މާލޭގައި ސިޓީ ކައުންސިލުން ތަރައްޤީކުރި މައިޒާނެއް.

މާލެސިޓީ ކައުންސިލް އިދާރާ21 ޖުލައި 2023


މާލެސިޓީ ކައުންސިލުން މާލޭގައި ހިތްފަސޭހަ މައިޒާންތަކެއް ތަރައްޤީ ކުރަންފަށައިފި

މާލެސިޓީ ކައުންސިލުން މާލޭގެ އެކި ސަރަޙައްދު ތަކުގައި ހިތްފަސޭހަ މައިޒާންތައް ތަރައްޤީ ކުރަންފަށައިފިއެވެ.

މިއީ މާލެސިޓީގެ 4 ވަނަ ދައުރުގެ ކައުންސިލުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަދި "ޗާލު މާލެސިޓީ" އަމާޒަށް ވާސިލްވުމަށްޓަކައި މިދައުރުގެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

އެގޮތުން މާލޭގެ ކާރޫބާރޫބޮޑު ސަރަޙައްދު ތަކުގެ ތެރެއިން ފާހަަގަކުރެވޭ ހުސް ތަންތަނުގައި ހިތްފަސޭހަ މައިޒާންތަކެއް ކައުންސިލުން ދަނީ ތަރައްޤީ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މައިޒާންތައް ތަރައްޤީ ކޮށްފައިވަނީ މީހުންނަށް އިށީނދެވޭނެ ގޮތަށް ފަރުމާކޮށްގެންކަން ފާހަގަކޮށްލެވެއެވެ.

މި މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރި ބުރުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.

މީގެ އިތުރުންވެސް އެހެން ބައެއް ސަރަޙައްދުތަކުގައި މިފަދަ މައިޒާންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ފާއިތުވި 5 އަހަރުގެ ތެރޭގައި މާލެސިޓީގައިވާ މިފަދަ ބިނާތަކާއި މައިޒާންތައް ވަނީ އަޅާނުލެވި ވީރާނާވާން ދޫކޮށްލާފައެވެ. އެހެންނަމަވެސް 4 ވަނަ ދައުރުގެ ކައުންސިލް ވުޖޫދުވުމާއި އެކު މާލޭގެ ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ފަށައިގަތެވެ.

ބަޖެޓްގެ ދަތިކަމާއިއެކުވެސް މިސްކިތްތަކާއި، އާންމުތަންތަނާއި، ޕާކު މައިޒާންތައް އާބާތުރަ ފިލުވާ، އިތުރު ހިތްފަސޭހަ މައިޒާންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށާފައެވެ.