ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު

މާލެ ސިޓީ ކައުންސިލް އިދާރާ03 ނޮވެމްބަރ 2022


ފިނޭންސް މިނިސްޓްރީއިން ކައުންސިލަށް ދޭންޖެހޭ ފައިސާއެއްނެތްކަމަށް ބުނި ނަމަވެސް އެއީ ދޮގެއް: ޝުޖާއު

ފިނޭންސް މިނިސްޓްރީއިން ކައުންސިލަށް ދޭންޖެހޭ ފައިސާއެއްނެތްކަމަށް ބުނެ ބައެއް މީޑިއާތަކަށް ދީފައިވަނީ ދޮގު މަޢުލޫމާތެއް ކަމުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމްޝުޖާއު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ ކައުންސިލްގެ 74 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކައުންސިލަށް ފިނޭންސް މިނިސްޓްރީ އިން ދޫކޮށްފައިވަނީ ބްލޮކް ގްރާންޓްގެ ގޮތުގައި ދެއްވަންޖެހޭ ފައިސާ ކަމަށާއި،އެ ފައިސާ ޚަރަދުކުރަނީ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އާއި ކައުންސިލްގެ ބިލްތައް ދެއްކުމަށް ކަމަށެވެ.

ކަނޑައެޅިގެން ދޮގު އެއީ. އަޅުގަނޑުމެންނަށް ދީފައޮތީ ބްލޮކް ގްރާންޓުން ދެއްވަންޖެހޭ ފައިސާ . އެއީ ހަމައެކަނި ސިޓީ ކައުންސިލް މުވައްޒަފުންގެ މުސާރަދީ ކަރަންޓުބިލާ ފެންބިލް ދައްކާ ލާރި. އިތުރު ފައިސާއެއް މިކައުންސިލަކަށް ނުދޭ.

މީގެ އިތުރުން ދެވަނަ ކުއާޓަރގައި މާލޭގެ މަގުތަކުގައި ދުއްވާ ވެހިކަލްތަކުގެ ފީގެ ގޮތުގައި ކައުންސިލަށް ލިބެންޖެހޭ ފައިސާ އަދިވެސް އޮތީ ސަރުކާރުން ހިފަހައްޓާފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިއަދު ކައުންސިލުން ދައްކަންޖެހޭ ވާހަކައަކީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުން ކުރިމަތިކުރުވާ ހުރަސްތަކުގެ ވާހަކަ ކަމަށާއި، މިކަމަކީ ހުރިހާ ކައުންސިލަރުންނަށްވެސް އަދި ރައްޔިތުންނަށްވެސް އެނގެންޖެހޭ ކަންކަން ކަމުގައި ޝުޖާއު ވަނީ ވިދާޅުވެފައެވެ.

 އަޅުގަނޑުމެން އާދޭސްކޮށް ސަރުކާރަށް މިދަންނަވަނީ އަޅުގަނޑުމެން ބަލަހައްޓަންޖެހޭ ކަމެއްގެ ބާރު ކީއްވެގެންތޯ މިކައުންސިލަށް ނުދީ ތިއުޅެނީ. އެހެންވީމާ ހުރިހާ ކައުންސިލަރުންވެސް އަދި ރައްޔިތުންވެސް ޤަބޫލުކުރަންވީ ސިޓީ ކައުންސިލަށް މިއުޅެނީ މާލޭގެ ރައްޔިތުންގެ ބިންތަކުން ލިބެންޖެހޭ ފައިސާ ނުލިބިގެންކަން، ސަރުކާރުން ނުދީ ހުއްޓުވައިގެން މިއުޅެނީ. މިއީ ވަރަށްބޮޑަށް ކަންބޮޑުވާ މައްސަލައެއް.  

ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގެ މުނިސިޕަލް ގިނަ މަސައްކަތްތަކެއް ހިންގާއިރު، މާލޭގެ މަގުތަކުން ކައުންސިލަށް ލިބެންޖެހޭ ފީ އަކީ ސިޓީކައުންސިލަށް ލިބެންޖެހޭ އާމްދަނީއަކަށް ވާއިރު މިފައިސާ ދޭން ސަރުކާރުން ދެކޮޅުހައްދަވާކަމީ ކަންބޮޑުވާ ކަމެއް ކަމުގައި ޝުޖާއު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގަ ލައިން ދަމަން އެބަޖެހޭ ސިޓީ ކައުންސިލުން. ކުލަ ގަންނަން އެބަޖެހޭ ސިޓީ ކައުންސިލުން. ލާރި ދީގެނެއްނުވޭ. މިއީ ސަރުކާރުން އަޅާފައޮތް ހުރަހަކީ. އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނީ ކަންކަން ކުރެވޭނެ ގޮތް ސަރުކާރުން ފަހިކޮށްދިނީމަ.

 ޝުޖާއު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި ލިޔެފައިދިނަސް ކަންކަން ނުކުރެވޭނެ ކަމަށާއި، ޤާނޫނުގެ ބާރާއި ފައިސާ ލިބޭނެ ގޮތްތައްވެސް ސަރުކާރުން ފަހިކޮށްދޭން ޖެހޭކަމަށެވެ.

ޤާނޫނުގައި ލިޔެފަދިނަސް އަދި ކަންކަމެއް ނުކުރެވޭނެ. އޭގެ ބާރާއި ފައިސާ ލިބޭނެ ގޮތްގޮތާއި ފަހިކޮށްދޭން ޖެހޭ . ފައިސާ ލިބޭނެ ގޮތް ފަހިކޮށްދީފަ ލިބެންޖެހޭ ފައިސާ ހުރީ ހިފަހައްޓާފަ

މާލެސިޓީއަށް ދިމާވެފައިވާ ގިނަމައްސަލަތަކަށް ހައްލުތައް ލިބިގެންދާނީ  މިކަން ސަރުކާރުން ކޮށްދިނީމަކަމަށް ޝުޖާއު ވިދާޅުވިއެވެ.