މާލެ ސިޓީގެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާލެ ސިޓީކައުންސިލްގެ ޓީމް އޮތީ އެއްކޮށް ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ ހޯމަ ދުވަހު މާލެ ސިޓީކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ ކައުންސިލަށް ސަރުކާރުގެ އެއްބާރުލެއްވުން އެކަށީގެންވާ ގޮތެއްގައި ލިބެމުންނުދާތީ،ހުރި ގޮންޖެހުންތަކާއިއެކު ކުރިއަށް ވަޑައިންނަވާނެ ގޮތަކާއިމެދު ނޫސްވެރިޔަކު ކުރެއްވި ސުވާލަކަސް ޖަވާބު ދެއްވަމުންނެވެ.
މޭޔަރު ވިދާޅުވީ ކައުންސިލް ހިންގުމުގައި ދަތިތަކެއް ހުރިނަމަވެސް ޔަޤީނުންވެސް މި ދަތިތަކާއިއެކު ކުރިއަށް ދެވޭނެކަމަށާއި އުންމީދަކަށް އެއްވެސް ކަހަލަ ފަނޑުކަމެއް ނާންނާނެކަމަށެވެ.
”ޔަޤީނުންވެސް ކުރިއަށް ދާނެ އިނގޭތޯ، އަޅުގަނޑުމެންގެ އުންމީދަކަށް އެއްވެސް ކަހަލަ ފަނޑުކަމެއް ނާންނާނެ އިނގޭތޯ މިހެން ދިމާވާކަމަކުން“
މޭަޔަރު ވިދާޅުވީ ބޭނުމަކީ ކައުންސިލް ހިންގުމުގައި ހުރި ދަތިތައް މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދެއްވުން ކަމަށެވެ.
މިއާއިއެކު މޭޔަރު ވިދާޅުވީ ކައުންސިލްގެ މުޅި ޓީމްއޮތީ އެއްކޮށްކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެމްޑީޕީ އަދި ޕީޕީއެމް ކައުންސިލަރުންވެސް މަސައްކަތް ކުރައްވާނީ އެކުގައި ކަމަށެވެ.
”މި ޓީމް މިއޮތީ އެއްކޮށް. އެމްޑީޕީ ކައުންސިލަރުން، ޕީޕީއެމް ކައުންސިލަރުން، ހުރިހާ އެންމެން ބޭނުންވޭ ރައްޔިތުންނަށް ޚިދުމަތް ކުރަން. އެއް ޓިމެއް މިއީ. އެހެންވީމަ އަޅުގަނޑުމެން އެއްކޮށް މިކަމުގައި މަސައްކަތް ކުރާނަން. ދާންޖެހުނު ކޮންމެ ދިމާލަކަށް ދާނަން. ޓަކި ޖަހަން ޖެހުނު ކޮންމެ ދޮރެއްގައި ޓަކި ޖަހާނަން. ޖަހަމުން މިދަނީ އަދި ދޮރު ނުހުޅުވަނީ“
މޭޔަރު އިތުރަށް ވިދާޅުވީ ޚިދުމަތް ދިނުމުގައި ދަތިތަކެއް ހުރި ކަމުގައިވިޔަސް މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށާއި، އެމަސައްކަތް ކުރެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ދަތިވެފައި ހުރި ހުރިހާ ކަންކަމުގައި ކައުންސިލަށް ކޮށްދެވޭނެ ހުރިހާ ކަމެއްވެސް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން މޭޔަރު ވަނީ ދެއްވާފައެވެ. އަދި އަމާޒަކީ ލާމަރުކަޒީ ޤާނޫނު ތަންފީޒުވެ ރައްޔިތުންނަށް އެންމެ ފުރިހަމަގޮތުގައި ޚިދުމަތް ލިބުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.
