މާލެ ސިޓީ ކައުންސިލުން މިއަހަރު ބޭއްވި ފުރަތަމަ ރައްޔިތުންގެ ބައްދަލު ވުމުގައި މޭޔަރު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ

މާލެސިޓީ ކައުންސިލް އިދާރާ03 މާޗް 2023


އިސްލާމުން ދިރިއުޅޭ ތަނެއްގައި އެންމެބޮޑު އިސްކަމެއް ދެވެންޖެހޭނެ ބިނާތަކަކީ މިސްކިތްތައް: މޭޔަރު މުޢިއްޒު

އިސްލާމުން ދިރިއުޅޭ ތަނެއްގައި އެންމެބޮޑު އިސްކަމެއް ދެވެން ޖެހޭނެ ބިނާތަކަކީ މިސްކިތްތައް ކަމަށާއި، މާލެސިޓީ ކައުންސިލުގެ މި ދައުރުގެ ސިޔާސަތަކީ މާލޭގެ އެންމެ ރީތި އަދި އެންމެ ރައްކާތެރި ތަންތަނުގެ ގޮތުގައި މިސްކިތްތައް ހެދުން ކަމުގައި މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މާލެސިޓީ ކައުންސިލުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދެން އޮތީ މިސްކިތްތަކުގެ ވާހަކަ. އިސްލާމުން ދިރިއުޅޭ ތަނެއްގައި އެންމެ ބޮޑު އިސްކަމެއް ދެވެން ޖެހޭނެ ބިނާތަކަކީ މިސްކިތްތައް. އެހެންކަމުން މާލެ ސިޓީ ކައުންސިލުގެ މި ދައުރުގެ ސިޔާސަތަކީ މާލޭގެ އެންމެ ރީތި އަދި އެންމެ ރައްކާތެރި ތަންތަނުގެ ގޮތުގައި މިސްކިތްތައް ހެދުން.

މާލެސިޓީގެ މިސްކިތްތައް މަރާމާތުކުރުމުގެ ކަންކަންކުރުމަށް އެކަށީގެންވާ ބަޖެޓެއް ލިބިފައިނުވާކަން ފާހަގަކުރައްވަމުން މޭޔަރު ވަނީ ކައުންސިލުން މިސްކިތްތަކާއި ހަވާލުވީފަހުން މިހާތަނަށް މިސްކިތްތަކުގެ މަރާމާތަށް 16 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

މިސްކިތްތަކުގެ މަރާމާތައް އެކަށީގެންވާ ބަޖެޓެއް ނެތުމުން މާލެސިޓީ ކައުންސިލުން ވަނީ "ޗާލު މިސްކިތް" ނަމުގައި ޓެލެތޯންއެއް ކުރިއަށްގެންގޮސްފައެވެ. އެ ޓެލެތޯނަށް އާންމުންގެ ފަރާތުން ވަނީ 1 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. މިއާއިއެކު ހެޔޮއެދޭ ފަރާތްތަކުންވަނީ ބައެއް މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތާއި ހަވާލުވެފައެވެ.

މާލެސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ "ޗާލު މިސްކިތް" ޓެލެތޯންގެ ތެރެއިން.

މޭޔަރު ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރާ އިރު މިހާރު މިސްކިތްތައް ދަނީ މަރާމާތުކުރެވެމުން ކަމަށާއި، މިހާތަނަށް މިސްކިތު ފަންޑަށް ރައްޔިތުން ހަދިޔާކުރެއްވި 1 މިލިޔަން ރުފިޔާގެ އިތުރަށް ސިޓީ ކައުންސިލުން ދަނީ ކައުންސިލްގެ އާމްދަނީއިން 8 މިލިޔަން ރުފިޔާގެ މަސައްކަތް ކުރަމުންކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ރޯދައަށް މަސައްކަތްތައް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން މޭޔަރު ވަނީ ދެއްވާފައެވެ.

މާލޭގެ މިސްކިތްތައް މަރާމާތުކުރުމާއި ޒީނަތްތެރިކުރުމަށް ޓަކައި ކައުންސިލުން ކުރިއަށް ގެންދިޔަ "ޗާލު މިސްކިތް" ފަންޑަށް އާންމުންގެ ފަރާތުން ލިބުނު ތަރުޙީބަށް ޓަކައި މޭޔަރު މުޢިއްޒު ވަނީ އާންމުންނަށް ޝުކުރުއަދާކުރައްވާފައެވެ.

މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކަށް ޚާއްޞަ އިސްކަމެއްދީގެން ހަތަރުވަނަ ދައުރުގެ ކައުންސިލުން މަސައްކަތް ކުރަމުންދާއިރު، މާލެ ސިޓީ ކައުންސިލްގެ މިދައުރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ހިމަނާފައިވަނީ މާލެ ސަރަޙައްދުގެ މިސްކިތްތައް ޒީނަތްތެރިކޮށް ބެހެއްޓުންކަން ފާހަގަކޮށްލެވެއެވެ.