މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 14 ޑިސެމްބަރ 2024


އަލިފާނުގެ ޙާދިސާއިން ލިބުނު ގެއްލުން ފޫބެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެ.

އަލިފާނުގެ ޙާދިސާއިން ލިބުނު ގެއްލުން ފޫބެއްދުމުގެ މަސައްކަތް މާލެ ސިޓީގެ ވެރިންނާއެކު ކުރައްވަމުން ގެންދަވާކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މި ފަދައިން ވިދާޅުވީ، 12 ޑިސެމްބަރ 2024 ގައި، މާލޭގައި ހުރި، ތިން މިނިސްޓްރީއެއް ހިނގަމުން ދިޔަ ޢިމާރާތް އަދާ ހުލިވި އަލިފާނުގެ ޙާދިސާގައި، އެ ގޯތިރޭގައި ހުރި މާލެ ސިޓީގެ ދެ ސެކްޝަން ހިނގަމުންދިޔަ ޢިމާރާތަށް ލިބުނު ގެއްލުމާ ބެހޭ ގޮތުން، ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

''އެންމެ މުހިންމު ކަމަކީ އެއްވެސް މުއައްޒަފަކަށް އަނިޔާއެއް ނުވެ ސަލާމަތްވިކަން. ގެއްލުންވެފައި ހުރި މިންވަރު އިނގޭނީ ރަނގަޅަށް އެސެސްކުރެވުނީމަ. ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި، އެ ކަން ދެނެގަނެވޭނެ. ދެން މުދަލަށް ވީ ގެއްލުން މި ދަނީ އެސެސްކުރަމުން. މާދަމާ ހިސާބުގައި މި ކަންތައް ވެސް ސާފުވެގެން ދާނެ. މިނިސްޓްރީ ފަރާތުގައި ހުރި ހުރހާ އެއްޗެއް ވަނީ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި.'' މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ހާދިސާއަކީ ވަރަށް ދެރަ އަދި ކަންބޮޑުވެ ވަޑައިގަންނަވާ ޙާދިސާއެއް ކަމަށާއި ލިބުނު ގެއްލުންތަކުން އަރައިގުތަމަށް ކުރަންވީ މަސައްކަތްތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލަރުންނާއި ވެރިންނާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، މި ވަގުތު ކުރަމުންދަނީ، ސަލާމަތް ކުރެވުނު މަޢުލޫމާތު ދެނަގަތުމުގެ މަސައްކަތްކަމަށާއި އޭރުން އަނދައިގެން ދިޔަ ރިކޯޑްތައް ދެނެގަނެވޭނެ ކަމަށެވެ. މޭޔަރ ޢާޒިމް ވިދާޅުވީ އަލިފާނުގެ ޙާދިސާއާ ގުޅިގެން، ނެތިގެންދިޔަ ރެކޯޑްތައް ހޯދުމުގައި، އަންމު ރައްޔިތުނާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި ކޯޓްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް އިންފްރާންސްޓްރެކްޗަރ އާއި ވައިޓަލް ރަޖިސްޓްރޭޝަން ސެކްޝަނުން، މާލޭގެ ރައްޔިތުންނަށް ދެމުންދިޔަ ޚިދުމަތްތައް މެދު ނުކެނޑި ކުރިޔަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށާއި، 15 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހު ވެސް، މި ދެ ސެކްޝަނުން ކުރިން ވެސް ދެމުންދިޔަ ޚިދުމަތްތައް ދެއްވާނެކަމަށެވެ. ''މި ކަހަލަ ކާރިސާތަކުން އަޅުގަޑުމެނަށް ފިލާވަޅު ލިބިއްޖެނަމަ ކިތަންމެ ހާވެސް ރަނގަޅު. އަޅުގަޑުމެން އަދި ވެސް މަސައްކަތް ކުރަމުން މި ދަނީ، އެންމެ ކުރީގެ މުނިސިޕަލްޓީން ޚިދުމަތް ދިން ކަހަލަ ބައްޓަމަކަށް. ކަމެއް ރަނގަޅު ކުރާނެ ވަސީލަތާއި މަގުތައް ފެނިފައި ހުރިހެން އަޅުގަޑުމެންގެ ފަސްމަގުގައި ނެތް. ސިޓީ ކައުންސިލު ވަނީ އެ ތައް ތަނަކަށް ބަދަލުވެފައި. ބިއްލޫރިޖެހިގެއިން، މާފަންނު މަދުރަސާ ކައިރިއަށް ގެނެސް ފައިލު ތައް އަޅާލި. ދެން އަނެއްކާ ގެންގޮސް ހައުސިން މިނިސްޓްރީ ބަޔަކަށް ވައްދައިފި. ހަމައަކަށް އަޅުވައިގެން ރީތިކޮށް މަސައްކަތް ރުކުރުވާލެވޭނެ ގޮތަކަށް މާހައުލެއް ނެތް.'' މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

އަލިފާނުގެ ޙާދިސާއާ ގުޅިގެން ރާއްޖެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މަސައްކަތް މިހާރު ހިނގަމުންދަނީ މާލޭގެ އެކި ހިސާބުގައި ހުރި 7 ޢިމާރާތެއްގައި ކަމަށާއި، މި ކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށް ދިނުމަށް އިންތިހާއަށް ދަތިވާ ކަމަށެވެ. އެހެން ކަމުން، މި ދަތިތައްކުން އަރައިގަތުމަށް، މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް އެއް ތަނަކުން ދިނުމަށް ޓަކައި، އެ ކަމަށް ބޭނުންވާ ޢިމާރާތެއް އެޅުމުގެ ޢަމަލީ މަސައްކްތް ފެމުމަށް ތައްޔާރުވެފައިވާކަން އެ މަނިކުފާނު ވިދާޅުވިއެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، އެ މަނިކުފާނުގެ މެޔަރުކަމުގެ ދައުރު ނިމޭއިރު، މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދޭނެ ޢިމާރާތެއް ބިނާކޮށް، މާލެ ސިޓީގެ ހުރިހާ ލިޔެކިޔުންތައް ޑިޖިޓަލް ކުރައްވާނެ ކަމަށެވެ.