މާލެސިޓީ ކައުންސިލްގެ ފަހު ބައްދަލުވުމަށް ވަޑައިގެންނެވުމުން މުވައްޒަފުން ވަނީ މޭޔަރ/ އިންތިޚާބީ ރައީސް ޑރ. މުޢިއްޒުއަށް ހޫނު މަރުޙަބާއެއް ދަންނަވާފައި.

މާލެސިޓީ ކައުންސިލް އިދާރާ04 އޮކްޓޯބަރ 2023


ދެއްވި ހުރިހާ އެއްބާރުލެއްވުމާއި ކުރެއްވި ބުރަ މަސައްކަތަށް ކައުންސިލަރުންނާއި ވެރިން އަދި މުވައްޒަފުންނަށް ޑރ. މުޢިއްޒުގެ ޚާއްޞަ ޝުކުރެއް!

ހަތަރުވަނަ ދައުރުގެ ކައުންސިލަށް އިންތިޚާބުވެ ވަޑައިގެން މިއަދާއި ހަމަޔަށް ދެއްވި ހުރިހާ އެއްބާރުލެއްވުމާއި ކުރެއްވި ބުރަ މަސައްކަތަށް ކައުންސިލަރުންނާއި ވެރިން އަދި މުވައްޒަފުންނަށް މާލެ ސިޓީގެ މޭޔަރ އަދި އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ޝުކުރެއް ދަންނަވައިފިއެވެ.

މާލެސިޓީ ކައުންސިލްގެ ފަހު ޖަލްސާގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޑރ. މުޢިއްޒު ވަނީ ކައުންސިލް ހިންގުމުގައި ކައުންސިލަރުންނާއި ވެރިން އަދި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވާފައެވެ.

އެގޮތުން މާލޭގެ ކަންތައްތައް ރައްޔިތުންއެދޭގޮތަށް ގެންދިއުމުގަ ދިމާވި ގޮންޖެހުންތައް ގިރާކުރުމުގައި އާއި ކައުންސިލް ލެވެލްގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރުމުގެ ހުރިހާ ސަޕޯޓެއް ކައުންސިލަރުން ދެއްވާފައިވާކަން ޑރ. މުޢިއްޒު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުންވޭ މާލެސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުންނާއި ވެރިން އަދި ހުރިހާ ސްޓާފުންނަށް މިދައުރުގެ ކައުންސިލަށް ހޮވި މިއަދާހަމަޔަށް އައުމުގަ ދެއްވި ހުރިހާ އެއްބާރުލެއްވުމަށް ކުރެއްވި ބުރަ މަސައްކަތަށް. އަދި ކައުންސިލަރުން ވަނީ ވަރަށްބޮޑު ސަޕޯޓެއް ދެއްވާފަ. މާލޭގެ ކަންތައްތައް ރައްޔިތުންއެދޭގޮތަށް ގެންދިއުމުގަ އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމުގަ، އަޅުގަނޑުމެންގެ މެކްސިމަމް ކެޕޭސިޓީގަ މަސައްކަތް ކުރުމުގަ، އަޅުގަނޑުމެންނަށް ހުރި ހުރިހާ ގޮންޖެހުންތައް ކުރެވެންހުރި ވަރަކަށް ގިރާކުރުމުގަ، ވަނީ ހުރިހާ ސަޕޯޓެއް ދެއްވާފަ. އެކަމަށްޓަކާ ކައުންސިލަރުން ނަށް ޝުކުރު ދަންނަވަން

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާ ކުރައްވަންދެން އެމަނިކުފާނު މަޤާމުގައި ދެމިހުންނަވާނެ ކަމަށެވެ.

މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްއޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބު ވުމާއިގުޅިގެން ޓްރާންސިޝަން މަސައްކަތަށް ވަގުތު ހުސްކުރެއްވުމަށް މޭޔަރުގެ ޒިންމާ ޑެޕިއުޓީ މޭޔަރާއި ހަވާލުކުރައްވަން މިއަދު ވަނީ ނިންމަވާފައެވެ.