ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގެ ތެރެއިން

މާލެ ސިޓީ ކައުންސިލް އިދާރާ20 ސެޕްޓެމްބަރ 2022


ވެމްކޯގެ އަސްލު މަސައްކަތުގެ ތެރެއަށް އަޅުގަނޑުމެން ނުވަންނާނަން: މޭޔަރު މުޢިއްޒު

ވެމްކޯގެ އަސްލު މަސައްކަތުގެ ތެރެއަށް މާލެ ސިޓީ ކައުންސިލުން ނުވަންނާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

ވިދާޅުވެއްޖެއެވެ.

ވެމްކޯގެ އެގްރީމަންޓް އައު ނުކުރަން ނިންމި ސަބަބު ހާމަ ކުރައްވަމުން ރޭ ސަންގު ޓީވީގެ "ޚަބަރަށްފަހު"

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މަޤްސަދަކީ ބައެއްގެ ވަޒީފާ ގެއްލިގެން ދިއުން ނޫންކަމަށާއި، ސިޓީ ކައުންސިލްގެ މަޤްސަދަކީ

މާލެ ސިޓީ އަކީ ސާފުތާހިރު ތަނަކަށް ހެދުންކަމަށެވެ.

މޭޔަރު ވިދާޅުވީ މާލޭގެ އާންމު ސަރަޙައްދުތައް ސާފުކުރުމަށް ސިޓީ ކައުންސިލުން އަހަރަކު ގާތްގަނޑަކަށް ތިރީސް މިލިއަން ރުފިޔާ ޚަރަދުކުރަންޖެހޭ ކަމަށާއި، އެހެން ނަމަވެސް ވެމްކޯއަށް ހަވާލުކުރެވިފައިވާ ޒިންމާ އެންމެފުރިހަމަ ގޮތުގައި އަދާނުކުރެވޭތީ މާލެ ސިޓީ ކައުންސިލުން ވެމްކޯއާއި ދެމެދު ވެވިފައިވާ އެއްބަސްވުން އައު ނުކުރަން ނިންމެވީކަމަށެވެ.

އެހެން ނަމަވެސް ވެމްކޯގެ މެންޑޭޓްގެ ތެރެއަށް ސިޓީ ކައުންސިލުން ވަދެފައި ނުވާނެ ކަމަށާއި، ކައުންސިލުން އާންމު ސަރަޙައްދުތައް

ސާފުކުރުމަށްފަހު ނެގޭ ކުނިތައްވެސް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ވެމްކޯގެ ސައިޓަށް ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މަގުތަކާއި އާންމު ތަންތަން ސާފު ކުރުމަކީ ލާމަރުކަޒީ ޤާނޫނުން ކައުންސިލުގެ ޒިންމާއެއްކަމަށްވުމުން އެކަން އަޓްސޯސް ކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެ ވިލިމާލެ ސާފުކުރަން ކުނި ލީޓަރަކަށް ވަކި އަގެއް ކަނޑައަޅައިގެން ވެމްކޯ އާއެކަން ހަވާލު ކުރެވިފައިވާ ކަމަށެވެ.

މިދިޔަ ދޮޅުއަހަރެއްހާ ދުވަހު 45 ވަރަކަށް މިލިއަން ރުފިޔާ ވެމްކޯއިން ސިޓީކައުންސިލަށް ބިލް ކުރި ކަން ހާމަކުރައްވަމުން މޭޔަރު

ވިދާޅުވީ އޭގެތެރެއިން 38 މިލިއަން ވެމްކޯއަށް ދީފައިވާ ކަމަށެވެ. ނަމަވެސް އެފައިސާ ދީފައިވާއިރު، ވެމްކޯއިން ކުނި ނުނަގައިގެ ރައްޔިތުން ޝަކުވާ ކުރާތީ ކައުންސިލްގެ މުވައްޒަފުން ހަމަ އެމަސައްކަތް ކުރަން ރެއާ ދުވާލު ނިކުންނަން ޖެހޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ކައުންސިލުން އެދެނީ ރައްޔިތުންނަށް ރަނގަޅުގޮތް ވާން ކަމަށާއި، އެހެންކަމުން މަގުމަތި ސާފުނުވެ އެތައް މިލިއަނެއްގެ ފައިސާ ޚަރަދުކޮށް އަދި ކައުންސިލަށްވެސް އެމަސައްކަތް ކޮށްފައި ދެކޮޅުނުޖެހޭ ކަމަށާއި، އެއްބަސްވުން އައު ނުކުރަން ނިންމެވީ މި ސަބަބުތަކަށްޓަކައި ކަމުގައި މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިހާ ސާފުކޮށްއޮތް ކަމެއްގައި ރައްޔިތުންނަށް އޮޅޭގޮތަށް ވެމްކޯއިން ބަޔާނެއްނެރެ ކައުންސިލް ބަދުނާމުކޮށްފައިވާކަމީ ހިތާމަކުރައްވާ ކަމެއްކަމުގައެވެ.