1443 ވަނަ އަހަރުގެ ރަމަޟާން މަހު ބޭއްވުނު މަދަހަ މުބާރާތާއި ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކޮށް އިނާމްދިނުމުގެ ހަފްލާގެ ތެރެއިން

މާލެ ސިޓީ ކައުންސިލް އިދާރާ01 ސެޕްޓެމްބަރ 2022


މާލެ ސިޓީ ކައުންސިލުން ބޭއްވި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

މާލެ ސިޓީ ކައުންސިލުން ބޭއްވި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅު ކޮށްފައިވަނީ 31 އޮގަސްޓްވީ ބުދަ ދުވަހުގެ ރޭގައެވެ. މި ހަފްލާ ބާއްވާފައިވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

މި ހަފްލާގައި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުން ވަނަވަނަތަކަށް އައި ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. މި މުބާރާތްތަކުން ވަނަ ވަނަ އައި ފަރާތްތަކަށް ވަނީ އަގު ހުރި އިނާމު ހަވާލުކޮށްފައެވެ. މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތް ވުޖޫދުކުރެވުނުހިނދު ހާމަކަން ބޮޑުގޮތެއްގައި ފުރުޞަތު ފަހިކޮއްލެވުމުން 293 ކުދީން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 168 ކުދީން އަދި ނުބަލައި ކިޔެވުމުގެ ގޮފީގައި 125 ކުދީންނެވެ. މުބާރާތް ފަރުމާކޮށްފައިވަނީ އެކި ގިންތިއަށް ބަހާލައިގެންނެވެ. މުބާރާތުގެ ބައިވެރިންގެ އެންމެ ހަގު އުމުރުފުރާއެއްކަމުގައި 6 އަހަރުންދަށް ކަނޑައެޅުނުކަމުގައިވިއަސް 9 އަހަރުންދަށް އެއީ އިންސާފުކުރާ އެންމެ ހަގު އުމުރުފުރާކަމުގައި ބަލައި 19 އަހަރުންދަށް އެއީ އެންމެ ދޮށީވެގެން މުބާރާތުގެ ބައިވެރިއަކަށް ވެވޭނެ އުމުރުފުރާކަމުގައި ކަނޑައެޅުނެވެ. އެދެމެދުން ބަހާލައިފައިވަނީ 11 އަހަރުންދަށް 13 އަހަރުންދަށް އަދި 16 އަހަރުންދަށެވެ. މިއިން ކޮންމެ އުމުރުފުރާއެއްގައި އެތައް ދަރިވަރުންނެއް ވާދަކުރި އިރު މި ކުދީންނަށް އިންސާފުކޮށްދިނީ ރާއްޖޭގައި މި ރޮނގުން ފާހަގަކޮއްލެވޭ ފަނޑިޔާރުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް ވުޖޫދުކުރީވެސް ހަމަ ޤުރުއާން މުބާރާތާ އެކުއެކީގައެވެ. މި މުބާރާތްވެސް ވެގެން ދިޔައީ ތަރުހީބު ބޮޑު މުބާރާތަކަށެވެ. ދެވުނު ކުރު މުއްދަތުގައިވެސް ޖުމްލަ 134 ކުދީން ބައިވެރިވިއެވެ. ޤުރުއާން މުބާރާތެކޭއެއްގޮތަށް މި މުބާރާތް ވެސް 6 އުމުރުފުރާއަކަށް ގިންތިކޮށްފައިވެއެވެ. 6 އަހަރުންންދަށް ބައިވެރިވިއެއްކަމަކު އިންސާފުކުރާ އުމުރުފުރާތަކަކީ 9 އަހަރުންދަށާއި 11 އަހަރުންދަށާއި 13 އަހަރުންދަށާއި 16 އަހަރުންދަށާއި 19 އަހަރުންދަށެވެ. މި މުބާރާތަށްވެސް އިންސާފުކޮށްދެއްވީ ރާއްޖޭގައި މި ރޮނގުން ފުންނާބު އުސް ފަނޑިޔާރުންނެވެ.

ގުރުއާން މުބާރާތުގެ މުޅި މުބާރާތުގެ އެއްވަނަ އަށް ހޮވިފައިވަނީ 13 އަހަރުން ދަށުގެ ދަރިވަރު މަން އިސްމާއިލް މުޚްތަބާ އެވެ. މަދަހަ މުބާރާތުން މުޅި މުބާރާތުން އެއްވަނަ ހޮވިފައިވަނީ 16 އަހަރުން ދަށުގެ ދަރިވަރު އައިޝަތް އާލާ ހަސަންއެވެ.

މިއީ މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ގުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.