ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަގީތައް: މި ބަގީތައް މި މަހު ފަހުކޮޅު މާލެ ގެނެވޭނެ.

މާލެ ސިޓީ ކައުންސިލް އިދާރާ17 ޖަނަވަރީ 2023


މާލެ ސިޓީ ކައުންސިލުން ފެބްރުއަރީ މަހު ވިލިމާލޭގައި ބަގީގެ ޚިދުމަތް ފަށަނީ

17 އޯގަސްޓް 2022 ގައި ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގައި ނިންމާފައިވާ ފަދައިން ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މިމަހު ފަހުކޮޅު މާލެ ގެނެވި ފެބްރުއަރީ މަހުގެ ކުރީކޮޅު މި ޚިދުމަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ގެނެވޭ ބަގީތަކުގެ ތެރޭގައި، މުދާ ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި ލެވޭގޮތަށް ހެދިފައިވާ 2 ބަގީ އާއި، ކުއްލި ޙާލަތް ތަކުގައި އިމަރޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ 1 ބަގީ ހިމެނޭނެއެވެ. އަދި 4 ސީޓުގެ 3 ބަގީ އާއި، 6 ސީޓުގެ 3 ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ 1 ބަގީ ހިމެނޭނެއެވެ. މި ބަގީ ތަކަކީ ބެޓެރީ ލައިފް ގިނަވަގުތު ހިފެހެއްޓޭނެ ގޮތަށް ހެދިފައިވާ ވިލިމާލޭގެ މާހައުލާއިވެސް ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ބަގީތަކެއްކަން ފާހަގަކޮށްލެވެއެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ވިލިމާލޭގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން އެ ރައްޔިތުން އެދިލައްވާފައިވާގޮތަށެވެ.

މި ޚިދުމަތާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ވިލިމާލޭގެ ރައްޔިތުން އެދޭ އަމާޒަށް ވާސިލްވުމަށްޓަކައި، ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

މޭޔަރު ވިދާޅުވީ އިރާދަކުރެއްވިއްޔާ މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތްދޭނީ ވިލިމާލޭގެ ރައްޔިތުން އެދޭގޮތަށް ވިލިމާލޭގެ މާހައުލާއި ގުޅޭގޮތަށް ކަމަށެވެ.