މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 22 އޭޕްރިލް 2025


ޢުމުރުން ދުވަސްވީ ބޭފުޅުންނަކީ ހިތުގައި އަބަދު ވެސް ޚާއްޞަ މަޤާމަކާއި ގަދަރެއް ދެވިފައިވާ ބައެއް: ޑެޕިއުޓީ މޭޔަރ އަރީޝް

ޢުމުރުން ދުވަސްވީ ބޭފުޅުންނަކީ ހިތުގައި އަބަދު ވެސް ޚާއްޞަ މަޤާމަކާއި ގަދަރެއް ދެވިފައިވާ ބައެއް ކަމަށް، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ މޭޔަރ އަރީޝް މި ފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގައި މަސައްކަތްކުރައްވާ، 50 އަހަރާއި 60 އަހަރުން މަތީގެ ބޭފުޅުން، ޑިމެންޝިއާއަށް ސްކްރީން ކުރުމަށް، ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައިގައި ކުރިއަށް ދިޔަ އިންވެންޓު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑެޕިއުޓީ މޭޔަރ އަރީޝް ވިދާޅުވީ، މިއަދު ޤައުމުގައި މި އޮތް، އިސް ރަށްވެހިންގެ އާބާދީއަކީ، ވަރަށް ދަތި އުނދަގޫ ޙާލަތުގައި ބުރަ މަސައްކަތް ކޮށްގެން އަޅުގަނޑުމެން، މި ދެކޭ ޤައުމު އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވި ހިތްވަރުގަދަ ފަހުލަވާނުން ކަމަށެވެ. އެހެން ކަމުން އެ ބޭފުޅުންނަށް ހުރިހައި ކަމެއްގައި، ހުރިހައި ގޮތަކުން އިސްކަން ދޭން ޖެހޭނެ ކަމަށް ޑެޕިއުޓީ މޭޔަރ އަރީޝް ވިދާޅުވިއެވެ.

"ޢުމުރުން ދުވަސްވީ ބޭފުޅުންނަކީ، އަޅުގަނޑުގެ ހިތުގައި އަބަދު ވެސް ޚާއްޞަ މަޤާމަކާއި ގަދަރެއް ދެވިފައިވާ ބައެއް." ޑެޕިއުޓީ މޭޔަރ އަރީޝް ވިދާޅުވި އެވެ.

ޑެޕިއުޓީ މޭޔަރ އަރީޝް ވިދާޅުވ އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސްއިން ހިއްސާކުރި މަޢުލޫމާތަށް ބަލާއިރު، ޑިމެންޝިއާ ނުވަތަ "އަކުސަ" އަކީ ވިސްނުމަށާއި ހަނދާންކުރުމަށާއި ޢާއްމު ދިރިއުޅުމުގައި ގޮތް ނިންމުމަށް އަދި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ކުރުމަށް ދަތިވާ ދަތިވުންތަކަށް ޢިޝާރާތްކޮށް ބޭނުންކުރާ ލަފުޒެއް ކަމަށެވެ. ދިރާސާތަކުން ހާމަވާގޮތުގައި، ކޮންމެ 10 މީހަކުން 1 އަށް ޑިމެންޝިއާގެ އަސަރުކުރާ ކަމަށް ވެސް ޑެޕިއުޓީ މޭޔަރ އަރީޝް ވިދާޅުވި އެވެ.

މީގެ އިތުރުން ޑެޕިއުޓީ މޭޔަރ އަރީޝް ވިދާޅުވީ، ޑިމެންޝިއާއިން ވެސް އަދި މި ފަދަ އެހެން ޞިއްޙީ ގޮންޖެހުންތަކުން ވެސް ސަލާމަތްވުމަށް، ކެއިންބުއިމުގައި ރީތި އާދަތައް ގެންގުޅުމުގެ އިތުރުން ހެލިފެލިވެ މުޖުތަމަޢުގެ ތެރެއަށް ނުކުމެ އުޅުން މުހިންމު ކަމަށެވެ.

ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައިގައި އިއްޔެ ކުރިއަށް ދިޔަ މިހަރަކާތުގައި އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސްގެ މެމްބަރުންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ، ކައުންސިލަރުންނާއި ކައުންސިލްގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.