ލޮނުޒިޔާރަތް ޕާކް. ފޮޓޯ/ އަވަސް

މާލެ ސިޓީ ކައުންސިލް އިދާރާ20 ސެޕްޓެމްބަރ 2022


ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދޫކުރަން ޚާއްސަ ޕެކޭޖުތަކެއް

ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދޫކުރަން އަގަށް ގެނެވުނު ބަދަލާއިއެކު ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށް، އައު އުސޫލެއް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

ސިޓީކައުންސިލުން މިހާރު ވަނީ ލޮނުޒިޔާރަތް ޕާކު ބަލަހައްޓާނެ ގޮތާއި ކުއްޔަށް ދޫކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކޮށް ގެޒެޓްވެސްކޮށްފައެވެ.

ލޮނުޒިޔާރަތް ޕާކާއި ގުޅިގެން އާންމު ކުރި އުސޫލުގައިވާގޮތުން ލޮނުޒިޔާރާތް ޕާކުގެ ޖުމްލަ ނުވަ ސަރަޙައްދެއް ކުއްޔަށް ދޫކުރާނެ އަގުތަކާއި ޕެކޭޖްތަކުގެ މަޢުލޫމާތު ސިޓީ ކައުންސިލްގެ އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ. އަދި މި އުސޫލާއި ޕާކު ކުއްޔަށްހިފުމަށް އަލަށް ހެދިފައިވާ ފޯމު މިހާރު މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

ގެނެވުނު ބަދަލާއިއެކު އަގުތަކަށް އައިސްފައިވާ ބަދަލުތައް:

1. ވަރުނުލާ ރާޅު ސަރަހައްދު 12 ގަޑިއިރަށް 3000ރ. އަށް

2. ހޭޅި 1 ސަރަހައްދު 12 ގަޑިއިރަށް 6000ރ. އަށް

3. ހޭޅި 2 ސަރަހައްދު 12 ގަޑިއިރަށް 7000ރ. އަށް

4. އުސް ބަގީޗާ ސަރަހައްދު 12 ގަޑިއިރަށް 7000ރ. އަށް

5. މެދު ބަގީޗާ ސަރަހައްދު 12 ގަޑިއިރަށް 7000ރ. އަށް

6. މާމެލާމެލި ސަރަހައްދު 24 ގަޑިއިރަށް 10،000ރ. އަށް

7. ފާލަން އައްސޭރި ސަރަހައްދު 12 ގަޑިއިރަށް 5000ރ. އަށް

8.ކަސްރަތު ފެހި ސަރަހައްދު 12 ގަޑިއިރަށް 15،000ރ. އަށް

9. ފެނާރު މައިޒާން ސަރަހައްދު 12 ގަޑިއިރަށް 3000ރ. އަށް

ކުރިން ލޮނުޒިޔާރަތް ޕާކު ކުއްޔަށްދޫކުރީ އެއްގަޑިއިރާއި އަށް ގަޑިއިރަށް، ކޮންމެ ގަޑިއިރަކަށް ވަކި އަދަދެއް ނަގާ ގޮތަށެވެ. އެހެންނަމަވެސް އެ އަގުތަކަށް ބަދަލު އަންނަނީ 12 ގަޑިއިރަށާއި 24 ގަޑިއިރަށް ކުއްޔަށް ހިފާ ނަމަ އެވެ. އަދި ބާރަ ގަޑިއިރަށް ހިފާނަމަ 10 ޕަސެންޓް އަދި 24 ގަޑިއިރަށް ހިފާ ނަމަ 20 ޕަސެންޓްގެ ޑިސްކައުންޓް ލިބޭގޮތަށެވެ.

މި ބަދަލާއި ގުޅިގެން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މީގެ ކުރިން ޢަމަލުކުރަމުން އައި އުސޫލުގައި ވަކި ވަގުތުތަކެއް ކަނޑައަޅާ ވަކި ރޭޓުތަކަކަށް ތަން ކުއްޔަށްދޫކުރަމުން އައިނަމަވެސް ވަރަށް ގިނަ މީހުން ތިން ގަޑިއިރަށް ނުވަތަ ހަތަރު ގަޑިއިރަށް ޕާކު ނެގުމަށްފަހު، ޕާޓީއަށް ތަން ތައްޔާރު ކުރުމަށް އޭގެ އެތައް ގަޑިއިރެއްކުރިން ވަންނަން ބޭނުންވެގެންވެސް އެދެމުންގެންދާކަމަށެވެ.

އެހެންނަމަވެސް އެގޮތަށް ޕާކަށް ވަންނަ ގިނަ ފަރާތްތަކުން އިތުރަށް ޕާކުގެ ބޭނުންހިފާ ވަގުތުތަކަށް ފައިސާ ދޭން ބޭނުން ނުވާކަމަށާއި، އެކަމަކު އެ ވަގުތުތަކުގައި އެފަރާތްތަކުން ބޭނުންކުރަނީ މާލެ ސިޓީ ކައުންސިލްގެ ފެނާއި ކަރަންޓު ކަމަށްވުމުން މިގޮތަށް މިކަން ކުރިއަށް ގެންދިއުމަކީ ވަރަށްބޮޑު ގޮންޖެހުމެއްކަމުގައި މޭޔަރު ވިދާޅުވިއެވެ.

ނަމަވެސް ސިޓީކައުންސިލުން މި އުސޫލަށް އަލަށް މިގެނައި ބަދަލާއިއެކު އެފަދަ ކަންކަމަށް ހައްލު ލިބި ކުއްޔަށް ހިފާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ކަމަށް މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.

އަލަށް އެކުލަވާލި އުސޫލުގައިވާގޮތުން ސިޔާސީ އެއްވެސް ބޭނުނަމަކަށް ލޮނުޒިޔާރަތް ޕާކް ކުއްޔަށް ދޫނުކުރެވޭނެއެވެ.

ލޮނުޒިޔާރަތް ޕާކު ކުއްޔަށް ހިފަން ހުށަހަޅަން ޖެހެނީ އެ ކަމަށް ޚާއްސަ ކޮށްފައިވާ ފޯމެއް މެދުވެރިކޮށެވެ. އަދި އެ ފޯމު https://malecity.gov.mv/uploads/documents/L.Park%20ge%20Fahuge%20Form001%20(1)-1663612210889.pdf މިހާރު ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

މީގެ އިތުރުން ޕާކު ކުއްޔަށް ދޫކުރުމުގެ އުސޫލު https://malecity.gov.mv/uploads/documents/lonu%20park%20usool-1663509030239.pdf

މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.