މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް އިދާރާ20 ޖުލައި 2022


މާލޭގެ އެންމެ ނިކަމެތި މީހާއަށް އިސްކަންދީގެން ގޯތި ދިނުމުގެ ކަންކަން ކުރިއަށްދާން ބޭނުން: މޭޔަރު މުޢިއްޒު

މާލޭގެ އެންމެ ނިކަމެތި މީހާއަށް އިސްކަންދީގެން ގޯތި ދިނުމުގެ ކަންކަން ކުރިއަށްދާން ބޭނުން ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި މިއަހަރުގެ 2ވަނަ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ލިބެންވާނީ ހިލޭކަމަށް ސިޓީ ކައުންސިލުން ފެށުނިއްސުރެ ވަކާލާތު ކުރަމުން އަންނަކަމަށެވެ. އަދި އެކަން އެގޮތަށް ހަމަޖައްސައިދިނުމަށް އެދި ރައީސުލްޖުމްޙޫރިއްޔާގެ އޮފީހަށް ސިޓީ ވެސް ފޮނުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމާއި ގުޅޭގޮތުން ސަރުކާރަށް ސިޓީ ފޮނުވިނަމަވެސް ބޯހިޔާވަހިކަމާއި ގުޅޭ އެއްވެސް ކަމެއްގައި ސަރުކާރުން ކައުންސިލް ބައިވެރިނުކުރާކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ސަރުކާރުން ބޯލިޔާވަހިކަމާއި ގުޅުންހުރި ކަންކަމުގައި ބައިވެރި ނުކުރިނަމަވެސް ގެދޮރުވެރިކަމަށް ކުރިމަތިލާން ބޭނުންވާ މީހުން ފޯމު ހުށަހަޅަން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލޭގެ ދެ ސަރަހައްދެއްގައި ހެލްޕް ޑެސްކުތަކެއް ބަހައްޓަން ނިންމައިފައިވާކަމަށެވެ.