މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތުގެ މަސައްކަތުގެ ތެރެއިން ފައުންޑޭޝަންގެ މަސައްކަތް ނިމިއްޖެ އެވެ.
ކައުންސިލްގެ އައު އިމާރާތުގެ އެންމެ ފަހުގެ މައްސައްކަތްތަކާ ގުޅޭ ގޮތުން ދާދި ފަހުން ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މަސައްކަތް، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އެކި ޢިމާރާތްތަކުގައި ކުރަން ޖެހުމަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގު މަސައްކަތްކުރައްވާ، މުވައްޒަފުންނަށް ވެސް ދަތި އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.
" މި ވަގުތު މާލެ ސިޓީ ކައުންސިލުން ޚިދުމަތް ދެމުން އަންނަނީ އެކި ސަރަހައްދު ތަކުގައި ހުރި 9 އިމާރާތެއްގައި. މިހެން ވުމުގެ ސަބަބުން ޚިދުމަތް ހޯދަން ބޭނުންވާ ރައްޔިތުންނަށް ދަތި އުދަނގޫތަކާ ކުރިމަތިވޭ. " މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ހުރިހާ ސެކްޝަނެއް އެއް އިމާރާތަކަށް ބަދަލުވުމުން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑުތަނުން ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އޭރުން ކައުންސިލްގެ މުވައްޒަފުންނަށް ވެސް ރަނގަޅު މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް މޭޔަރ ޢާޒިމްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.
ކައުންސިލްގެ އައު ޢިމާރާތުގެ 25 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ކޮންކްރީޓުގެ ހުރިހާ މަސައްކަތެއް އަންނަ ޖޫން މަހުގެ ފުރަތަމަ ހަފްތާތެރޭގައި ނިންމަން މިހާރު ވަނީ އަމާޒް ހިފައިފައެވެ.
މާލެ ސިޓީ ކައުންސިލްގެ އައު އޮފީސް ޢިމާރާތް ހުންނާނީ އާންމު ޚިދުމަތްތަކާ ބެހޭބައިގެ މަސައްކަތްތައް ހިނގަމުންދާ ތައިސޭ ކޮށީގައެވެ. 20 ހާސް އަކަފޫޓުގެ ބިއްމެއްގައި ޢިމާރާތް ކުރާ މި އައު އޮފީސް ޢިމާރާތް ކުރަނީ2 ފްލޯއަށެވެ.