މާލެސިޓީ ކައުންސިލްގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ މުޙައްމަދު ޒުބައިރު.

މާލެސިޓީ ކައުންސިލް03 ޖުލައި 2023


މޭޔަރު އިރުޝާދު ދެއްވަނީ ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް މަސައްކަތް ގެންދަން: ޒުބައިރު

މާލެސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގެ މަސައްކަތްތައް ގެންދިއުމުގައިވެސް މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވަނީ ރައްޔިތުން ހިތްހަމަޖެހޭ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށް ކައުންސިލްގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ މުޙައްމަދު ޒުބައިރު ވިދާޅުވެއްޖެއެވެ.

މާލެސިޓީ ކައުންސިލްގެ ވަޒީފާގައި 35 އަހަރު ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކައުންސިލްގެ ވަޒީފާގައި ހުންނެވި ޒުބައިރު މިފަދައިން ވިދާޅުވީ މާލެސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއިބެހޭ ބައިގެ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލްގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މޭޔަރު އިރުޝާދު ދެއްވަނީ ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމެއް ހުރެގެން ނުވާނެކަމަށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ކަންކަން ގެންދިއުން އަމާޒަކީ. ކައުންސިލްގެ މަސައްކަތްތަކަށް އާންމުރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ

ޒުބައިރު ވަނީ ރެޔާއި ދުވާލު މާލެސިޓީ ކައުންސިލްގެ ޓީމުން މާލޭގެ މަގުތަކުގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތްތަކާއި ގުޅޭގޮތުން ތަފްސީލީ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

އޭގެތެރޭގައި މަގުތަކުގައި ކުރަހާފައިވާ ކަފިހިހުރަސް ޕާކިން ސްލޮޓް އަދި ބަސް ސްޓޮޕް އާއި ސްޕީޑް ބްރޭކަރ ފަދަ ތަންތަނުގެ ދަވާދު އައުކުރުމާއި، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ރޭމްޕް ހެދުމާއި، މަގުމަތީގެ ސައިން ބޯޑުތައް ހަރުކުރުމާއި، އާންމު ޢިޖްތިމާއީ މިންގަނޑުތަކާއި ޚިލާފް ގްރެފިޓީތައް ފޮހުމުގެ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. 

ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން މަގުމަތީގައި ހުންނަ އެހެނިހެން މައްސަލަތައްވެސް ހައްލުކުރަމުންދާކަމަށާއި، ކުއްލި ޙާލަތްތަކުގައި މަގު ބަންދުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ދިމާވާކަން ޒުބައިރު ފާހަގަކުރެއްވިއެވެ. އެގޮތުން މޫސުން ގޯސްވުމުގެ ސަބަބުން ގަސްގަހާގެހި މަގަށް ވެއްޓި ދިމާވާ ހާދިސާތަކާއި ގުޅިގެން ކުއްލި އަކަށްވެސް މަގު ބަންދުކުރަން ޖެހޭ ކަމާއި، އެހެންނަމަވެސް އެފަދަ ކަންކަމުގައި ބަލަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތެއްކަމުގައި ޒުބައިރު ވިދާޅުވިއެވެ. އަދި އާންމުންނަށް ވީހާވެސް އަވަހަށް މަގު ހުޅުވާލުމަށް މަސައްކަތްކުރާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒުބައިރު އިތުރަށް ވިދާޅުވީ ކައުންސިލްގެ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށާއި، ރައްޔިތުން ކައުންސިލާއިމެދު އޮތް ޝަކުވާތަކަށް ނިމުމެއް އައިސްފައިވާކަމަށެވެ. އެއީ ކައުންސިލުން ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިރުޝާދު ކަމުގައި ޒުބައިރު ވިދާޅުވިއެވެ.