މާލެ މަގުމަތީގައި އުޅޭ ބުޅާތައް

މާލެ ސިޓީ ކައުންސިލް އިދާރާ31 އޯގަސްޓް 2022


ބުޅާ ޝެލްޓާރ އަދި ވެޓް ކްލިނިކެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

ބުޅަލުގެ އުނދަގުލުން ސަލާމްވުމަށްޓަކައި، ބުޅާތައް ބައިތިއްބާނެ ތަނަކާއެކު ވެޓް ސާވިސް ކްލިނިކެއް ވިލިމާލޭގައި އިމާރާތްކުރުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްފަހުއެވެ. ކައުންސިލަރުންގެ މެދުގައި ނެގި ވޯޓުން ވެޓް ކްލިނިކް ވިލިމާލޭގައި ގާއިމުކުރުމަށް ޖަލްސާގައި ބައިވެރިވެވަޑައިގަތް 13 ކައުންސިލަރުންގެ ތެރެއިން 12 ބޭފުޅަކު ވޯޓު ދެއްވާފައިވެއެވެ. އެ މަޝްރޫއާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ ކައުންސިލަރެކެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގާތްގަނޑަކަށް 5-8 މިލިއަން ރުފިޔާ ހަރަދުކޮށް ބުޅާ ޝެލްޓާއެއް އިމާރާތްކުރުމުގެ ގާބިލުކަން މާލެ ސިޓީ ކައުންސިލުގައި އެބަހުރި ކަމަށާއި ވިލިމާލޭގައި އެ ތަން ހަދަން ނިންމާފައި ވަނީ މާލެއަކީ ވަރަށް ތޮއްޖެހި، ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ތަނަކަށް ވާތީ އެ ކަހަލަ ތަނެއް މާލޭގައި ހެދުމަކީ އުނދަގޫ ކަމަކަށް ވުމުން ކަމަށެވެ.

" އެހާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ތަނަކަށް އެހާ ގުޅޭ ކަމެއް ނޫން. އެހެންވީމާ އެ ގޮތަށް ނިންމާފައި ވިލިމާލޭގައި އެ ތަން ހަދަން ނިންމާފައި ވަނީ،" މޭޔަރު ވިދާޅުވިއެވެ.

މި މަސައްކަތް އޯވަސީކޮށް ޕްރޮޖެކްޓް ވިލަރެސްކޮށްދިނުމަށް ވިލިމާލެ ސާވިސް ކޮމިޓީ އާއި އެންވައިރަމެންޓް ކޮމެޓީއާ ގަވައިދު ކޮމެޓީ ގުޅިގެން ކުރިއަށް ގެންގޮސްދިނުން މޭޔަރު ވަނީ އެދިލައްވާފައެވެ.