ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު

މާލެ ސިޓީ ކައުންސިލް އިދާރާ20 ޖަނަވަރީ 2023


ސަރުކާރުން ކަންކުރަނީ ވިލިމާލޭގެ ރައްޔިތުން އެދުނުގޮތާއި ޚިލާފަށް: ޝުޖާއު

ވިލިމާލޭގެ ރައްޔިތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެދިފައިވަނީ ބޭނުންވަނީ ބަގީ ޚިދުމަތް ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން ކަންކުރަނީ ވިލިމާލޭގެ ރައްޔިތުން އެދުނުގޮތާއި ޚިލާފަށް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ވިލިމާލޭ ރައްޔިތުން ބޭނުންވާފަދައިން މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތްދޭން ތައްޔާރުވެފައިވަނިކޮށް ކުއްލިއަކަށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމި ނިންމުމާއި ދެކޮޅަށް ކައުންސިލްގެ 85 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝުޖާއު ގެ ވާހަކައިގައި ވިދާޅުވީ ސަރުކާރުން މިކަންކުރަނީ ޓްރާންސްޕޯޓް މިނިސްޓަރުގެ އެދިލެއްވުމާއިވެސް ދެކޮޅަށްކަމަށާއި، މިނިސްޓަރ ނަހުލާވެސް ބޭނުންފުޅުވަނީ ކައުންސިލުން ނިންމާފައޮތް ގޮތަށް ކުރިއަށް ދާންކަމަށެވެ. އަދި މިކަމަށްޓަކައި ޝުޖާއު ވަނީ މިނިސްޓަރު ނަހުލާއަށް ޝުކުރުދަންނަވާފައެވެ.

ނަހުލާ ގަން ޕޮއިންޓްގަ ބައިންދައިގެން ކުރާ ކަމެއްކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. މިނިސްޓަރ ނަހުލާވެސް ބޭނުންފުޅެއް ނުވޭ ވިލިމާލޭގައި ސަރުކާރުން މިޖަހާ ސަކަރާތް ޖަހާކަށް. މިނިސްޓަރ ނަހުލާވެސް ބޭނުންފުޅުވަނީ ކައުންސިލުން ނިންމާފައޮތް ގޮތަށް ކުރިއަށް ދާން. އެހެންވީމަ އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއަށް

ޝުޖާއު އިތުރަށް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަށް ލާމަރުކަޒީ ޤާނޫނުވެސް އަދި އެ ޤާނޫނުގައި ލިޔެފައިވާ އެއްޗެއްވެސް އެނގިވަޑައި ނުގަންނަވާކަމަށެވެ.

ރައީސް ސޯލިހަކަށް ލާމަރުކަޒީ ޤާނޫނެއް ނޭނގެ ޙަޤީޤަތުގަ، އޭގައި ލިޔެފައޮތް އެއްޗެއްވެސް ނޭނގެ

ޝުޖާއު ވިދާޅުވީ ކައުންސިލުން ބަގީ ވަރަށް އަވަހަށް ގެންނާނެ ކަމަށާއި، މި ކައުންސިލުން އަންނަނީ އަންނަނީގައި ނޯންނާނެކަމަށެވެ.

އަންނަނީ އަންނަނީއެއް ނޫން. ބަގީ ގެންނަނީ މިހާރު. މި ކައުންސިލުން އަންނަނީ އަންނަނީއަކު ނޯންނާނެ

ލާމަރުކަޒީ ޤާނޫނާއި ފުށުއަރާގޮތަށް ސަރުކާރުން ކަންކުރަމުންދާއިރު، ޤާނޫނުގަ އޮންނަނީ ރައްޔިތުންނާ މަޝްވަރާކޮށްގެން ރައްޔިތުން ބޭނުންވާގޮތަށް ކަންތައްކުރުމަށް ކަމަށާއި، އެ ޤާނޫނުގައި ރައީސްގެ ކެމްޕޭނަށްވީމައި ކަންކަންކުރަން ނޯންނަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޤާނޫނުގަ އޮންނަނީ ރައްޔިތުންނާ މަޝްވަރާކޮށްގެން ރައްޔިތުން ބޭނުންވާގޮތަށް ކަންކުރާށޭ. އެއަކު ނޯވޭ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކެމްޕޭނަށްވީމަ ކުރާށެކޭ

ރައްޔިތުންގެ ބަސް އުވާލުމަށްފަހު ލާމަރުކަޒީޤާނޫނު އެއްފަރާތްކޮށް ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމާއި މާލެ ސިޓީ ކައުންސިލުން ދެކޮޅުކަން މޭޔަރާއި ކައުންސިލަރުންވެސް ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް ކައުންސިލްގެ މަޝްވަރާއެއްނެތި ވިލިމާލޭގައި ސަރުކާރުން ވަނީ ބަހުގެ ޚިދުމަތްފަށާފައެވެ.