މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް އިދާރާ20 ޖުލައި 2022


ބޯހިޔާވަހިކަމާއި ގުޅޭ ކަންކަމުގައި ސަރުކާރުން ކައުންސިލް ބައިވެރިއެއް ނުކުރޭ: މޭޔަރު މުޢިއްޒު

ބޯހިޔާވަހިކަމާއި ގުޅޭ ކަންކަމުގައި ސަރުކާރުން ކައުންސިލް ބައިވެރި ނުކުރާ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއްގައި ކައުންސިލް ބައިވެރި ކުރަންޖެހޭނެ ކަމަށް ޤާނޫނުގައި އޮތްނަމަވެސް ވަރަށް މަދު މިނިސްޓްރީއަކުން ނޫނީ ނުވަތަ އެހެން ކުންފުންޏަކުން ކުރާ އެއްވެސް މަޝްރޫއެއްގައި މާލެ ސިޓީ ކައުންސިލް ބައިވެރި ނުކުރާ ކަމަށެވެ.

އަދި ޚާއްސަކޮށް ގެދޮރުގެ މައްސަލަތަކުގައި ސަރުކާރުން މާލެ ސިޓީ ކައުންސިލާއި އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާ ކަމަށާއި މިހާރު ހުޅުވާލާފައިވާ ގޯތި ދިނުމުގެ މަޝްރޫއުގައި ވެސް ވަރަށް ބޮޑަށް އެ ކައުންސިލް ބައިވެރިވާން ބޭނުންވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެއްވެސް ވަރަކަށް އަޅުގަނޑުމެން ބައިވެރިއެއް ނުކުރޭ. ނޫސްތަކުން ތިބޭފުޅުންނާ އެއްވަރަށް ފެންނަ އެއްޗެއް އަޅުގަނޑުމެންނަށް މި އެނގެނީ. ވަރަށް ހިތާމަވެރިކަމެއް

މޭޔަރު ވިދާޅުވީ ކައުންސިލްގެ ވޭތުވެދިޔަ 14 މަސް ދުވަހުގެ ތެރޭގައި މާލޭގެ މީހުންނަށް ހައްގު ވަރަށް ގޯތި ހޯދައި ދިނުމަށް ވަރަށް ގިނަ ފަހަރަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އަދި އެހެން ރަށްރަށުގައި ވެސް ގޯތި ދޫކުރާ އުސޫލުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ހާއްސަ ކޮށްގެން ހިލޭ ގޯތި ދިނުމަށް ސިޓީއަކުން ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ސަރުކާރުން ހުޅުވާލާފައިވާ ގޯތިތަކަށް އެޕްލައި ކުރަން ޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށް ވާތީ އެކަމުގައި ދަތިތައް ދިމާވާ މީހުންނަށް އެހީތެރިވުމަށް ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް ހުށަހެޅި ކަމަށާއި އެކަމަކު، އެކަމަށް ވެސް ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށެވެ.