މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 56 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ15 ޖޫން 2022


މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމާއި ގުޅޭގޮތުން އިދާރާތަކާއި މަޝްވަރާކުރަން ނިންމައިފި

މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމާއި ގުޅޭގޮތުން އިދާރާތަކާއި މަޝްވަރާކުރަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 56 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މާލެ ސިޓީގެ 4 ވަނަ ދައުރުގެ 56 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް މާލީ މަންފާ ހާސިލުކުރުމުގެ ގަވާއިދުގެ ދަށުން ކުރެވޭ ކަންތަށްތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރެވޭ ފަދަ ކަމަކަށް އޮތީ ސޯޝަލް ހައުސިންގް ކުރިއަށް ގެންދިއުންކަމަށާއި އެހެންނަމަވެސް އެކަމަކީ މާލީ މަންފާއެއް ހާސިލު ކުރުމަށްވުރެ ނިކަމެތި ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަމެއްކަމުގައެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު

ސައިފް ވިދާޅުވީ ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ސްކޫލްފަދަ ތަންތަން މާލޭގައި ފުޅާކޮށް މިހާވެސް ހިންގަމުން އަންނަ ކަމަށާއި އެކަން މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން ޖެހިފައިނުވާކަމަށެވެ. އަދި މިފަދަ ކަންކަމަކީ ކުދި ރަށްރަށާއި އަތޮޅު ކައުންސިލްތަކުން ކޮށްދޭން ޖެހޭ ކަމެއް ކަމަށާއި ސިޓީ ކައުންސިލަށް މިއަށްވުރެ ފުޅާ ދާއިރާއެއްގައި މިކަން ކުރެވެންޖެހޭނެކަމަށެވެ.

ސައިފް އިތުރަށް ވިދާޅުވީ މި ޤަވާއިދަށް ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އަށާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި ބައްދަލު ކުރަންޖެހޭ ކަމަށެވެ. އަދި ސައިފް ވަނީ އެކަން ޖަލްސާގައި ހުށައަޅުއްވާފައެވެ.

ސައިފްގެ ގެ ހުށައެޅުން ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.