އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރެޖުއޭޝަންގައި މޭޔަރ މުޢިއްޒު ވާހަކަފުޅު ދައްކަވަނީ.

މާލެސިޓީ ކައުންސިލް އިދާރާ06 ޖޫން 2023


ސްކޫލްތަކުން ކިޔަވައިދިނުމުގައި އިސްލާމްދީނާ ސަގާފަތާ އާދަކާދައާ ގުޅޭ ކަންކަމަށް ކުރިއަށްވުރެ ބޮޑަށް ސަމާލުވާންޖެހޭ: މޭޔަރ މުޢިއްޒު

ސްކޫލްތަކުން ކުދިންނަށް ކިޔަވައިދިނުމުގައި އިސްލާމްދީނާ ދިވެހި ސަގާފަތާ އާދަކާދައާ ގުޅޭ ކަންކަމަށް ކުރިއަށްވުރެ ބޮޑަށް ސަމާލުވާންޖެހޭ ކަމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރ މިފަދައިން ވިދާޅުވީ މިއަދު އަހުމަދިއްޔާ އިންޓްނޭޝަނަލް ސްކޫލްގެ ޔޫކޭޖީ ކުދިންގެ ގްރެޖުއޭޝަން ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގެން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.

ދަސްވެނިވެ ނިމުނު ހުރިހާ ދަރިވަރުންނަށް ވަރަށް ހޫނު މަރުޙަބާ އެއް ދަންނަވަމުން މޭޔަރ މުޢިއްޒު ވަނީ ސްކޫލްގެ ހީވާގި ޓީޗަރުންނާއި މެނޭޖްމެންޓް އަދި ބެލެނިވެރިންނަށް ވަރަށް ޚާއްޞަ މެސެޖެއް ދެއްވާފައެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރެޖުއޭޝަންގެ ތެރެއިން.

އެގޮތުން ދުނިޔޭގެ ކަންތައްތައް ކުރިއަށްދާގޮތުން މިދުވަސްވަރު މިވަނީ ކުޑަކުދިން ބޮޑެތި ކުރުމުގަ ބެލެނިވެރިންނާއި ޓީޗަރުންގެ ދައުރު ކުރިއަށްވުރެ ބޮޑުވާން ޖެހިފައި ކަމަށާއި ކުދިން ތަރުބިއްޔަތު ކުރުމުގަ މިހާރު ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭ ބައިވަރު ކަންތައްތައް އެބަހުރިކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

މިހާރު ދުނިޔެއަކީ ގްލޯބަލައިޒްވެ ވަރަށް ކުޑަވެފައިވާ ތަނެއްކަން ފާހަގަ ކުރައްވަމުން މޭޔަރ ވިދާޅުވީ ގޭތެރެއިން ކުދިންނަށް ފެންނަ ކޮންމެ އެއްޗަކީވެސް ވަރަށް ވިސްނަންޖެހޭ ކަންތައްތަކެއް ކަމަށާއި، އެހެންކަމުން ކުދިން ކުޅޭ ފޯނާއި، ބަލާ ޓީވީ ޗެނަލްތައް ނުވަތަ ކިޔާ ފޮތްތައް ވިޔަސް، އެއީ މިދުވަސްވަރު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަންތައްތައް ކަމުގައި ބަލަންޖެހޭ ކަމަށެވެ.

އަދި މިހާރު މުޅި ދުނިޔޭގެ ކަންތައްތައް ބަދަލުވެގެންދާ އޮއިވަރަށް ބަލާއިރުގަ ކުދިން ރަނގަޅުގޮތުގަ ރަނގަޅު ބިންގާއެއްގަ ބޮޑު ކުރެވިގެން ނޫނީ ވަރަށް ވިސްނަންޖެހޭ ކަންތައްތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ކުޑަވަމުންގޮސް އެންމެ އެތެރެއަށް ކޮޓަރިތެރެއަށް ދުނިޔެ މިވަނީ ހާމަވެފަ. އެހެންވީމަ ގޭތެރޭގަ އެކުދިންނަށް އެކްސްޕޯސްވާ ނުވަތަ ފެންނަ ކޮންމެ އެއްޗަކީ ވަރަށް ވިސްނަންޖެހޭ ކަންތައްތަކެއް. އެކުދިން ރަނގަޅުގޮތުގަ ރަނގަޅު ބިންގާއެއްގަ ބޮޑު ކުރެވިގެން ނޫނިއްޔާ މިހާރު މުޅި ދުނިޔޭގެ ކަންތައްތައް ބަދަލުވެގެންދާ އޮއިވަރަށް ބަލާއިރުގަ ވަރަށް ވިސްނަންޖެހޭ ކަންތައްތަކާ ކުރިމަތިލާންޖެހިދާނެ. އެހެންވީމަ ކުދިން ކުޅޭ ފޯނުވިޔަސް ބަލާ ޓީވީ ޗެނަލްތައް ނުވަތަ ކިޔާ ފޮތްތައް ވިޔަސް، މިދުވަސްވަރަކީ މި އުމުރަކީ އެންމެ ބޮޑަށް ސަމާލުވާންޖެހޭ ކަންތައް.

މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ދުނިޔޭގެ ކަންތައްތައް ވަމުންދާގޮތަށް ބަލާއިރުގަ މިހާރު މިފަދަ ނުބައި އޮއިވަރުތައް ރާއްޖެއަށް ފެތުރުމަށް މަސައްކަތްކުރެވެމުންދާ ދުވަސްވަރަކަށް ވާއިރު، ކުދިންގެ ކަންކަމަކީ ވަރަށްވެސް އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ތުއްތު އުމުރުފުރާއިންފެށިގެން ކުރިއަށް ދާއިރުގަ ރަނގަޅު ބިންގަލެއް އެޅޭނީ ބެލެނިވެރިން ނުވަތަ މައިންބަފައިން އަދި ކުދިން ބޮޑުކުރުމުގަ ޒިންމާއަދާ ކުރަންޖެހޭ ހުރިހާ ފަރާތްތަކުން އެކުދިން އެ ހުށަހެޅޭ ކަންކަމަށް ސަމާލުކަން ދީގެން ކަމުގައި މޭޔަރ ވިދާޅުވިއެވެ.

މިއާއިއެކު މޭޔަރ ވިދާޅުވީ ކުދިން ގޭތެރެއިން ނުކުމެގެން ސްކޫލަށް ދިއުމަށްފަހު އެ ސްކޫލްތަކުން އެކުދިންނަށް އުނގަންނައިދެވޭ ކަންކަމަކީ ނުވަތަ ކުދިންނަށް ދެވޭ މެސެޖްތަކަކީ މާތްވެގެންވާ އިސްލާމްދީނާއި، އަޅުގަނޑުމެންގެ ސަގާފަތާ އާދަކާދައާ ގުޅޭ ކަންކަމަށް ހެދުމުގަ ކުރިއަށްވުރެ ބޮޑަށް މިހާރު ކަންތައްތައް ރާވަންޖެހޭ ކަމަށެވެ.

މިފަދަ ކަންކަން ސަމާލުކަމަށް ގެނެސްދެއްވަން ބޭނުންފުޅުވާ ސަބަބެއްގެ ގޮތުގައި މޭޔަރ ފާހަގަކުރެއްވީ މިދުވަސްވަރަކީ ދުނިޔޭގެ އޮއިވަރު ބަދަލުވަމުންގޮސް އިންސާނުން އުފެދިފައިވާ ގޮތާއި، އިންސާނުންގެ ނަސްލަށް ގޮންޖަހާ ހިސާބަށް ކަންކަން ގޮސްފައިވާ ދުވަސް ވަރެއް ކަމަށެވެ. އަދި މިއީ ހަމަ އެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ކަމެއް ނޫންކަމަށާއި، މިއީ ދުނިޔެގެ ހުރިހާ ޤައުމެއްގައިވެސް ދެކެވެމުންދާ ވާހަކައެއް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ކުރުގޮތަކަށްވެސް މޭޔަރ އެ ތަފްޞީލް ކޮށްދެއްވީ ވަރަށް ބޮޑު ވާހަކައެއް ކަމަށާއި، ސްކޫލްތަކުގަ ކިޔަވައިދިނުމުގަ އިސްކޮށް އުޅުއްވާ ފަރާތްތަކާއި ބެލެނިވެރިންނާ އެންމެހާ ފަރާތްތަކަކީ މިކަންކަމަށް ސަމާލުކަންދޭންޖެހޭ ބަޔަކަށް ވާންޖެހޭ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ގޭތެރެއިން ނުކުމެގެން އަންނަނީ ސްކޫލަށް، ސްކޫލަށް އަންނަ އިރުގަ ސްކޫލްގަ ކުދިންނަށް ކިޔަވައިދޭ އިރުގަ އެ ދޭންޖެހޭ މެސެޖްތައް ނުވަތަ ބައްޓަންކުރަންޖެހޭ ގޮތް އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި، އަޅުގަނޑުމެންގެ ސަގާފަތާ އާދަކާދައާ ގުޅޭ ކަންކަމަށް ހެދުމުގަ ކުރިއަށްވުރެ ބޮޑަށް މިހާރު ކަންތައްތައް ރާވަންޖެހޭ. އެކަން އެއީ މިހާރު ވަރަށް އިސްކަންދޭންޖެހޭ ކަންކަން. އެހެންވީމަ މިކަން އަޅުގަނޑު ހަމަ ސަމާލުކަމަށް ދަންނަވާލަން ބޭނުންވަނީ މިހާރު އިންސާނުން އުފެދިފައިވާ ގޮތާއި، އިންސާނުންގެ މި ނަސްލަށް ގޮންޖަހާ ހިސާބަށް ދުނިޔޭގެ އޮއިވަރު ބަދަލުވަމުންދާ ހިސާބަށް ކަންކަން ގޮސްފައިވާތީ. އެހެންވީމަ މިހާ ނުރައްކާތެރި ޙާލަތަކަށް މި ދުނިޔެ ބަދަލުވަމުންދާއިރު، މިއީ ރާއްޖެއަށް އެކަނި އެއްނޫން މުޅި ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ދައްކަމުންދާ ވާހަކައެއް. ކުރުކޮށްވެސް އަޅުގަނޑު މިދަންނަވަނީ ވަރަށް ބޮޑު ވާހަކައެއް.

މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރ ގެ ވާހަކަފުޅު ނިންމަވާލައްވަމުން މިއަދުގެ މި ޙަފްލާއާއި ހަމަޔަށް އެކުދިން ގެނެސްދިނުމުގަ ސްކޫލްގެ ޕްރިންސިޕަލް، މެނޭޖްމެންޓް، ޓީޗަރުން އަދި ސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ، އަދި ދަސްވެނިވި ހުރިހާ ދަރިވަރުންނަށް މަރުޙަބާ ދެންނެވިއެވެ.

މިޙަފްލާގައި މޭޔަރ ގެ އަރިހުގައި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.