ޒަމާނީ ގަޑިބުރު އިފްތިތާޙް ކޮށްދެއްވުމުގެ ޙަފްލާގައި ރައީސް ޑރ. މުޢިއްޒު ވާހަކަފުޅު ދައްކަވަނީ

މާލެސިޓީ ކައުންސިލް އިދާރާ19 ނޮވެމްބަރ 2023


މާފަންނު ގަޑިބުރު ތަރައްޤީ ކުރީ ފަސްވަގުތު ބަންގިވެސް ގޮވޭގޮތަށް: ރައީސް ޑރ. މުޢިއްޒު

މާފަންނު ގަޑިބުރު ތަރައްޤީ ކުރީ ފަސްވަގުތު ބަންގިވެސް ގޮވޭގޮތަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ މާލެސިޓީގެ ހަތަރުވަނަ ދައުރުގެ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މާފަންނު ގަޑިބުރު މަޝްރޫޢު ނިންމާ ޒަމާނީ ބަދަލާއިއެކު އާ ގަޑިބުރު އިފްތިޠާޙް ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އެގޮތަށް ގަޑިބުރު ފަރުމާކުރެއްވުމަށް ނިންމެވީ ޒުވާނުންނަށްވެސް އަދި ޅަފުރައިގެ ކުޑަކުދިންނަށްވެސް، ޖުމްލަކޮށް ހުރިހާ ފަރާތްތަކަށްވެސް މަޤްބޫލު ވިސްނުންތަކެއްވެސް އެއަށް ގެނައުން ކަމަށާއި، އަދި ފަސްވަގުތު ބަންގީގެ އަޑުވެސް ގަޑިބުރުން އިވިގެންދާނެކަމަށެވެ.

އަޅުގަނޑު ދެންނެވީ، ކުރީގައި މިތާނގައި ހުރި ގަޑި ހުރި ކޮންސެޕްޓްގައި، އެ ޑިޒައިނާ އެއްގޮތްވާ ގޮތަށް އަދި އެހެން ނަމަވެސް، ޒަމާނީ ގޮތެއްވެސް އެއަށް ގެނެސް، ޑިޖިޓަލައިޒް ކުރުމުގެ ވިސްނުން އެއަށް ގެނެސްގެން ގަޑިބުރު ހައްދަވައިދެއްވާށޭ. ސީ.އެސް.އާރު. މަޝްރޫޢެއްގެ ގޮތުގައި، ކޮމްޕެނީއާއި ސިޓީ ކައުންސިލާ ދޭތެރޭގައި ވެވުނު އެއްބަސްވުމެއްގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދެވުނު. މީގެ ބޭނުމަކީ ޒުވާނުންނަށްވެސް އަދި ޅަފުރައިގެ ކުޑަކުދިންނަށްވެސް، ޖުމްލަކޮށް ހުރިހާ ފަރާތްތަކަށްވެސް މަޤްބޫލު ވިސްނުންތަކެއްވެސް މިއަށް ގެނައުން. އަދި ދެންމެގައި އިޢުލާނު ކުރެވުނު ގޮތަށް، ފާހަގަކުރެވުނު ގޮތަށް ބަންގިގޮވާ އަޑު، ފަސްވަގުތު ބަންގިވެސް ގޮވޭގޮތަށް. އެގޮތަށް ހަމަޖެހިފައި މިއޮތީ.

ރައީސް ވިދާޅުވީ ދިވެހި ތާރީޚާއި ޘަޤާފަތު އިޢާދަކުރަން ބަލާއިރުގައި، ކުރީގައި ކުރެވިފައި ހުރި މިފަދަ ކަންތައްތައް އަނބުރާ ގެނައުމަކީ، ދުނިޔޭގެ ތަހުޒީބު އެހެން ޤައުމުތަކުގައިވެސް އެކަން ކުރާ ގޮތްކަމަށާއި، އެހެންކަމުން ގަޑިބުރުގެ މަސައްކަތްވެސް ކުރެވިގެންދިޔައީ އެ ވިސްނުމުގައި ކަމަށެވެ. އަދި އޭގެ ސަބަބުން އާރޯކަމާއި ދިރުމެއް ލިބިގެންދާކަން ފާހަގަކުރައްވާ ރައީސް ވަނީ މާލޭގެ މިގޮތަށް ހުރި އެހެން ދިމާތައްވެސް، އަދި އެހެން ސަރަޙައްދުތައްވެސް ރީވައިޓަލައިޒްކޮށް، އާރޯކަން ގެނެސް، ހިތްފަސޭހަކަން ގެނައުމަކީ ސަރުކާރުގެވެސް ވިސްނުންކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައިވެސް މިކަން ކުރުމަކީ ސަރުކާރުގެވެސް ވިސްނުންކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކުރީގެ ގަޑިބުރުގެ ކޮންސެޕްޓްގައި، އެ ޑިޒައިނާ އެއްގޮތްވާ ގޮތަށް ޒަމާނީ ގޮތްތަކާއިއެކު ޑިޖިޓަލައިޒް ކުރުމުގެ ވިސްނުން އެއަށް ގެނެސްގެން ގަޑިބުރު ތަރައްޤީކުރުމަށް ނިންމީ ހަތަރުވަނަ ދައުރުގެ މޭޔަރުކަމުގައި ޑރ. މުޢިއްޒުއެވެ.

ގަޑިބުރު އަލުން އިމާރާތްކޮށް ތަރައްޤީކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް ކޮމްޕެނީ (އާރް.ސީ.ސީ) ގެ ސީ.އެސް.އާރު މަޝްރޫޢެއްގެ ގޮތުގައި، ސިޓީ ކައުންސިލާ ދޭތެރޭގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.