ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު

މާލެ ސިޓީ ކައުންސިލް އިދާރާ11 މެއި 2022


ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްނުދެވި ދާއިރާގެ ކައުންސިލަރުގެ ނުރުހުން ސަރުކާރަށް

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްނުދެވި ކުށުގެ ހާއްޔަކަށް ހުޅުމާލެ ބަދަލުވެފައިވާއިރު، ކައުންސިލްގެ ދައުރެއް އަދި ކައުންސިލަރުގެ ދައުރެއް ނެތްކަމަށް ވިދާޅުވެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއުގެ ނުރުހުން ސަރުކާރަށް އަމާޒު ކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ދައުރުގެ 51 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ ސަރުކާރުން ކައުންސިލްތަކަށް ލިބީފައިވާ އެތަށް ހައްގުތަކެއް ނިގުޅައިގަނެފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ ކައުންސިލަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ އެތަށް މަސައްކަތްތަކަށް ސަރުކާރުން ހުރަސްއަޅާކަމަށެވެ. މިއާއިއެކު ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަށް ސަރުކާރުން އެކައުންސިލްތަކަށް ދީފައިނުވާ ކަން ޝުޖާއު ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.

ޝުޖާއުގެ ވާހަކަފުޅުގައި ހުޅުމާލޭގެ ޙާލަތަށް ރިޢާޔަތް ކުރައްވާ ކަންބޮޑުވުން ފާޅު ކުރައްވަމުން ޝުޖާއު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ހުލުމާލޭގެ ދެވަނަ ފިޔަވަހި ކުނި ގޮނޑަށްވެ ކުނި އަންދަމުންދާކަމަށާއި، އެޗްޑީސީން ހުޅުމާލޭގެ ކުނި މެނޭޖް ކުރުމުގައި ފެއިލްވެފައިވާކަމުގައި ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ ހިޔާ ފްލެޓް ސަރަޙައްދުގެ ސެކިއުރިޓީ ބަލަހައްޓަންޖެހޭ މިންވަރަށް ބެލެހެއްޓެމުން ނުދާކަމަށާއި މިހާރު އެތަނަކީ މަސްތުވާތަކެތީގެ ހާއްޔެއްގެ އިތުރުން، ޖިންސީގޯނާފަދަ އެތަށް ކުށްތަކެއް އާންމުވެފައިވާ ތަނެއް ކަމަށާއި، އެކަށީގެންވާވަރަށް

ހުޅުމާލޭގެ ކަންކަމުގައި ސަރުކާރުން އަޅާނުލާކަން ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ މިފަދަ އެތަށް މައްސަލަތައް ހުޅުމާލެ ދާއިރާގައި ހުރިނަމަވެސް ކައުންސިލްގެ އެއްވެސް ދައުރެއް ނެތްކަމަށާއި،ދާއިރާގައި ކައުންސިލަރެއް ހުރިނަމަވެސް ކައުންސިލަރުގެވެސް އެއްވެސް ދައުރެއް ނެތްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަޅުގަނޑުގެ ދާއިރާގައި އަމާންކަމެއްނެތް. ހިޔާ ފްލެޓްގައި މަސްތުވާތަކެތީގެ ހާއްޔަކަށް ވެއްޖެ. ސެކިޔުރިޓީ ބެލެހެއްޓުނީކީ ނޫން. ކުނި އަންދަނީ ހެސްކިޔާފަ އެތަނުގަ. ކުނި ނެގެނީކީ ނޫން. އެކަމަކު ދައުލަތެއް މިއޮށް ހިނގަނީ. ކައުންސިލްގެ އެއްވެސް ދައުރެއް އޮތީކީނޫން. ކައުންސިލަރެއް އެކަމަކު އެބަހުރޭ، އޭނަގެ ދައުރެއް އޮތީކީނޫން

ޝުޖާއު އިތުރަށް ވިދާޅުވީ ސަރުކާރުން ކައުންސިލަށް މިފަދައިން ދަތިކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ވާހަކަ ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި ކައުންސިލަށް އެއް އަހަރު ވެގެން ދިއުމާއި ގުޅިގެން ފާހަގަ ކުރަންޖެހޭ ކަންކަމުގެ ތެރޭގައި މި ކަންކަން ހިމަނަންޖެހޭ ކަމުގައެވެ.