ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފްޑް ފެއަރ މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް ޢާޒިމް ބައްލަވާލައްވައިފި އެވެ.
މި މަހުގެ 23 އިން 26 އަށް ކުރިއަށްދާ މި ފުޑްފެއާ އިންތިޒާމް ކޮށްފައި ވަނީ، އަވަށްޓެރި އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުންނެވެ. ފެއާރ ހުޅުވިފައި ހުންނަ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. އަދި މި ފެއަރ ޚާއްޞަ ކޮށްފައި ވަނީ ދިވެހި އުފެއްދުން ތަކަށެވެ.
މި ފެއަރގައި މާލެ ސިޓީ ކައުންސިލްގެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ޚާއްސަ ސްޓޯލެއްގެ އިތުރުން ދިވެހި އުފެއްދުން ތަކުގެ ސްޓޯލަކާއި އިންޑިއާގެ ސްޓޯލެއް ވެސް ހުރެއެވެ.
ޑަބްލިއުޑީސީގެ ސްޓޯލްގައި ވިއްކަން ހުރި ބައެއް ތަކެތީގެ ތެރޭގައި ފުފޫ ކަނދި ހަނޑޫ، ގުޅަ، ފަޅޯ ފަނި، ރިހާކުރު ފަތަފޮޅި، ކަށިކެޔޮ ފޯއެއް، ކަދުރު އަސާރަ، އަނބު އަސާރަ، ކަށިކެޔޮ ކަނދި، ހުނި ހަކުރު، ފެނުކެއްކި ގުޅަ، ބޮޑި ބަތް، މެޓާ ގަނޑު، ސާގު ފަނި، ކުޅި މަސް، އަދި ވެސް ދިވެހި އެތައް އުފެއްދުންތަކެއް ހިމެނެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފުޑް ފެއަރ ޒިޔާރަތްކުރައްވައި، މޭޔަރ ޢާޒިމް ވަނީ ޑަބްލިއުޑީސީގެ ސްޓޯލަށް ވަޑައިގެން، އެ ސްޓޯލުން ވިއްކަން ހުރި ބައެއް ތަކެތި ބައްލަވައިގަނެފައެވެ.
މީގެ އިތުރުން އެހެން ސްޓޯލްތަކަށް ޒިޔާރާތް ކުރައްވާ އެ ސްޓޯލްތަކުން ވިއްކަން ހުރި ބައެއް ތަކެތި ވެސް މޭޔަރު ވަނީ ބައްލަވައިގަނެފައެވެ. އަދި ސްޓޯލް ތަކުގައި ތިއްބެވި ފަރާތްތަކަށް މޭޔަރ ބައްދަލު ކުރައްވާ، ދިވެހި އުފެއްދުންތަކަށް ޚާއްޞަކޮށްގެން ކުރާ ކުދި ވިޔަފާރިތަކަށް ކުރުމަތިވާ ބައެއް ގޮން ޖެހުން ތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެވެން ހުރި ބައެއް ކަންކަމުގެ ޚިޔާލުވަނީ ހޯއްދަވާފައެވެ.
ފުޑް ފެއަރއަށް މޭޔަރ ޢާޒިމް މި ކުރެއްވި ޒިޔާރަތުގައި ހުޅުމާލެ ކައުންސިލަރު އަލީ އައިމަން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.