މާފަންނު ދެކުނު ހިތްފަސޭހަ މައިޒާން ހުޅުވުމުގެ ޙަފްލާގެ ތެރެއިން.

މާލެސިޓީ ކައުންސިލް އިދާރާ20 ސެޕްޓެމްބަރ 2023


ސިޓީ ކައުންސިލުން ތަރައްޤީކުރި މާފަންނު ދެކުނު ހިތްފަސޭހަ މައިޒާން ޑރ. މުޢިއްޒު ހުޅުވައި ދެއްވައިފި

މާލެސިޓީ ކައުންސިލުން ތަރައްޤީކުރި މާފަންނު ދެކުނު ހިތްފަސޭހަ މައިޒާން ހުޅުވައިފި އެވެ.

އަންގާރަ ދުވަހުގެ ހަވީރު ހެންވޭރުކޮޅު އިސްކަންދަރުމައިޒާން އަލުން އާބަތުރަ ފިލުވާ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ހުޅުވުމަށްފަހު މާފަންނު މުއިވެޔޮދޮށު މައިޒާން ކައިރީގައި އެ ސަރަޙައްދުގެ ރައްޔިތުންގެ އެއްބާރުލުމާއެކު ހިތްފަސޭހަ މައިޒާން ހުޅުވައިދެއްވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މުއިވެޔޮދޮށު މައިޒާން ހުޅުވިގެން ދިޔައީވެސް 2016 ވަނައަހަރު އިސްކަންދަރު މައިޒާން ހުޅުވިދުވަހުކަން ފާހަގަކުރައްވާ މޭޔަރ ވިދާޅުވީ އެދުވަހު މާލޭގައި 3 ޕާކު ހުޅުވިގެން ދިޔަ ކަމަށާއި، އެހެން ނަމަވެސް ވެރިކަން ބަދަލުވެގެން ދިޔުމާއެކު މިތަންތަން ވީރާނާވެގެންދިޔައީ ކަމަށެވެ. އަދި މާފަންނުގައި މުއިވެޔޮދޮށު މައިޒާން ހިތްފަސޭހަތަނަކަށް ބަދަލުކުރެވި، އެ ސަރަޙައްދުގައި އަލުން ހުޅުވިގެން މިދިޔައީ މުޅިން އަލަށް އިތުރުކުރި ބަޔާއެކުގައި ކަމަށާއި، އޭގެ ސަބަބުން މުއިވެޔޮދޮށު މައިޒާނަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމުގައި މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.

މުއިވެޔޮދޮށު މައިޒާން ހުޅުވިގެން ދިޔައީވެސް ރައީސް ޔާމީންގެ ވެރިކަމުގަ 2016 ވަނައަހަރު އިސްކަންދަރު މައިޒާން ހުޅުވިދުވަހު. އެހެންނަމަވެސް ވެރިކަން ބަދަލުވުމާއެކު އެތަން ހަލާކުވެގެން ދިޔައީ. އަދި މިފަދައިން ހުރި މައިޒާންތަކާއި ޕާކުތައް ވީރާނާވެގެން ދިޔައީ މާލޭގައި މިފަދައިންހުރި ހުރިހާތަނެއް ވީރާނާވާން ދޫކޮށްލުމުގެ ސަބަބުން.

މާލެސިޓީއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވާއިރު މާލެސިޓީ އޮތީ ވަރަށްބޮޑަށް ތޮއްޖެހިފައިކަމުން ކުޑަކުދިން ހިތްފަސޭހަކޮށްލަން ނުކުންނާނެ ތަންތަން މާލޭގައި ނެތްކަމަށާއި، އެހެންވީމަ މިގޮތަށްހުރި ތަންކޮޅުކޮޅޮ ބޮޑަށް ހުޅުވާލައިގެން ހިތްފަސޭހަ ކަމެއް ގެނެސްދެވިއްޖެއްޔާ އެއީ ކުދިންނާއި، އާއިލާތަކަށްދެވޭ ވަރަށްބޮޑު އުފަލަކާ ހިތްހަމަޖެހުމެއް ކަމަށް މޭޔަރ ވިދާޅުވިއެވެ.

މިއީ ވެރިކަންކުރާ ރަށް. މިތަނުގަ މިއޮތީ ތޮއްޖެހިފަ. ކުޑަކުދިން ހިތްފަސޭހަކޮށްލަން ނުކުންނާނެ ތަންތަން މި ތޮއްޖެހިފައިއޮތް މާލެ (ހައިޑެންސް ކެޕިޓަލްސިޓީ) ގައިނެތް. އެހެންވީމަ މިގޮތަށްހުރި ތަންކޮޅުކުޅޮ އޯޕެންއަޕް ކޮށްލައިގެން ހިތްފަސޭހަ ކަމެއް ގެނެސްދެވިއްޖެއްޔާ އެއީ ކުދިންނަށް ދެވޭ ވަރަށްބޮޑު އުފަލެއް. އާއިލާތަކަށް ދެވޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް.

މާފަންނު ދެކުނު ހިތްފަސޭހަ މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ މިގޮތަށް މިތަން ހުޅުވިގެން ދިއުމަކީ އެކަމަށްޓަކާ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި، އިރާދަކުރެއްވިއްޔާ މިތަނުގެ ބޭނުން މި ސަރަޙައްދުގެ ހުރިހާ ޢާއިލާތަކަށް ބޭނުންކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެ މައިޒާން ތަރައްޤީކުރުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށާއި ޚާއްސަކޮށް މާފަންނު ދެކުނުގެ ރައްޔިތުންނަށް މޭޔަރ މުޢިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ.