މޫސުން ތަންދޭނަމަ މިއަހަރު ނިމުމުގެކުރިން 3000 މަގުބައްތި ހަރުކޮށް ނިމޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ ސަންގު ޓިވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
”މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިޔާ މޫސުން ރަނގަޅު ގިނަދުވަސްތައް ލިބެންޏާ އަޅުގަނޑުމެންނަށް މުޅި މާލެ އަދި ވިލިމާލޭގެ ހުރިހާ ލައިޓެއް ބަދަލު ކުރެވޭނެ“
ޗައިނާ ސަރުކާރުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ހަދިޔާކުރެއްވި 3000 ޒަމާނީ މަގުބައްތިތައް މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ މިހާތަނަށް 17 ބައްތި ހަރުކުރެވިފައިވާކަމަށާއި، އަދި މޫސުން ތަންދޭނަމަ މި އަހަރު ނިމުމުގެކުރިން ހުރިހާ މަގުބައްތިތައް ހަރުކޮށް ނިމޭނެ ކަމަށެވެ.
މަގު ބައްތިތައް ހަރުކުރުމުގައި މާލޭގެ ރިންގްރޯޑާއި، އެންމެފަހުން މާލޭގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ މަގުތައް ފިޔަވައި ބާކީ ހުރި ހުރިހާ މަގުތަކުގައިވާ ބައްތިތައްވެސް ބަދަލުކުރެވޭނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ސަބަބުން މާލެ އަދި ވިލިމާލޭގެ އަނދިރި މަގުތަކަށް އިތުރު އަލިކަމެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން މޭޔަރު ވަނީ މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓްޖިކް އެކްޝަންޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަމާޒަށް ވާސިލްވުމަށްޓަކައި އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވެފައެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ.
މީގެ އިތުރުން މި މަސައްކަތާއިއެކު މާލެ ސިޓީ ކައުންސިލްގެ ސީސީޓީވީ ނިޒާމްގެ ދަށުން މާލޭގެ މަގުތަކުގެ އަމަން ބެލެހެއްޓުމަށް ފަސޭހަވެގެން ދާނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ.
ޗައިނާ ސަރުކާރުގެ ހިލޭއެހީގެ ގޮތުގައި މިފަދަކަމެއް ކޮށްދެއްވިކަމަށްޓަކައި މޭޔަރު ވަނީ ޗައިނާ އެމްބެސެޑަރ އަށާއި، ޗައިނާ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް 3،000 ޕްލެޓް އަދި މަގު ބައްތި (ޒަމާނީ ލެޑް ލައިޓް) ހަދިޔާކޮށްފައިވަނީ އާދިއްތަ ދުވަހު ހެނދުނު 11:00 ގައި މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޗައިނާގެ ފަރާތުން ސިޓީ ކައުންސިލަށް މިތަކެތި ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލީޖިންގ އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މަގު ބައްތިތަކާއި ހަވާލުވެވަޑައިގެންނެވީ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު އެވެ.
ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ މީގެ އިތުރަށްވެސް ކައުންސިލަށް ބަޖެޓް ހަމަޖެހޭ މިންވަރަކުން މާލެ ސިޓީގެ ތަރައްޤީ އާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާކަމަށެވެ.