އަވަށު ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ޙަރަކާތުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ01 ނޮވެމްބަރ 2022


އަވަށު ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެގޮތުން މާލެ ސިޓީ ކައުންސިލުން ޙަރަކާތެއް ބާއްވައިފި

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެދަށުގައިވާ އަވަށު މަދަރުސާތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ޙަރަކާތެއް ބާއްވައިފިއެވެ.

މިއަދު ކުރިއަށްގެންދިޔަ މި ޙަރަކާތުގައި މާފަންނު މަދަރުސާ އާއި ގަލޮޅު މަދަރުސާގެ އިތުރުން އަހުމަދިއްޔާ ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންނަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ގިފްޓް ހެމްޕަރ އެއް ހަދިޔާކޮށްފައެވެ.

މި ޙަރަކާތަކީ މި އަހަރުގެ ޓީޗަރުންގެ ދުވަހާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ދުރާލާ ތައްޔާރުވެގެން ކުރިއަށް ގެންދިއުމަށް ނިންމި ޙަފްލާ ބޭއްވުމަށް ސަރުކާރުން ހުއްދަ ނުދެއްވުމުން އެ ހަފްލާ ކެންސަލްކުރެވިފައިވާތީ މި ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވުނު ޙަރަކާތެކެވެ. އަވަށު މަދަރުސާތަކަށް މި ހަދިޔަ ހަވާލު ކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އަވަށު ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ޙަރަކާތުގެ ތެރެއިން.

މި ޙަރަކާތާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި އަވަށު ސްކޫލްތައް ހިންގަން ހަވާލުވި ހިސާބުން ކައުންސިލުން މަސައްކަތް ކުރަނީ ސްކޫލްތަކާއި ގުޅިގެން ވީހާވެސް ރަނގަޅަށް ކައުންސިލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ޓީޗަރުންނާއި ސްކޫލްތަކުގެ މެނޭޖްމެންޓް އާއި މުވައްޒަފުން ކޮށްދެއްވާ ބުރަ މަސައްކަތް ކައުންސިލުން ފާހަގަކުރާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އަޅުގަނޑުމެން ވަރަށް އެޕްރިޝިއޭޓް ކުރަން ޓީޗަރުންނާއި ސްކޫލް މެނޭޖްމެންޓް އަދި ސްޓާފުން ތިކޮށްދެއްވާ ބުރަ މަސައްކަތް

މީގެ އިތުރުން މޭޔަރު ވަނީ ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ބޭއްވުމަށް ކައުންސިލުން ރޭވި ޙަފްލާ ކުރިއަށް ނުގެންދެވުނު ސަބަބު ހާމަކޮށްދެއްވާފައެވެ.

އަޅުގަނޑުމެން ޙަޤީޤަތުގަ ބޭނުންވީ ޓީޗަރސްޑޭ އާއި ގުޅިގެން ހަފްލާއެއްބާއްވަން . މާފަންނު މަދަރުސާ ގަލޮޅު މަދަރުސާ އަދި އަހުމަދިއްޔާ ހިމެނޭނެހެން. އެކަމަށް ވަރަށް ތައްޔާރީތައްވެސް ވީން. އެހެން ނަމަވެސް ކެންސަލްކޮށްލަން ޖެހުނީ ސަރުކާރުން އެކަމަށް ހުއްދަ ނުދެއްވުމުން. ސަރުކާރުން އެއްބާރުލުން ނުދެއްވި ސަބަބު އަޅުގަނޑަކަށް އަންޑަސްޓޭންޑް އެއްނުވޭ.

އެހެން އެކަންވީނަމަވެސް ކައުންސިލުން ބޭނުންވަނީ ޓީޗަރުންނަށް ރަމްޒީ ގޮތެއްގައި ނަމަވެސް ކޮންމެވެސް ކަހަލަ ހަދިޔާއެއްދީ ތުއްތު ކުދިންތަކެއް ބިނާކުރުމަށްޓަކައި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތް ބަލައިގަނެ ހިތްވަރު ދިނުމަށް މޭޔަރު ވިދާޅުވިއެވެ.

އަވަށު ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ޙަރަކާތުގެ ތެރެއިން.

މޭޔަރު އިތުރަށް ވިދާޅުވީ ކުރިއަށްއޮތް ތަނުގަ މިއަށްވުރެ ރަނގަޅަށް ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މިކަމަށް ސަރުކާރުންވެސް އެއްބާރުލުން ލިބިގެންދާނެ ކަމުގައި ޤަބޫލުކުރައްވާ ކަމަށެވެ. އަދި ކުރިއަށްއޮތް އަހަރުގެ ޓީޗަރުންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގަ މިއަށްވުރެ ރަނގަޅަށް ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ގެންދެވޭނެ ކަމަށް އުންމީދުކުރަން. އަދިސަރުކާރުންވެސް އެއްބާރުލުން ލިބިގެން ކުރިއަށްއޮތް އަހަރު އޮންނަ މުދައްރިސުންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެވޭނެ ކަމަށް އުންމީދު ކުރަން.

މިއަދު ކުރިއަށް ގެންދެވުނު ޙަރަކާތުގައި މާލެ ސިޓީގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރ އަލް އުސްތާޛާ ފާތިމަތު ޝަމްނާޒް ޢަލީ ސަލީމް އާއި މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ އާދަމް ރަމީޒްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.