މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ06 ޖުލައި 2022


މާލޭގެ މަގުހެދުމުގެ މަޝްރޫޢު ކައުންސިލް އަތުން އަތުލުމާއި ގުޅިގެން އިދާރާތަކަށް މައްސަލަ ހުށައަޅަން ނިންމައިފި

މާލޭ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލްގެ އަތުން އަތުލީ، ހެދިފައިވާ އެއްބަސްވުމާއި، ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އެ މައްސަލައިގައި ކޯޓަށް ދާން ކައުންސިލުން ނިންމައިފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ލޯކަލް ގަވާރމެންޓް އޮތޯރިޓީއަށާއި، ކޯޓަށް ހުށައެޅުމުގެ އިތުރުން އެ މައްސަލަ އޭސީސީއަށްވެސް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

މި ނިންމުން މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ ޖަލްސާގައި ކައުންސިލް ޖަލްސާގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވުމަށް ނިންމާފައިވަނީ ކައުންސިލާއި މަޝްވަރާ ކުރުމެއްނެތި ކައުންސިލުން ކުރުމަށް ހަވާލުކޮށްފައިވާ މަސައްކަތެއް އަތުލުމާއި ގުޅިގެން އެކަމުގެ ތަފްސީލު ހާމަ ކުރެއްވުމަށެވެ.

އަދި ރައްޔިތޔުންގެ މަޖިލީހަށް ސިޓީ ފޮނުވުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާއި ބައްދަލުކުރުމަށެވެ. މިކަމާއި ގުޅިގެން މަޝްވަރާ ކުރުމަށް ސިޓީ ފޮނުވަން ނިންމި 3 ވަނަ ތަނަކީ ލޯކަލް ގަވާރމެނޓް އޮތޯރިޓީއެވެ.

ކޯޓަށް މައްސަލަ ހުށައެޅުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުން ކުރުމަށް ހަވާލުކޮށްފައިވާ މަސައްކަތެއް ސަރުކާރުގެ އެހެން ވުޒާރާއަކުން ހިންގުމަށް އަތުލުމާއި ގުޅިގެން އެކަމުގެ ޤާނޫނީ ހައްލު ހޯދުމަށެވެ.

އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެކަން ހުށައަޅަން ނިންމާފައިވަނީ ކުރިން 39 މިލިއަނަށް ކުރުމަށް ނިންމާފައިވާ މަސައްކަތެއް 84 މިލިއަން ރުފިޔާއަށް ކުރުމަށް ހަމަ އެއްބަޔަކާއި ހަވާލުކުރުމުން އެކަމުގައި ކޮރަޕްޝަނުގެ މައްސަލައެއް އޮތްތޯ ބެލުމަށެވެ.

މި އިދާރާތަކާއި ބައްދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިމިވަނީ 39 މިލިއަން ރުފިޔާއަށް ކުރުމަށް ހަވާލުކުރި މާލެ ސިޓީގެ މަގުހެދުމުގެ މަސައްކަތް 84 މިލިއަނަށް އެމަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި އަލުން ހަވާލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.