މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 22 އޭޕްރިލް 2025


މޭޔަރ ޢާޒިމްގެ އާދޭސް: މާލޭގެ މަގުތަކަށް ކުނި ނާޅުއްވާ!

މާލޭގެ ރައްޔިތުންނަށް، ސާފު ރީތި މާލެއެއް ހޯދައިދިނުމަށް، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުންއަންނަ އުނދަގޫ، ބުރަ، ޚަރަދު ބޮޑު، މަސައްކަތްތަކަށް އެއްބާރުލުންދީ، މާލޭގެ މަގުތަކަށް، އެއްވެސް ފަރާތަކުން ކުނި ނޭޅުމަށް، އަނެއްކާ ވެސް މޭޔަރ ޢާޒިމް އެދިވަޑައިގެންފިއެވެ.

މޭޔަރ ޢާޒިމް މި ކަމަށް އެދި ވަޑައިގަތީ، މާލެ ސިޓީ ކައުންސިލްގެ އެކްސް އެކައުންޓް މެދުވެރިކޮށް، ސޯޝަލް މީޑިއާއަށް ފޮނުވި، ކުޑަ ވީޑިއޯ އިންޓަވިއުއެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުގައި ހުންނަ އެކި އެކި ބޯޑްތަކުގެ މަތީގައާއި އަދި އެ ނޫން ވެސް އެކި އެއްޗެހި މަތީގައި ކުނި ބަހައްޓައިފައި ހުންނަކަން އަދި ވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށާއި، އެ ކަންކަން އެ ގޮތަށް ނުކުރެއްވުމަށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އަރިހުން ވަރަށް އާދޭހާއެކު އެދޭ ކަމަށެވެ.

"އަޅުގަނޑު ހުރިހާ ރައްޔިތުންގެ އަރިހުން ވަރަށް ބޮޑަށް އެދެން މާލޭ ގެ މަގުތަކަށް ކުނި ނޭޅުއްވުމަށް. އާދޭހާއެކު އެދެން މި ކަންތައްތައް މި ގޮތަށް ނުކުރުމަށް." މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ރެއާ ދުވާލު މަސައްކަތް ކުރައްވަމުން އެގެންދަނީ، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ސާފު ރީތި މާލެއެއް ހޯދައި ދެއްވުމަށް ކަމަށެވެ. އަދި މި ކަން ހާސިލް ކުރެވޭނީ މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއެކު، އެ ރައްޔިތުންގެ ވެސް ޒިންމާތަކެއް ނަންގަވައިގެން ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ މަގުތަކަށް ކުނި އެޅުމުގެ ބަދަލުގައި، ކުނި އުކަން ހުންނަ ތަންތަން ނުވަތަ ޑަސްބިނަށް ކުނިއެޅުމަށް ހުރިހާ ރައްޔިތުން ވެސް އެހީތެރި ވެދެއްވުމަށެވެ. އަދި މާލޭގެ ފަޅުތެރެއަށާއި މޫދަށް ވެސް، އެއް ވެސް ފަރާތަކުން ކުނި ނޭޅުމަށް މޭޔަރ ޢާޒިމްގެ ވީޑިއޯ މެސެޖުގައި އާދޭހާއެކު ރައްޔިތުންގެ ކިބައިން އެދި ވަޑައިގެންނެވިއެވެ.

މާލެ ސިޓީގެ ކޮންމެ މަގަކީ ވެސް ހިތް ފަސޭހަ ކަމާއެކު އޮންނަ މަގަކަށް ހެދުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ބޭނުވާ ކަމެކެވެ. މަގުތަކުގައި ހުނަ ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކި ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އެ ކަމަށް ހައްލު ހޯދުމަށް މާލެ ސިޓީގެ މޭޔަރ ޢާޒިމްގެ އިރުޝާދާ ލަފާފުޅުގެ މަތިން މާލެ ސިޓީގެ މަގުތަކަށް ކުނި ފަދަ ތަކެތި ނޭޅުމަށް މީގެ ކުރިން ވެސް ކައުންސިލުން އަންނަނީ ތަކުރާރުކޮށް އަންގަމުންނެވެ.