އާ ގަޑިބުރު އިފްތިތާޙް ކުރުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަ ފުޅު ދައްކަވަނީ.

މާލެސިޓީ ކައުންސިލް އިދާރާ19 ނޮވެމްބަރ 2023


ޒަމާނީ ބަދަލާއިއެކު މާފަންނު ގަޑިބުރު އިފްތިތާޙް ކޮށްދެއްވައިފި

މާލެސިޓީގެ ހަތަރުވަނަ ދައުރުގެ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މާފަންނު ގަޑިބުރު މަޝްރޫޢު ނިންމާ ޒަމާނީ ބަދަލާއިއެކު އާ ގަޑިބުރު އިފްތިޠާޙް ކޮށްފިއެވެ.

ޒަމާނީ ބަދަލާއިއެކު މާފަންނު ގަޑިބުރު އިފްޠިތާޙް ކޮށްދެއްވީ އެކަމަށްޓަކާ ހޮނިހިރު ދުވަހުގެރޭ އެސަރަޙައްދުގައި ބޭއްވި ޙަފްލާއެއްގައި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މާފަންނު ގަޑިބުރަކީ އޯކިޑްމަގާއި ފަރީދީމަގު ހިމެނޭ ސަރަޙައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ތަނެކެވެ.

މާފަންނު ގަޑިބުރު އެންމެ ފުރަތަމަ ބެހެއްޓީ ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާޞަބަތާއި ގުޅިގެން 1990 ވަނަ އަހަރުގައެވެ. އޭރު އެތަން ބިނާކުރީ ލަންކާގެ އެހީތެރިކަމުގައެވެ.

ޒަމާނީ ބަދަލާއިއެކު ތަރައްޤީކުރި ގަޑިބުރު އަލުން ފަރުމާ ކޮށްފައިވަނީ 1990 ގެ އަހަރުތަކުގެ ފަރުމާއާއި ދާދި އެއްގޮތަކަށެވެ. އެހެންނަމަވެސް ކުރީގެ ގަޑިބުރުގެ ކޮންސެޕްޓްގައި، އެ ޑިޒައިނާ އެއްގޮތްވާ ގޮތަށް ޒަމާނީ ގޮތްތަކާއިއެކު ޑިޖިޓަލައިޒް ކުރުމުގެ ވިސްނުން އެއަށް ގެނެސްގެން ގަޑިބުރު ތަރައްޤީކުރުމަށް ނިންމީ ހަތަރުވަނަ ދައުރުގެ މޭޔަރުކަމުގައި ޑރ. މުޢިއްޒުއެވެ.

ގަޑިބުރު އަލުން އިމާރާތްކޮށް ތަރައްޤީކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް ކޮމްޕެނީ (އާރް.ސީ.ސީ) ގެ ސީ.އެސް.އާރު މަޝްރޫޢެއްގެ ގޮތުގައި، ސިޓީ ކައުންސިލާ ދޭތެރޭގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ގަޑިބުރު ފަރުމާކުރެވިފައިވަނީ ފަސް ވަގުތު ބަންގީގެ އަޑުވެސް އިވިގެންދާނެ ގޮތަށެވެ. އަދި މިއާއިއެކު އެކި މުނާސަބާތަކާއި ގުޅޭ މުހިންމު މެސެޖުތަކާއި، މާލެސިޓީ ކައުންސިލުން ބޭނުންވާ މެސެޖުތައްވެސް ގަޑިބުރުގައިވާ ޑިޖިޓަލް ސްކްރީނަށް އެރުވޭގޮތަށެވެ. މީގެއިތުރުން އެކި ފަރާތްތަކަށާއި، ވިޔަފާރިތަކަށްވެސް އެއިން ފައިދާއާއި ނަފާވާގޮތަށް އެކިކަހަލަ އިޝްތިހާރުތައްވެސް އެރުވޭގޮތަށެވެ.

