މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ޗެނަލް13 ގެ "ނިއުސް ޓޯކް" ގައި

މާލެސިޓީ ކައުންސިލް އިދާރާ12 މެއި 2023


ހުރަސްތަކާއި އެކުވެސް ނަތީޖާ ނެރެވޭކަމަށް ޤަބޫލުކުރެވޭ: މޭޔަރ މުޢިއްޒު

ހަތަރުވަނަ ދައުރުގެ ޕީޕީއެމް މެޖޯރިޓީ އޮތް ކައުންސިލަށް ސަރުކާރުން ކުރިމަތިކުރުވާ ހުރަސްތަކާއިއެކުވެސް ނަތީޖާ ނެރެވޭކަމަށް ޤަބޫލު ކުރައްވާކަމަށް މާލެސިޓީ ގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރ މިފަދައިން ވިދާޅުވީ ރޭ ޗެނަލް 13 ގެ "ނިއުސް ޓޯކް" ގައި ބައިވެރިވެ ވަޑައިގެން ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މެއި މަހުގެ 17 ވަނަ ދުވަހު ހަތަރުވަނަ ދައުރުގެ ކައުންސިލަށް 2 އަހަރު ފުރިގެންދާއިރު މި ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގިނަ ކަންކަން ފެށިފައިވާ ކަމާއި، އެހެންނަމަވެސް ބައެއް މުހިންމު ކަންކަން ނުނިމިފައިވަނީ ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މޭޔަރ މުޢިއްޒު ވިދާޅުވީ ސަރުކާރުން ހުރަސްތައް ކުރިމަތި ކުރުވި ނަމަވެސް މާލެސިޓީގެ ރައްޔިތުންގެ އެއްބާރުލުމާއި އެކު ކައުންސިލުން އިތުރު ގޮތްތައް ހޯދައިގެން އަމާޒަށް ވާސިލް ވުމަށްޓަކާ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ފުޅާދާއިރާއެއްގައި ކައުންސިލަށް ލިބެމުންދާ ކަމަށާއި، ޚިދުމަތްދިނުމުގައި ވަކި ސިޔާސީ ޕާޓީއަކަށް ނުބައްލަވާ ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

ޚިދުމަތް ދިނުމުގަ އަޅުގަނޑުމެން ނުބަލަން ވަކި ސިޔާސީ ޕާޓީއަކަށް. ހުރިހާ ރައްޔިތުންގެ ޚިޔާލުވެސް ހޯދަން. ރައްޔިތުންނާ ބައްދަލުކުރަން.

މޭޔަރ ވިދާޅުވިއެވެ.

މާލެސިޓީގެ ރައްޔިތުންއެދޭ ކުދިކުދި ކަންތައްތައް ކޮށްދެމުންދާކަން ފާހަގަކުރައްވާ މޭޔަރ ވިދާޅުވީ މާލެސިޓީގެ ރައްޔިތުން އެދޭ ބޮޑެތި ކަންކަމުގެ ހައްލު ހޯދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އެޅުމަކީ މާލެސިޓީގެ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް ކަމަށެވެ.

އަޅުގަނޑުމެން ހަމަ ރައްޔިތުން އެދޭ ކުދިކުދި ކަންތައްތައް ހައްލުކޮށްދެން. އެހެންނަމަވެސް ރައްޔިތުންއެދޭ ބޮޑެތި ބައެއް ކަންކަން ކުރުމަށް ސަރުކާރުން ހުރަސް އެޅުމަކީ މާލެސިޓީގެ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް.

މޭޔަރ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ސަރުކާރުން އެއްބާރުލުން ނުދިންކަމަށް ވިޔަސް ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި މާލެސިޓީ ކައުންސިލުން އެއްބާރުލުން ދެމުންދާކަމަށެވެ. އަދި ސަރުކާރާއި އިދިކޮޅު މެޖޯރިޓީ އޮތް ކައުންސިލެއް ކަމުން ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ޗެނަލް13 ގެ "ނިއުސް ޓޯކް" ގައި ބައިވެރިވެ ވަޑައިގަންނަވަނީ.

މޭޔަރ އިތުރަށް ވިދާޅުވީ މިހުރިހާ ގޮންޖެހުންތަކާއިއެކުވެސް ހަތަރުވަނަ ދައުރުގެ ކައުންސިލުން ކުރެވުނީ ކާމިޔާބު މަސައްކަތްތަކެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، ކައުންސިލް ހިންގުމުގައި މާލެސިޓީގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާކަމަށެވެ.