ޔޫ.ސީ.އެލް.ޖީ. އެސްޕެކްގެ އެގްސެކެޓިވް ބިއުރޯގެ 2022 ގެ ބައްދަލުވުމުގައި މޭޔަރ މުޢިއްޒު ތަޤްރީރުކުރައްވަނީ

މާލޭ ސިޓީ ކައުންސިލްގެ އިދާރާ09 ޖޫން 2022


ޔުނައިޓަޑް ސިޓީސް އެންޑް ލޯކަލް ގަވަރންމަންޓްސް ޖަމާއަތުގެ އަހަރީ ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރު ތަޤްރީރުކުރައްވައިފި

ލާމަރުކަޒީ ނިޒާމު ކުރިއަރުވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ޖަމްޢިއްޔާކަމުގައިވާ ޔުނައިޓަޑް ސިޓީސް އެންޑް ލޯކަލް ގަވަރންމަންޓްސް (ޔޫ.ސީ.އެލް.ޖީ) ގެ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގެން، މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އެބައްދަލުވުމުގައި މިއަދު ތަޤްރީރު ކުރައްވައިފިއެވެ.

ޗައިނާގެ ޝިއާންގައި އޮތް މި ބައްދަލުވުމުގައި މޭޔަރު މުޢިއްޒު ބައިވެރިވެވެވަޑައިގަތީ ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވައެވެ.

'ހަރުދަނާ، ތިމާވެށްޓާ ރަޙްމަތްތެރި އަދި ދެމެހެއްޓެނިވި ސިޓީތަކުގެ މުސްތަޤްބަލަށް އަތުގުޅާލުން' މިޝިއާރުގެ ދަށުން ބޭއްވުނު މިބައްދަލުވުމުގެ ފުރަތަމަ ދުވަހުގެ ދަންފަޅިތަކުގެ ތެރެއިން 'ބެލްޓް އެންޑް ރޯޑް' އާ ގުޅޭ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން، ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަޙްމަތްތެރި ގުޅުގެ ތެރެއިން މާލެއަށް ލިބިފައިވާ ބޮޑެތި ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

"ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވްގައި ރާއްޖެއިން 2014 ގައި ބައިވެރިވިއިރު އަޅުގަނޑު ހުރީ ހައުސިންގް މިނިސްޓަރުގެ މަޤާމުގައިކަމުން، އެގުޅުމުގެ ތެރެއިން ގެނެވުނު ބިޔަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމުގެ ޒިންމާ އަޅުގަނޑު އުފުލަންޖެހުނު"، މޭޔަރު ވިދާޅުވިއެވެ. އެގޮތުން ތަންފީޒުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ސިނަމާލޭ ބްރިޖް ފަދަ މަޝްރޫއުތަކުގެ ސަބަބުން މާލޭ ސިޓީގެ ރައްޔިތުންނަށް އުންމީދީ ކުރިއެރުންތަކެއް ލިބިގެންދިޔަކަން މާލޭ ސިޓީގެ މޭޔަރު ފާހަގަކުރެއްވިއެވެ.

ރައްޔިތުން އެދޭ ކުރިއެރުން ގެނެވޭނީ ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެ، ޚިޔާލު ހޯދާ، ޝަކުވާތައް އަޑުއަހައިގެންކަން ފާހަގަކުރައްވަމުން، މުޢިއްޒު ވިދާޅިވީ ޗައިނާގެ 'ބެލްޓް އެންޑް ރޯޑް' އެއްބަސްވުމުގެ ތެރެއިން ކުރެވުނު މަސައްކަތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ރައްޔިތުންނަށް އުފާވެރިކަމާއި އުންމީދީ ކުރިއެރުންތަކެއް ގެނެސްދިން، މުހިންމު މަސައްކަތްތަކެއް ކަމުގައެވެ.

ދޭ ދޭ ސިޓީގެ ދެމެދުގައި ގާތް ގުޅުންތަކެއް ޤާއިމުކުރުމުގެ ފައިދާވެސް 'ބެލްޓް އެންޑް ރޯޑް' ގެ ތެރެއިން މާލެއަށް ލިބިގެންދިޔަކަން އިޝާރާތްކުރައްވަމުން، މޭޔަރު މުޢިއްޒު ވިދާޅުވީ މާލެއާއި ޗައިނާގެ ޝޫޖޯއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ގިނަގުނަ އެހީތަކެއް މާލޭ ސިޓީއަށް ލިބިފައިވާކަމެވެ. އަދި، ކުރިއަށްދާއިރު މާލޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށްޓާ ރަޙްމަތްތެރި، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ އަދި ހަކަތައިގެ ބޭނުންހިފުން މަދު ގޮތްތަކަކަށް ކުރެވޭ ކަންކަމަށް ވާންޖެހޭކަމުގައެވެ.