައް ކުރިއަށް ގެންދިއުމުގެ ސަބަބުން ވިނަތަކަށް ބޮޑެތި ގެއްލުން ލިބި، އެކަން ހައްލު ކުރުމަށް އިތުރު އެއްމަސް ދުވަސް ހޭދަވިއެވެ.

ފެހިކަން ގަދަ ޖުމްހޫރީ މައިދާނުގައި އިތުރަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި މައިދާނުގައިވާ ރުއް،ގަސްތައް ވަށައިގެން ހަދާފައިވާ އަށިތަކުގެ ތަށިމުށިތައް ބަދަލު ކުރުން ހިމެނެއެވެ.

އަދި ރުއް،ގަސް ތަކާއި ބުރުތަކުގެ ތެރޭގައި ހައްދާފައިވާ ގަސްތައް ސާފުކުރުމާއި، ބުރު ތަކުގައި ކުލަ އައު ކުރުމާއިއެކު، ޖުމްހޫރީ މައިދާނުގެ ހެލިޕެޑް ލޭންޑިން ސަރަޙައްދުގެ ކުލަވެސް ވަނީ އައު ކޮށް ނިންމާފައެވެ.

ޖުމްހޫރީ މައިދާނުގެ ވިނަ އިންދާ ފެހި ކުރުމުގެ މަސައްކަތް ނިމިފައިވާކަން ހާމަ ކުރައްވާ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޓްވީޓް ކުރައްވާފައެވެ.

ޖުމްހޫރީ މައިދާނަށް އިތުރު ތާޒާ ކަމެއް ގެނުވާފައިވާ ކަން ފާހަގަކުރައްވާ އާންމު ފަރާތަކުން ދެއްވި އިންޓަވިއުއެއްގައި ބުނެފައިވަނީ މިއީ ވީރާނާވެ ނެތެމުން ދިޔަ މާލޭގެ މޫނުމައްޗަށް އުޖާލާ ކަމެއް ގެނުވި މަސައްކަތެއް ކަމުގައެވެ. އަދި މި ކަމަށްޓަކައި އޭނާ ވަނީ މާލެ ސިޓީގެ މޭޔަރާއި ކައުންސިލަށް ޝުކުރު ދަންނަވާފައެވެ.

އަޅުގަނޑުމެން މި ރޯދަ މަހު ކުދިން ގޮވައިން ހިތްފަސޭހަކޮށްލަން މިތަނަށް އައުމުން މިހާ ތާޒާކޮށް މިތަން ފެނުނީމަ ވަރަށް ހިތްހަމަޖެހޭ، މިއީ އަސްލު މާލޭގެ މޫނުމަތި ވީމަ މިތަން ވީރާނާ ވަމުން ދަނިކޮށް އުޖާލާކަމެއް ގެނުވީތީ މޭޔަރު މުޢިއްޒު އާއި ކައުންސިލް ޓީމަށް ޝުކުރު ދަންނަވަން

އިތުރު ފަރާތަކުން ފާހަގަކުރީ މިއީ އެހެން ކައުންސިލް ތަކާއި 4 ވަނަ ދައުރުގެ ކައުންސިލް ތަފާތުވާ މައިގަނޑު އެއް ސަބަބު ކަމުގައެވެ.

ހަމަ ވަރަށް ވަރަށް ފުރިހަމަ މަސައްކަތެއް މިއީ. މިއީ އަސްލު ކުރީގެ ކައުންސިލް ތަކާއި މި ކައުންސިލާއި ހުރި ތަފާތަކީ. ޢަމަލުން އެކަން ދައްކާތީ. އުންމީދަކީ މުޅި މާލެތެރޭގެ ހުރިހާ މައިޒާންތައް މިހެން ޗާލުކޮށްލުން

ޖުމްހޫރީ މައިދާން ފެހި ކުރުމުގެ މަސައްކަތާއި ގުޅިގެން މޭޔަރު ކުރެއްވި ޓްވީޓަށް ގިނަ ބައެއްގެ ތަޢުރީފް ލިބެމުން އަންނައިރު، މާލެ ސިޓީ ގެ ކުރީގެ ޑެޕިއުޓީ މޭޔަރުވެސް ވަނީ މި މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ.

ޖުމްހޫރީ މައިދާނުގެ އިތުރުން މާލޭގެ އެކިއެކި މައިޒާންތަކާއި ޕާކުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް 4 ވަނަ ދައުރުގެ ކައުންސިލުން ދަނީ ކުރަމުންނެވެ.