ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިޙު

މާލެ ސިޓީ ކައުންސިލް އިދާރާ11 މެއި 2022


އެންމެ ބޮޑު ދައްޗަކީ ސަރުކާރަށް ލާމަރުކަޒީ ނިޒާމް ހަޖަމް ނުވެގެން އުޅޭ އުޅުން: ސައިފް

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެއް އަހަރު ފުރޭއިރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތް ހިއްސާވާ ކުންފުނިތަކަށް ލާމަރުކަޒީ ނިޒާމް ހަޖަމް ނުވެގެން އުޅޭ އުޅުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިޙު ވިދާޅުވެއްޖެއެވެ.

ސައިފް މިފަދައިން ވިދާޅުވީ ކައުންސިލްގެ 51 ވަނަ ރަސްމީ ޖަލްސާގައި ހަތަރުވަނަ ދައުރުގެ ކައުންސިލަށް އެއް އަހަރުފުރޭތީ ދުވަހާއި ގުޅުވައިގެން ކުރާނެ ކަންކަމާއިމެދު މަޝްވަރާކުރުމަށް މޭޔަރު ހުޅުވާލި ފުރުޞަތުގައި ވާހަކަ ދައްކަވަމުންނެވެ.

އަޅުގަނޑުމެން ނަށް މި ލާމަރުކަޒީ ނިޒާމް ލިބިގެން މިއަދާއި ހަމައަށް އައިސް މާލެ ސިޓީ ކައުންސިލުން އެއް އަހަރު މަސައްކަތް ކުރިއިރުގައި އެންމެ ބޮޑު ދައްޗެއް ކަމަށް އަޅުގަނޑު މެންނަށް ފާހަގަވަމުން މިދަނީ،ސަރުކާރުގެ ވުޒާރާތަކުން ނާ އެކި ދައުލަތް ހިއްސާ ވާ ކުންފުނިތަކަށް މި ނިޒާމް ހަޖަމް ނުވެގެން އުޅޭ އުޅުން

މިއާއިއެކު ސައިފް ވިދާޅުވީ މި ދައުރަށް އެއް އަހަރުވެގެން ދާއިރު ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެވިފައިވާކަމަށާއި، އެ ވަޢުދުތައް ފުއްދުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ،ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ބޭފުޅުން ޢަމަލު ކުރައްވާ ގޮތާއި، އަދި ބައެއް އެސްއޯއީ ތަކުން، ޢަމަލު ކުރައްވާގޮތް ކަމަށެވެ.

އަޅުގަނޑުމެން އެއް އަހަރުވެގެން ދާއިރުގައި ރައްޔިތުންނަށް ވެފަހުރި ކިތަންމެ ވަޢުދެއް ފުއްދުމުގައި ހުރި އެންމެ ބޮޑު ދައްޗަކީ،ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ބޭފުޅުން ޢަމަލު ކުރައްވާ ގޮތް. އަދި ބައެއް އެސްއޯއީ ތަކުން ޢަމަލު ކުރައްވާގޮތް. އަޅުގަނޑުމެން ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެއްކި އިރު މިއީއެއްނޫން އެންވިޝަން ކުރި ގޮތަކީ. ކައުންސިލްތައް އެއް ފަރާތްކޮށްފަ އެސްއޯއީތަކުން ދިވެހި ރާއްޖޭގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދޭ ގޮތަކަށް ނޫން އަޅުގަނޑުމެން ވިސްނައިގަނެގެން މިތިބީ އަދި ޤާނޫނުވެސް ތަސައްވަރު ކުރާގޮތަކީ

މީގެ އިތުރަށް ޤައުމީ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދަންވާނީ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ކައުންސިލްތަކާއި މަޝްވަރާކޮށްގެން ކައުންސިލްތައް މެދުވެރިވެގެން ކަމަށް ސައިފް ވަނީ ފާހަގަ ކުރައްވާފައެވެ.

ލާމަރުކަޒީ ޤާނޫނުގަ ކަނޑައެޅިގެން ބަޔާންވެފައި އެބަހުރި، ޤައުމީ މަޝްރޫޢުތަކެއް ހިންގެވި ކަމުގައިވިޔަސް، އެކަންކަން ހިންގަންވާނީ އެ ލޯކަލް ކައުންސިލެއްގެ ޖުރިސްޑިކްޝަން އެއޮތް ތަނެއްގައި އެކައުންސިލަކާއި މަޝްވަރާކޮށްގެން އެ ކައުންސިލެއް މެދުވެރިވެގެން. އޭގެ ބޭނުމަކީ ލޯކަލް ލެވެލްއެއްގައި އެތަނެއްގައި ދިރިއުޅޭ މީހުންގެ ޚިޔާލާ އެމީހުންގެ ފިކުރު އެކަމާމެދު ހުރިގޮތެއް ސާފުކުރުން

މިއާއި އެކު ސައިފް ވިދާޅުވީ ކައުންސިލަށް އެއް އަހަރުވެގެންދާއިރު ޤައުމީ މަޝްރޫޢުތަކާއި ގުޅިގެން ކައުންސިލާއި މަޝްވަރާ ނުކުރާނަމަ އެލްޖީއޭއަށްވެސް ދާން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހާއި، މާލެ ސިޓީ ކައުންސިލް އިސްވެ ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކޮށް އެކަމުގެ މަޝްވަރާ ހޯދަންޖެހޭނެ ކަމަށްވެސް ސައިފް ވިދާޅުވިއެވެ.

މި ކައުންސިލަށް އެއް އަހަރު ވާއިރުގަ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢަކީ ލާމަރުކަޒީ ނިޒާމު ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވާ އިރުގަ، އެކަމެއް ވަޒީރުންނާއި އެސްއޯއީތަކުން ނުފެނޭ

ސައިފް އިތުރަށް ވިދާޅުވީ ކައުންސިލްގެ މިދައުރުގެ އެއް އަހަރުގެ ކަންކަން ކުރިއަށް ގެންދާއިރު މިފަދަ ކަންކަން ރައްޔިތުންނަށް ފާހަގަ ވެވޭނެ ގޮތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ސަބަބަކީ ކަމެއް ނުވެގެން ދާއިރުގައި އެކަމުގެ ޝަކުވާ އާއި އެކަމުގެ ބަދުނާމު އަންނަނީ ކައުންސިލަށް ކަމުގައި ވާތީ ކަމަށެވެ. އަދި އެކަމުގެ ޤާނޫނީ ޒިންމާ ޤާނޫނުގަ ލިޔެފަ އޮންނަނީ ކައުންސިލްތަކަށް ކަމަށް ވުމާއިއެކުގައި ކަމަށްވެސް ސައިފް ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލެ ސިޓީގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދިއުމާއި ގުޅިގެން މީގެ ކުރިންވެސް މާލެ ސިޓީގެ މޭޔަރާއި ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސަމާލުކަމަށް މި ކަން ގެނެސްފައިވާއިރު، ރައްޔިތުންގެ މަޖިލީހާއި، ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށްވެސް މިކަން ވަނީ ގެނެސްފައެވެ. އެހެން ނަމަވެސް މިއަދާއި ހަމަޔަށް އައި އިރުވެސް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.