ސިޓީ ޕާރކް ތަރައްގީ ކުރަން ކުރެހިފައިވާ ގޮތުގެ ފޮޓޯ

މާލެ ސިޓީ ކައުންސިލް އިދާރާ13 އޮކްޓޯބަރ 2022


މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަނީ

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ހަދަން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ގަލޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ގަލޮޅުގައި ޕާކެއް ތަރައްގީ ކޮށްދިނުމަށް އެދުމުންނެވެ.

މާލެ ސިޓީ ކައުންސިލުން ގަލޮޅުގެ ކުރީގެ ސިޓީ ޕާކު ހުރި ބިމުގައި ތަރައްގީ ކުރާ ޕާކު ފަރުމާކޮށްފައިވަނީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުމެއް ނުލިބޭ ގޮތަށެވެ. މި ޕާކުގައި ކުޑަ ކުދިންނަށް ހާއްސަކޮށްގެން ތަރައްގީ ކުރާ "ޕްލޭ އޭރިއާ" ގައި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބަޔަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް އެކުލެވިގެންވާނެއެވެ. އަދި މި ދެބައިގައި ބަހައްޓާ ކުޅޭ ތަކެތި ހުންނާނީ "ޓްރީ ހައުސް ތީމް" އަށެވެ. މީގެ އިތުރުން ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށް ދިނުމުގެ ގޮތުން، ފުރޮޅުލީ ގޮޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓާފައިވާނެއެވެ.

ކުޑަކުދިން ކުޅެން ދޫކޮށްލުމަށްފަހު، ބެލެނިވެރިން އަރާމުކޮށްލާނެ ފުރުސަތު ދިނުމުގެ ގޮތުން، ކުޑަކުދިން ކުޅޭ ސަރަހައްދުގައި ބެލެނިވެރިން އިށީނުމަށް ގިނަ އަދަދެއްގެ ޖާގަ ދެވިފައިވާނެއެވެ. ޕާކުގެ އެހެން ސަރަހައްދުތަކުގައިވެސް ތަފާތު ސީޓިންގް ޖާގަ ފަހިކޮށްދީފައިވާނެއެވެ. ހާއްސަ ތީމް އަކަށް ފަރުމާކޮށްފައިވާ 'ފްލަރވަރ ސީޓް' އަދި 'ލީފް ސީޓް' ތަކެއް ވެސް މި ޕާކުގައި ބަހައްޓާފައިވާނެއެވެ.

މި ޕާކުގައި އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމް އަކާއި ކަސްރަތު ކުރުމަށް ހިނގާ ޓްރެކް އެއް ބެހެއްޓިފައިވާނެއެވެ. މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކަސްރަތުކުރުމަށް ފަރުމާކުރެވިފައިވާ ހާއްސަ "އައުޓްޑޯ ޖިމެއް" ތަރައްގީ ކޮށްފައިވާނެއެވެ. ޕާކުގެ ފާހާނަ ބްލޮކްގައި އަންހެން ފިރިހެން އަދި ހާއްސައެހީ އަށް ބޭނުންވާ ފަރާތްތަކަށް ޖާގަ ތަނަވަސްކޮށްފައިވާނެއެވެ.

މި ޕާކުގެ ސްޕޯރޓްސް އޭރިޔާގައި ބެޑްމިންޓަން ކޯޓްއަކާއި 3އޮން3 ބާސްކެޓްބޯލް ކުޅޭނެ ކޯޓެއް ހުންނާނެއެވެ. މި ސްޕޯޓްސް އޭރިޔާގެ ދަށުގައި، ގްރައުންޑް ލެވެލް ގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިންޒޯން އެއް ވެއެވެ. މިޕާކިންގް ޒޯންއާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި 2 ސްލޮޓު އިންނާނެއެވެ.

ސަލާހުއްދީން މިސްކިތާއި ޕާކާއި ދެމެދުގައިވާ ހަނި ގޯޅީގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމުގެ ގޮތުން، އެ ސަރަހައްދު އަލި ކުރުމަށް ،ޕާރކުގެ ފާރުގައި 'އެމްބެޑެޑް ލައިޓް' ހަރުކޮށްފައިވާނެއެވެ. ޕާކުގެ އެތެރޭގެ ލައިޓް ތަކާއިއެކު ، މި ސަރަހައްދަކީ އެކަށީގެންވާ ވަރަށް ދިއްލިފައިވާ ސަރަހައްދަކަށް ވެގެންދާނެއެވެ.

މަގުގެ ޓްރެފިކް އާއި ޕާރކް އާ ދެމެދު ބަފަރ އެއް ލުމުގެ ގޮތުން، ޕޭވްމެންޓްގައި ހަނި ޕްލާންޓަރ ބޮކްސް ތަކެއް ބެހައްޓާފައިވާނެއެވެ. މި ޕްލާންޓަރ ބޮކްސް ތަކުން ޕާރކް ތެރެއަށް ވެޔޮއަރާ ގޮތަށް ޓްރެލިސް ތަކެއް ފަރުމާ ކޮށްފައިވާނެއެވެ. ޕްލާންޓަރ ބޮކްސް ތަކުގެ ސައިޒް ވީހާވެސް ހަނި ކޮށް، ޕޭވްމެންޓް ގައި ޕްރޭމް އަދި ފުރޮޅީގޮނޑި ދުއްވާ ޖާގަ ދީފައިވާނެއެވެ.