އިރާދަކުރެއްވިއްޔާ މާލޭގެ މަގުތަކުގެ ނަންބޯޑު ހަރުކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވޭނެކަމަށް ޤަބޫލުކުރައްވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތަކާއި އަދި ކުރިއަށް ރޭވިފައިހުރި ކަންކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
މީގެ ކުރިން މާލޭގެ ހުރިހާ މަގެއްގައި ނަންތައް އެނގެން ހުރި ކަމަށާއި، އެހެންނަމަވެސް އޭރު ނަންތައް ޖަހާފައި ހުންނަނީ ފާރުގައިކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ މިހާރު ފާރުތައް ތަޅާލުމަށްފަހު ގެދޮރު އިމާރާތްކުރުން ފަދަ ކަންކަމުގެ ތެރެއިން މަގުތަކުގެ ނަންތައް ވަނީ ގެއްލިފައިކަމަށެވެ. އެހެންކަމުން އަލުން މި މަސަކަތް ކުރިއަށްވުރެ ފުރިހަމައަށް ކުރިއަށްގެންގޮސް މަގުތަކުގެ ނަންތައް ފެންނާނެހެން ހުރުމަކީ މުހިންމުކަމެއް ކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.
”މަގުތަކުގެ ނަން ފެންނަން ހުރުމަކީ މުހިންމުކަމެއް.ކުރީގަ ހުންނާނެ މާލޭގެ ހުރިހާ މަގެއްގަ ނަން އެނގެން. އެހެންނަމަވެސް އޭރުގަ ހުންނަނީ ފާރުގަ ނަންޖަހާފަ. މިހާރު ފާރުތައް ތަޅާލާ ގެދޮރު އިމާރާތްކުރުން ފަދަ ކަންކަމުގެ ތެރެއިން މަގުތަކުގެ ނަންތައް ވަނީ ގެއްލިފަ“
ތަރައްޤީވެފައިވާ ސިޓީތަކާއި، އަދި މާބޮޑަށް ތަރައްޤީ ނުވާ ސިޓީތަކުގައިވެސް މަގުތަކުގައި ނަން ފެންނަން ހުންނާނެ ކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ މި ދައުރުގެ ކައުންސިލުން ނިންމާފައިވަނީ ނަންބޯޑު ނުވަތަ ނަންޖަހަން ޖެހޭނެކަމަށާއި، އެގޮތުން މާލޭގެ ހުރިހާ މަގެއް ކަވަރ ކުރަން ޖެހޭކަމަށެވެ. މިއާއިއެކު މޭޔަރު ވިދާޅުވީ މިއީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެކަމެއް ކަމަށާއި، މި މަސައްކަތާއިގުޅޭގޮތުން ކުރަންޖެހޭ ސާރވޭ ވެސް ވަނީ ނިމިފައިކަމަށެވެ.
”މާލޭގެ ހުރިހާ މަގެއް ޖެހޭ ކަވަރ ކުރަން. މިއީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެކަމެއް.މިހާރު އޮތީ މުޅި މާލެ ސާރވޭކޮށް ނިންމާފަ“
މާލެ ސިޓީ ކައުންސިލްގެ 70 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވަނީ މިކަމަށް ސްޕޮންސަރޝިޕް ލިބޭނެގޮތަކަށް މިކަމަށް އިންވެސްޓްކުރާނެ ފަރާތެއް ލިބޭނެގޮތަކަށް މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އަދި މިހަފްތާތެރޭގައި މިކަން ކުރާނެ ފަރާތެއް ލިބޭތޯ އިޢުލާނުކުރާނެ ކަމުގެ ޔަޤީންކަން މޭޔަރު ވަނީ ދެއްވާފައެވެ.
”މިހަފްތާގައި އެ ނަންބޯޑު ޖަހަންދާ ޚަރަދު، ނަންބޯޑުގެ ޕޯސްޓް އެއީ އެފަރާތެއްގެ އިޝްތިހާރު ނުވަތަ އެ ފަރާތެއްގެ ސްޕޮންސަރޝިޕް ކައުންސިލްގެ މިންގަނޑަށް ފެތޭގޮތަކަށް ޕޯސްޓްގަ ޖަހާގޮތަކަށް މިކަން ކުރާނެ ފަރާތެއް ލިބޭތޯ އިޢުލާނުކުރާނަން“
މޭޔަރު ވިދާޅުވީ އިރާދަކުރެއްވިއްޔާ މަގުތަކުގެ ނަންބޯޑު ހަރުކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ ސެޕްގެ 3.14 ގައިވާ " މާލޭގެ މަގުތަކަށް ކިޔާނަން ސާފުކޮށް އިނގޭނެހެން މަގުތަކުގައި ނަން ޖެހުން" މި މަސައްކަތަށް ޢަމަލީ ސިފައެއް ގެނައުމަށް ނިންމާފައިވަނީ ކައުންސިލްގެ 04 ވަނަ ދައުރުގެ 41 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 41 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ ތެރެއިން.
މާލެ ސިޓީގެ މަގުމަތީގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް ގެންދެވޭ މަޝްރޫޢުގެ ދަށުން މަގުތަކަށް ކިޔާ ނަންތައް ޖަހާނެގޮތް ފަރުމާ ކުރުމަށް ރާވާފައިވަނީ މިކަމާއި ގުޅޭ ފަންނީ ފަރާތްތައް މެދުވެރިކޮށް އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާގެ މަތިންނެވެ.