ގަޑިބުރު އިފްތިޠާޙްކޮށްދެއްވާ ދެއްކެވި ވާހަކަ ފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މީގެ ބޭނުމަކީ ޒުވާނުންނަށްވެސް އަދި ޅަފުރައިގެ ކުޑަކުދިންނަށްވެސް، ޖުމްލަކޮށް ހުރިހާ ފަރާތްތަކަށްވެސް މަޤްބޫލު ވިސްނުންތަކެއްވެސް މިއަށް ގެނައުން ކަމަށާއި، އަދި ފަސްވަގުތު ބަންގީގެ އަޑުވެސް ގަޑިބުރުން އިވިގެންދާނެކަމަށެވެ.

މީގެ ބޭނުމަކީ ޒުވާނުންނަށްވެސް އަދި ޅަފުރައިގެ ކުޑަކުދިންނަށްވެސް، ޖުމްލަކޮށް ހުރިހާ ފަރާތްތަކަށްވެސް މަޤްބޫލު ވިސްނުންތަކެއްވެސް މިއަށް ގެނައުން. އަދި ފަސްވަގުތު ބަންގިވެސް ގޮވޭގޮތަށް. ދެން މުހިންމު މެސެޖުތައްވެސް މި ޑިޖިޓަލް ސްކްރީނަށް، ކައުންސިލުން ބޭނުންވާ މެސެޖުތައް އެރުވޭގޮތަށް. އަދި މި ސީ.އެސް.އާރު ޕްރޮޖެކްޓް ހިންގެވި ފަރާތުން ހަމަ އެކަމާ ގުޅިގެން ހަމަ އެކި ފަރާތްތަކަށް އެކިކަހަލަ އިޝްތިހާރުތައް، ވިޔަފާރިތަކަށްވެސް އެއިން ފައިދާއާއި ނަފާވާގޮތަށް. ވީހާވެސް ގިނަ ފަރާތްތަކަށް އޭގެ ފައިދާވާގޮތަށް ފަރުމާކޮށްގެން، އެހެން ނަމަވެސް، ހަމަ އެއާއެކީގައި އަޅުގަނޑުމެންގެ މާޒީ އިޢާދަކޮށްދިނުން.

ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ތާރީޚާއި ޘަޤާފަތު އިޢާދަކުރަން ބަލާއިރުގައި، ކުރީގައި ކުރެވިފައި ހުރި މިފަދަ ކަންތައްތައް އަނބުރާ ގެނައުމަކީ، ދުނިޔޭގެ ތަހުޒީބު އެހެން ޤައުމުތަކުގައިވެސް އެކަން ކުރާ ގޮތްކަމަށާއި، އެހެންކަމުން ގަޑިބުރުގެ މަސައްކަތްވެސް ކުރެވިގެންދިޔައީ އެ ވިސްނުމުގައި ކަމަށެވެ. އަދި އޭގެ ސަބަބުން އާރޯކަމާއި ދިރުމެއް ލިބިގެންދާކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލޭގެ މިގޮތަށް ހުރި އެހެން ދިމާތައްވެސް، އަދި އެހެން ސަރަޙައްދުތައްވެސް ރީވައިޓަލައިޒްކޮށް، އާރޯކަން ގެނެސް، ހިތްފަސޭހަކަން ގެނައުމަކީ ސަރުކާރުގެވެސް ވިސްނުންކަމަށެވެ. އަދި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައިވެސް މިކަން ކުރުމަކީ ސަރުކާރުގެވެސް ވިސްނުންކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ފާސްކުރިއިރުގައި ކުރަން ނިންމި ކަމެއް މިގޮތަށް ފުރިހަމަވެގެން ގޮސް ހުޅުވިގެންދިއުމުން އެކަމުގެ އުފާ ވަރަށް ބޮޑަށް ލިބިވަޑައިގެންނެވިކަމަށެވެ. އެހެންކަމުން އެކަމަށްޓަކާ ޑޮކްޓަރ އިކްލީލަށާއި، ކޮމްޕެނީގެ ވެރިން އަދި މާލޭސިޓީ ކައުންސިލްގެ ކައުންސިލަރުންނާއި، ވެރިންނާއި، ހީވާގި މުވައްޒަފުން އަދި މިކަމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ހިތުގެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.