މާލެ ސިޓީ ކައުންސިލުން ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ30 ނޮވެމްބަރ 2022


މާލެސިޓީ ކައުންސިލުން ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މާލެސިޓީ ކައުންސިލުން ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމަކީ މާލޭގެ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި ދިވެހި ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި،ގުޅޭގޮތުން ކުރިއަށްގެންދެވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މަގުމަތީގައި ޓޭކްއަވޭގެ ޚިދުމަތްދެމުންދާ ތަންތަނުގެ ޕޭވްމަންޓް މަތީގައި ވިޔަފާރި ކުރަމުންދާ މައްސަލަ އާއި، ކުނީގެ މައްސަލަތަކައް ދާއިމީހައްލެއް ގެނައުމަށް ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާކުރެވިފައިވެއެވެ. އަދި މިކަމާއިގުޅިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ފުލުހުންނާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލުން ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.

މީގެ އިތުރުން،މަގުމަތީގެ މަސައްކަތްތައް ކުރިއަށްގެންދާއިރު،ޓްރެފިކް ބާރުބޮޑުވާ ސަރަޙައްދުތައް ކަނޑައެޅޭ ވަކިއުސޫލަކުން މިހާރުވެސް ތަންފީޒުކުރަމުންދާގޮތައް ކުރިއަށްގެންދިއުމާއި ގުޅިގެން މަޝްވަރާކުރެވިފައިވެއެވެ.

މާލޭގެ ޓްރެފިކް މައްސަލަތަކާއި ގުޅިގެން ފުލުހުންގެ އެންމެބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ އަލަށް އިމާރާތްކުރާ ސްކޫލްތައް އެއްސަރަޙައްދަކަށް ބަދަލުކުރުމެވެ. އެގޮތުން ޢަރަބިއްޔާ ސްކޫލް ބާޖަމާލުއްދީން ހުރި ސަރަޙައްދަށް ބަދަލުކުރުމަކީ އެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ދިމާވާނެ ވަރަށްބޮޑު ގޮންޖެހުމެއްކަމުގައި ފުލުހުންވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.

ފުލުހުންގެ މި ކަންބޮޑުވުންތަކާއި ގުޅިގެން މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލްގެ އަމާޒަކަށްވާނީ މާލޭގެ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަކަށް ކަންކަން ބައްޓަންވެގެން ދިއުންކަމަށެވެ. އެގޮތުން ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމާއި ގުޅޭގޮތުން ފުލުހުންގެ ކަންބޮޑުވުމަށް މޭޔަރ ވިދާޅުވީ ޢަރަބިއްޔާ ސްކޫލް ބަދަލުކުރަން ނިންމާފައިވަނީ ސަރުކާރުގެ ކެބިނެޓުން ކަމަށާއި، އެތަނުގައި ސްކޫލެއް އިމާރާތްކުރުމުން ނުކުމެދާނެ ނަތީޖާ އަކާއިމެދު ކައުންސިލުން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކުރިކަމަށެވެ. އަދި އެ ސަރަޙައްދުގެ ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ކައުންސިލުން ނިންމީ އެތަނުގައި ޕާކެއް ހެދުމަށް ކަމުގައި މޭޔަރ ތަފްޞީލްކޮށްދެއްވިއެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ މާލެ ސިޓީގައި ޤަވާއިދާއި ޚިލާފަށް ހިނގާ ކަންކަން ރަނގަޅުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިފައެވެ. ފުލުހުންނާއި ކައުންސިލް ގުޅިގެން މިފަދަ ކަންކަން ހައްލުކުރުމަށް ކުރިއަށްއޮތްތަނުގައި ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ.