ޗައިނާ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ19 ސެޕްޓެމްބަރ 2022


ޗައިނާ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަވާލުކޮށްފި

ޗައިނާއިން މާލެ ސިޓީ ކައުންސިލަށް 3،000 ޕްލެޓް އަދި މަގު ބައްތި (ޒަމާނީ ލެޑް ލައިޓް) ހަދިޔާކޮށްފިއެވެ.

މިތަކެތި ސިޓީ ކައުންސިލާއި ހަވާލު ކޮށްފައިވަނީ މިއަދު ހެނދުނު 11:00 ގައި މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ޗައިނާގެ ފަރާތުން ސިޓީ ކައުންސިލަށް މިތަކެތި ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލީޖިންގ އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މަގު ބައްތިތަކާއި ހަވާލުވެވަޑައިގެންނެވީ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު އެވެ.

ޗައިނާ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ފަސޭހައަށްޓަކައި ޗައިނާ އެމްބަސީ މެދުވެރިކޮށް މި ލިބުނު އަގުހުރި ހަދިޔާގެ ސަބަބުން، ވަރަށް ޒަމާންވަންދެން ބަދަލުނުކުރެވިހުރި މާލޭ އަދި ވިލިނގިލީގެ ހުރިހާ މަގު ބައްތިތައް، ޒަމާނަށްފެތޭ، އަލި ހެޔޮވަރު އަދި ކަރަންޓު ޚަރަދު ކުޑަ އެލް.އީ.ޑީ. ލައިޓިންގް އަށް އެކީ ބަދަލުކުރެވިގެންދާނެކަމަށެވެ.

ޗައިނާ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ހަދިޔާކުރެއްވި މަގު ބައްތި ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލުން ސިޓީގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ސަފީރު ވާންގް އާ ރަސްމީ ހައިސިއްޔަތުން ބައްދަލުކުރުމަށް ލިބިގެންދިޔަ ފުރުޞަތުގައި، މާލޭ ސިޓީ ކައުންސިލުން ދެމުންދާ ޚިދްމަތްތަކާއި އަދާކުރަމުންދާ ޒިންމާތަކުގެ މައުލޫމާތު އެކަމަނާއަށް އަރުވާފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

‎އެގޮތުން، މާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަވެގެންދާނެގޮތަށް ސިޓީ ކައުންސިލުން ދެމުންދާ މުނިސިޕަލް ޚިދްމަތްތައް ހަލުވިވެ، އިތުރަށް ފުޅާވެގެންދާނެ ބައެއް ކަންކަމުގެ ވާހަކަވެސް އެކަމަނާ އަރިހުގައި ދަންނަވާފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މި މަޝްވަރާ ބައްދަލުވުމުގެ ނަތީޖާއަކީ، މިއަދު ޗައިނާއިން މި ހަދިޔާކުރާ މަގު ބައްތިތައް ހަމަޖެހިގެންދިއުން ކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި މާލޭގެ އުމްރާނީ ތަރައްޤީއަށް އަދި ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމަށް އަބަދުވެސް ޗައިނާއިން ވެދެމުންދާ ދީލަތި އެހީތެރިކަމަށް ޗައިނާ ސަރުކާރަށް ވަނީ އިޚްލާސްތެރި ޝުކުރެއް ދަންނަވާފައެވެ.

ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާ މަސައްކަތްތައް ފާހަގަކުރައްވާ ދެއްކެވި ވާހަކަފުޅުގައި މޭޔަރު މުޢިއްޒު ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޗައިނާ ސަރުކާރުގެ އެހީގައި އެޅި ސިނަމާލެ ބްރިޖްގެ މަޝްރޫއުއަށް އަލި އަޅުއްވާލައްވާފައެވެ.

މިއަދުގެ މި ޙަފްލާގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރާއި ކައުންސިލަރުން އަދި ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. އެކަމަށްޓަކައި މޭޔަރު ވަނީ ހާލާ ޙަމީދަށް ޝުކުރުދަންނަވާފައެވެ.

ޗައިނާ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

‎ޗައިނާ އެމްބަސީއަކީ މާލޭ ސިޓީ ކައުންސިލާ ވަރަށް ގާތް ގުޅުމެއް ދަމަހައްޓަމުންދާ، އަދި ކައުންސިލްގެ މަސައްކަތްތަކަށް އަބަދުވެސް ހިތްވަރާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތެއް ކަން މޭޔަރު ފާހަގަކުރެއްވިއެވެ.

‎ސަފީރު ވާންގް އަކީ ވެރިކަން ކުރާ މާލޭގެ ރައްޔިތުންގެ ބޭނުންތަކާމެދު އަބަދުވެސް މަޢުލޫމާތު އޮޅުންފިލުއްވާ، ރައްޔިތުންނަށް ލުއިފަސޭހަކަމާއި އުފާވެރިކަން ގެނުވާނެ އެކި ކަންކަމަށް މަދަދުވެރިވެދެއްވަމުން ގެންދަވާ ފަރާތެއް ކަމަށާއި އެކަމަނާ އަކީ މާލެ ސިޓީ ކައުންސިލްގެ މިތުރެއް ކަމުގައި މޭޔަރު ވިދާޅުވިއެވެ.

‎މިއަދުގެ ޚާއްސަ ރަސްމިއްޔާތު ސަފީރު ވާންގް ޝަރަފުވެރިކޮށްދެއްވިކަމީ، މާލެ ސިޓީ ކައުންސިލަށް ލިބިގެންދިޔަ ޚާއްސަ އުފަލެއްކަމުގައި މޭޔަރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން ޗައިނާ ސަފީރު ވަނީ ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮންނަ ބަދަހި ގުޅުމުގެ މައްޗަށް އަލި އަޅުއްވާފައެވެ.