މާލެ ސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން.

މާލެސިޓީ ކައުންސިލް އިދާރާ03 މާޗް 2023


ގިނަ އަދަދެއްގެ ރައްޔިތުންނާއިއެކު މާލެސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ބައްދަލުވުން ގިނަ އަދަދެއްގެ ރައްޔިތުންނާއިއެކު ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 21:00 ގައި އާރޓިފިޝަލް ބީޗް ސަރަޙައްދުގައެވެ.

މިފަހަރުގެ ރައްޔިތުންގެ ބައްދަލު ވުންވެސް ކުރިއަށް ގެންގޮސްފައިފައިވަނީ މީގެ ކުރީގެ ބައްދަލު ވުންތަކެކޭ އެއްފަދައިން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އާއި އަދި ކައުންސިލަރުންނާއި ޚިއްސާ ކުރުމުގެ ފުރުޞަތު ހުޅުވާލައިގެންނެވެ.

މި ބައްދަލުވުމުގައި މާލެސިޓީ ކައުންސިލްގެ ނިމިދިޔަ 2022 ވަނައަހަރު ކުރެވުނު މުހިންމު މަސައްކަތްތަކުގެ އުސްއަލިތަކާއި، ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުހިންމު މަޝްރޫޢުތަކާއި، ކައުންސިލް ހިންގުމަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ އަހަރީ ރިޕޯޓާއި މާލެސިޓީ ކައުންސިލްގެ ނިމިދިޔަ އަހަރުގެ ބަޖެޓް ރިޕޯޓްވެސް ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލެސިޓީގެ ރައްޔިތުންނަށް އިންތިހާއަށް ބޭނުން ޖެހިފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ގެދޮރާއި ބިމުގެ ދަތިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމަށް ކައުންސިލުން ކުރެވުނު ގިނަ މަސައްކަތްތަކާއި އެކަމުގައި ކައުންސިލަށް ލިބެންޖެހޭ އެއްބާރުުލުން ސަރުކާރުން ދެއްވާފައިނުވާކަމުގެ ކަންބޮޑުވުން މޭޔަރު ހިއްސާކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން.

މީގެއިތުރުން މާލޭގެ މަގުތަކުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ކުރި މަސައްކަތްތަކުގެ ތަފްޞީލާއި، އެކަންކުރިއަށްނުދިޔަ ސަބަބާއިއެކު ތޮއްޖެހިފައިވާ މާލޭގެ ޕާކިން މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދިނުމަށް ހަތަރުވަނަ ދައުރުގެ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް މޭޔަރު މުޢިއްޒުވަނީ ތަފްޞީލް ކޮށްދެއްވާފައެވެ.

ބައްދަލުވުމުގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި މާލެސިޓީގެ މިސްކިތްތަކަކީ މާލޭގެ އެންމެ ރީތި އަދި އެންމެ ރައްކާތެރި ތަންތަނުގެ ގޮތުގައި ހެދުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލްވެސް ރައްޔިތުންނާއި ހިއްސާކުރެވުނެވެ.

ވިލިމާލޭގައި ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދަން ނިންމާފައިވާ މުހިންމު ޚިދުމަތްތަކުގެ ތެރެއިން ބަގީގެ ޚިދުމަތާއި، ވިލިމާލޭގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ޕިކްނިކް ދިޔުމަށް ޚާއްޞަ ސަރަޙައްދަކާއި އިލެކްޓްރިކް ވެހިކަލް ޗާރޖުކުރާ ސްޓޭޝަންއާއި، ޒަމާނީ ކާބޯތަކެތި ވިއްކާ ގާޑިޔާތަކާއި ތަފާތު ކުޅިވަރު ހިމެނޭ ކުޑަކުދިންގެ ޕާރކަކާއި ފުޓްސެލް ދަނޑުތައް ފަދަ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިޔުން އެކި މަރުޙަލާތަކުގައި ވާކަން ބައްދަލުވުމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި ރައްޔިތުންނަށް ގިނަ އުންމީދުތަކެއް ދެއްވަމުން ވިދާޅުވީ ރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ މާލެސިޓީ ކައުންސިލަކީ ވަޢުދެއްކޮށްފި ނަމަ އެ ވަޢުދެއް ހަނދާނުގައި ދަމަހައްޓާ ބައެއްކަމަށާއި،ބަހެއް ބުނެފިނަމަ އެ ބަހެއްގެ އިތުބާރު ހިފަހައްޓާ ބައެއްކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން.

މާލެސިޓީ ކައުންސިލްގެ މިއަހަރުގެ ރައްޔިތުންގެ ބައްދަލުވުމުގައި މާލެސިޓީގެ ހުރިހާ އަވަށްތަކުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެން ތަފާތު ޚިޔާލުތައްވަނީ ހުށަހަޅުއްވާފައެވެ. އަދި ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ކައުންސިލްގެ ފަރާތުން މޭޔަރު މުޢިއްޒު ވަނީ ފުރިހަމަ ޖަވާބު ދެއްވާފައެވެ.

ހަތަރުވަނަ ދައުރުގެ ކައުންސިލުން ވަނީ ލާމަރުކަޒީ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާފައެވެ. އަދި އެ ބައްދަލުވުންތައްވެސް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިއަށްގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.