ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު

މާލެ ސިޓީ ކައުންސިލް އިދާރާ02 ނޮވެމްބަރ 2022


ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ކައުންސިލުން ނިންމުމުން ސަރުކާރުން ހުރަސް އެޅުމަކީ ލަދުވެތި ކަމެއް: ޝުޖާއު

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގަވާ 3 ސްކޫލް ކަމަށްވާ މާފަންނު މަދަރުސާ ގަލޮޅު މަދަރުސާ އަދި އަހުމަދިއްޔާ ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެގޮތުން ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމުމުން ސަރުކާރުން އެކަމަށް ހުރަސް އެޅުމަކީ ލަދުވެތި ކަމެއް ކަމުގައު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ކައުންސިލްގެ އިވެންޓް ކޮމެޓީގެ ޗެއާރމަން އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 74 ވަނަ ރަސްމީ އާއްމު ޖަލްސާގައި އޮކްޓޯބަރ 20 ވަނަ ދުވަހު ކައުންސިލްގެ ފަރާތުން ޓީޗާރސް ޑޭ ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ޙަރަކާތާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި ވާހަކަ ދައްކަވަމުންނެވެ. ޝުޖާއު ވިދާޅުވީ މިކަން ޖަލްސާގައި ހާމަކުރަން ބޭނުންވީ ހުރިހާ ކައުންސިލަރުންނަށް އެކަމާއިގުޅޭ މަޢުލޫމާތު ދިނުމުގެ ބޭނުމުގައިކަމަށެވެ.

ޝުޖާއު ވިދާޅުވީ ތަޢުލީމު އުނގަންނަވައިދޭން ތިބޭ މުދައްރިސުންނަކީ ޤައުމެއް ބިނާ ކުރުމުގަ އެންމެ އިސް ދައުރެއް އަދާކުރާ އެއްބައެއްކަން ހުރިހާ އެންމެންވެސް ޤަބޫލުކުރާ ކަމަށާއި، ކައުންސިލުން މިދުވަސް ފާހަގަކުރަން ބޭނުންވީ މި ސަބަބުތަކަށްޓަކައި ކަމަށެވެ.

ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ސްކޫލްގެ ކަންތައްތައް ވަރަށް ގާތުން ބަލަމުންގެންދާކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ އެ ސްކޫލްތަކުން ބައެއް ޙާލަތްތަކުގައި އެޑިޔުކޭޝަން މިނިސްޓްރީގައި އެބޭފުޅުންނަށް ދިމާވާ މައްސަލަތަކުގެ ވާހަކަ ދެންނެވުމުން އެކަންތައްތައް ދަންނަވަންޖެހޭނީ ސިޓީ ކައުންސިލަށްކަމަށް އެޑިޔުކޭޝަނުން ވިދާޅުވާ ކަމަށެވެ. އެހެންނަމަވެސް ޓީޗަރުންގެ ދުވަސް ކައުންސިލުން ފާހަގަކުރަން ނިންމުމުން އެޑިޔުކޭޝަނުން ވަނީ ކައުންސިލުން ކުރާ ކަމެއްގައި ބައިވެރި ނުވުމަށް އެ ސްކޫލްތަކަށް އަންގާފައިކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިކަން މާލެ ސިޓީ ކައުންސިލުން ކުރަން ނިންމުމުން އެޑިޔުކޭޝަން މިނިސްޓްރީއިން ސްކޫލްތަކަށް މި އަންގަނީ ސިޓީ ކައުންސިލުން ފާހަގަކުރަންއުޅޭ ޓީޗަރުންގެ ދުވަހުގެ ޙަފްލާގައި ތީގެން އެއްވެސް ޓީޗަރަކު ބައިވެރިވެގެން ނުވާނެއޭ. މިކަންކަން ސިޓީ ކައުންސިލުން ކުރާތީ ހުއްޓުވަން އެޑިޔުކޭޝަން މިނިސްޓްރީއިން ނުވަތަ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އުޅުނީމަ މިއީ ވަރަށް ލަދުވެތިކަމެއް.

މާލެ ސިޓީ ކައުންސިލްގެ އިވެންޓް ކޮމެޓީއިން ކައުންސިލުން ބަލަހައްޓާ 3 ސްކޫލްގައި ޓީޗަރުންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ޚާއްސަ ޙަފްލާއެއް ބޭއްވުމަށް ނިންމިނަމަވެސް އެ ތާރީޚުގައި އެ ޙަފްލާ ނުބޭއްވުނީ މިކަމުގެ ހުއްދަ ސަރުކާރުން ނުދެއްވުމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި 1 ނޮވެމްބަރު ގައި މި 3 ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންނަށް މި ހަދިޔާތައް ހަވާލުކޮށްފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

މިއާއިއެކު މި ޙަފްލާ ކުލަގަދަކޮށް ނުބޭއްވުނީ އެޑިޔުކޭޝަނާއި ރައީސް އޮފީހުން މިކަމަށް ހުރަސް އަޅައި ސްކޫލްތަކަށް ބިރުދެއްކުމުން ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.

މިކަމާއިގުޅިގެން ޓީޗަރުންގެ ޝަކުވާ ކައުންސިލަށް އައި. އެބޭފުޅުން ވިދާޅުވީ އެބޭފުޅުންގެ އަގުވަޒަންކުރުމަށް އެފަރާތްތަކުގެ ބަލަދުވެރި ފަރާތުން ކުރަން އުޅޭ ކަމެއްގައި ބައިވެރިވާން ބޭނުންވާ ކަމަށް.އެހެން ނަމަވެސް ތްރެޓްކޮށް، މިކަންތައްތަކުގަ ބައިވެރިނުވާން އަންގާ ހިސާބަށް ދިޔައީމަ އަޅުގަނޑުމެން ބާއްވަންއޮތް ތާރީޚުވެސް ފަހަނައަޅާ ދިޔައީ. އެކި މަސްދަރުތަކުން މަޢުލޫމާތު ލިބިފައިވާގޮތުން އެނގިގެން ދިޔައީ އެޑިޔުކޭޝަން މިނިސްޓްރީ އާއި ރައީސް އޮފީހުން މިކަން ހުއްޓުވިކަމަށް.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ކައުންސިލްގެ މެންޑޭޓްގައި ވާކަމެއް ކުރުމަށް އުޅުމުން ސަރުކާރުން ބިރުން އުޅުމަކީ އަޖައިބުވާކަމެއްކަމަށާއި،

މި ކަމަށް ސަރުކާރުން ހުރަސްއެޅީ ސިޔާސީ ކަމެއް ކުރާކަމަށް ތުހުމަތު ކޮށްފައި ކަމަށެވެ.

އެބޭފުޅުން ޤަބޫލުކުރަނީ އަޅުގަނޑުމެން ސިޔާސީ ކަމެއް ކުރަން އުޅެނީކަމަށް. އަޅުގަނޑުމެންނަކީ ސިޔާސީ ބައެއް. ރައީސުލް ޖުމްހޫރިއްޔާ އަކީ ސިޔާސީ ބޭފުޅެއް. އެޑިޔުކޭޝަން މިނިސްޓަރަކީ ސިޔާސީ ބޭފުޅެއް. އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ ސިޔާސީ ކަމަކަށް ވަންޏާ އެންމެން ކުރަނީ ސިޔާސީ ކަންކަން.

ކައުންސިލަރު ޝުޖާއުގެ ވާހަކައިގައި ވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ކައުންސިލަރުންގެ ނަމުގަޔާއި އިވެންޓް ކޮމެޓީ ގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.