މާލެސިޓީ ކައުންސިލްގެ ސްމާޓް މަގުބައްތިތަކުން ޙައްޖު ދުވަހު ވަނީ ތަކުބީރު އިއްވަން ފަށާ

މާލެސިޓީ ކައުންސިލް އިދާރާ27 ޖޫން 2023


ތަކުބީރުގެ އަޑާއިއެކު މާލެސިޓީ ކައުންސިލްގެ ސްމާޓް މަގުބައްތިތަކުގެ ސްޕީކަރުތައް ބޭނުންކުރަންފަށައިފި

ޗައިނާގެ އެހީގައި މާލެސިޓީ ކައުންސިލުން މާލޭ ބޮޑު ތަކުކުރުފާނު މަގުގައި ހަރުކުރި ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފަށައިފި އެވެ.

ޙައްޖު ދުވަހުގެ މެންދުރުން ފަހުން ފެށިގެން އެ ލައިޓްތަކުން ވަނީ އަޑު ހަރުކޮށް ތަކުބީރު އިއްވަން ފަށާފައެވެ.

ޙައްޖު ދުވަހުން ފެށިގެން ޢީދު ނިމެންދެން ތަކުބީރުގެ އަޑު އިއްވުމަށް ހަމަޖެހިފައިވާއިރު މިއީ ސްމާޓް މަގުބައްތިތަކުގެ ސްޕީކަރު ސިސްޓަމް މެދުވެރިކޮށް އަޑު ފޮނުވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ތަކުބީރު އިއްވުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

27 ޖޫން :ހަވީރު 16:15 އިން ފެށިގެން 18:00 އަށް އަދި ރޭގަނޑު 20:15 އިން 22:00 އަށް.

28 ޖޫން އަޟްޙާ ޢީދު ދުވަސް: ހެނދުނު 6:00 އިން ފެށިގެން 7:25 އަށް އަދި ހެނދުނު 8:15 އިން 11:30 އާއި މެންދުރުފަހު 14:15 އިން 18:00 އަދި ރޭގަނޑު 20:15 އިން 22:00 އަށް.

29 ޖޫން: މެންދުރުފަހު 13:00 އިން 15:00 އަށް އަދި ރޭގަނޑު 20:15 އިން 22:00 އަށް މި ލައިޓްތަކުން ތަކުބީރުގެ އަޑު އިވޭނެއެވެ.

ކައުންސިލްގެ މަގުބައްތިތަކުން އިވެންފެށި ތަކުބީރުގެ އަޑާއިއެކު އާންމުން ދަނީ މާލެސިޓީ ކައުންސިލާއި މޭޔަރ މުޢިއްޒުއަށް ޝުކުރު ދަންނަވާ މިކަމާއިއެކު މާލެސިޓީ ކައުންސިލް ތާރީޚުގެ ތެރެއަށް ވަދެފައިވާ ކަމަށް ބުނަމުންނެވެ.

ކައުންސިލުން މާލޭގައި ޖަހަން ފަށާފައިވާ ސްމާޓް ސްޓްރީޓް ލައިޓް ތަކުގައި ސްޕީކާ ސިސްޓަމުގެ އިތުރުން ފްރީ ވައިފައި އާއި ޑިޖިޓަލް ލެޑް ސްކްރީނާއި، ސީސީޓީވީ ކެމެރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަ ވާނެހެން އެންވަޔަރަންމަންޓް ސެންސަރު ހަރު ކޮށްފައިވެއެވެ.

ކައުންސިލުން ދަނީ މި މަގުބައްތިތައް މެދުވެރިކޮށް އެކިއެކި ދީނީ އަދި ޤައުމީ މުނާސަބަތުތައް ފާހަގަކުރުމަށް އެކި މެސެޖުތައް ދެމުންނެވެ.

މާލެ ސިޓީކައުންސިލުން ވަނީ މިއަހަރުގެ އަޟްޙާ ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކޮށް ދިއްލާލާފައެވެ.